އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ނަރަކައިގެ ޢަޛާބުން ކުޑަ މިންވަރެއް! އެ ނަރަކައާމެދު ބިރުވެތިވެ ތިމާ އާ ޢާއިލާ ސަލާމަތްވާން މަސައްކަތްކުރޭ!: ޑރ. އިޔާޟް

މިއީ ނަރަކައިގެ ޢަޛާބުން ކުޑަ މިންވަރެއް! އެ ނަރަކައާމެދު ބިރުވެތިވެ ތިމާ އާ ޢާއިލާ ސަލާމަތްވާން މަސައްކަތްކުރޭ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 21 ސިކުންތު

މީގެ ކުރީގެ ބައްދަލުވުމުގައި އަޅުގަނޑުވާނީ ތިބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކުގެ ވާހަކައާއި އަދި ސުވަރުގެ ވަންތަ ވެރިންގެ ސިފަތަކަކީ ކޮބައިކަމުގެ ވާހަކަ ކިޔައިދީފައި. މިއަދުގެ މަޢުލޫއަކީ ނަރަކައިގެ ނުރައްކާތެރިކަން. ނަރަކައިގެ ނުރައްކާތެރިކަމަކީ އެނަރަކައިގެ އަލިފާންގަނޑުން އަމިއްލަ ނަފްސު ސަލާމަށްކުރުމަށާއި އަދި އަހުލުވެރިން ސަލާމަތްކުރުމަށް! ﷲ ސުބްހާނަހޫ ވަތަޢާލާ އަމުރުކުރައްވާފައިވާކަން ސޫރަތުލް ތަރްޙީމްގެ ހަވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ، 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލްވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)  

"އޭއީމާންވެއްޖެ މީސްތަކުންނޭވެ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި އަދި ތިއަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތް ކުރާށޭ. އެނަރަކައިގެ ދަރެއްކަމުގައިވާނީ އަނދައަނދާ ހުންނަ މީސްތަކުންނާއި އެނަރަކައިގެ ތެރޭގައި ވާނީ ގަދައަށް ހުޅުހިފާފަދަ ހިލަތަކޭ. އެނަރަކައިގެ އަޛާބު ނުވަތަ އެނަރަކަ ބެލެހެއްޓުމަށްޓަކައި ހިތްހަރު ހަރުކަށި މަލާއިކަލްބޭކަލުން ﷲ ސުބްހާނަހޫ ވަތަޢާލާ ލައްވާފައިވޭ. ﷲ ސުބްހާނަހޫ ވަތަޢާލާ އެބޭކަލުންނަށް ކުރެއްވި އެއްވެސް އަމުރަކަށް އެބޭކަލުން ނުކިޔަމަންތެރިވެވަޑައިއެއް ނުގަންނަވާނޭ. އަދި އެބޭކަލުންނަށް ﷲ އަމުރުކުރެއްވި ކޮންމެ ކަމެއް އެބޭކަލުން ފުރިހަމައަށް ކުރައްވާނޭ!" 

އާދެ! ނަރަކައިގެ ނުރައްކާތެރިކަމުގެ ވާހަކަ އަދި ނަރަކައިގެ ތެރޭގައި ނަރަކައިގެ އަހުލުވެރިންނަށް ދެވޭނެ އަޛާބުގެ ވާހަކަ ކީރިތި ޤުރުޢާންގައްޔާއި އަދި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައި ވަރަށް ގިނައިން އައިސްފައިވޭ.  

އޭގެ ތެރެއިން އެއްއާޔަތެއްގައި ﷲ ވަހީކުރައްވަވަނީ "އެދުވަހުން، އެބަހީ ޤިޔާމަތްދުވަހުން ކުށްވެރިން އެކުއެކީގައި ކަސްތޮޅު އެޅިފައިވާތަން ކަލޭގެފާނު ދެކިވަޑައިގަންނަވާނެއޭ. އެއުރެންގެ ފޭރާންވާނީ ކަތުރާނުންނޭ. އަދި އަލިފާން އެއުރެންގެ މޫނުމަތިން، އެއުރެންގެ މޫނު މަތީގައި އަލިފާނުގެ އަސަރުތައް ފެންނަން ހުންނާނެއޭ." 

އަދި އެހެން އާޔަތެއްގައި ﷲ ވަހީކުރައްވަނީ "ދެންފަހެ ކާފަރުވި މީހުން އަލިފާނުން ހެދުމެއް އެބައިމީހުންނަށްޓަކައި ތައްޔާރުކުރެވޭނެއޭ. އެބައިމީހުންގެ ބޯތަކުގެ މަތިން ކެކިކެކި ހުންނަ ހޫނުފެން އޮއްސާލެވޭނެއޭ." ކޮންފަދަ ނުރައްކާތެރިކަމެއްތޯ؟   

ނަރަކައިގެން އަހުލުވެރިން އެމީހުން ނަރަކައިގެ މިފަދަ ގަދަފަދަ އަޛާބު ލިބެމުންދާއިރުގައި ބައެއް ބޭފުޅުން ހިއްޕުޅަށް ފަހަރެއްގައި އަރާވަޑައިގެންފާނެ ފަހަރެއްގައި އެމީހުން އެއަޛާބުގައި ހަލާކުވެގެން ދެން އެހިސާބުން ނިމިގެންދާނެއޭ. އެހެނެއްނޫން. އެހެންނުވާނެކަން އަންގަވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވަނީ "ތިމަން ﷲ ގެ އާޔަތްތަކަށް ކާފިރުވި މީހުން ތިމަންﷲ ތިއަބައިމީހުން ނަރަކައިގެ ތެރެއަށް ވައްދަވާނަމޭ. އެމީހުންގެ ހަންގަނޑުތައް ވިރިގެން ދިޔައީމާ އެބައިމީހުންނަށް އަޛާބުގެ ރަހަ ފެނުމަށްޓަކައި އަނެއްކާ އެހެން ހަން އަރުއްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެހުރިހާކަމެއް އެގޮތަށް ކުރައްވާނެ. ހަންގަނޑު ވިރިގެން ދިޔައީމާ އަނެއްކާ އެހެން ހަންގަނޑެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް އަނެއްކާ އެހަންގަނޑު ވިރިގެން ދިޔައީމާ އަނެއްކާ އެހެން ހަންގަނޑެއް އެބައިމީހުންގެ ހަށިގަނޑަށް ލެވިގެން އެބައިމީހުންގެ އަޛާބުގެ ވަރުގަދަ ރަހަ އަބަދާ އަބަދު ދެކިދެކި ހުންނާނެ.   

އާދެ! އެއޮއްފަދަ ހޫނުކަން ގަދަ އަލިފާނުގެ ތެރޭގައި އެބައިމީހުންނަށްޓަކައި އެއަލިފާންގަނޑު ފިނިކޮށްދޭނެ އެއްވެސް އެއްޗެއް އަދި އެއަލިފާންގަނޑުގެ ތެރޭގައި އެބައިމީހުން ހޭދަކުރަންޖެހޭތީ ހޫނުގަދަވުމުގެ ސަބަބުން ކަރުހިއްކުން ފިލުވާލާނެ އެއްވެސް އެއްޗެއް އެބައިމީހުންނަކަށް ނުލިބޭނެ.

ﷲ ވަހީކުރައްވަނީ "އެމީހުންނަށް އެތަނުން ހޫނުކަން ފިލުވާލާނެ ފިނިކަމެއް ނުލިބޭނެ. އަދި ކަރު ހިއްކުން ފިލުވާލާނެ ބުއިމެއްވެސް އެބައިމީހުންނަކަށް ނުލިބޭނެ."  

އާދެ! އެމީހުން ކަރު ހިއްކައިގަނެގެން ފެނަށް އާދޭސްކުރާ ހާލުގައި އެބައިމީހުންނަށް ދެވޭނެ ބުއިމެއް. އެއީ ހަމީމް ވަޤައްސާޤް، އެއީ ކެކިކެކި ހުންނަ ހޫނު ފެން އެއްޗެއް! އޭގެ ތެރެއިން އެމީހުންގެ ގައިން އޮހޮރެމުންދާ ފާދިޔަ އެއްކުރެވިގެން އެމީހުންނަށް އެއެއްޗެއް ބޯންދެވޭނެ. އެބޯންދެވޭއިރުގައިވެސް އޭގައި ހުރި ހޫނުކަމާއި އޭގައި ހުރި ނުރައްކާކަން ބަޔާންކުރައްވަމުން ﷲ ވަހީކުރައްވަނީ "އެބައިމީހުން ފެނަށް އެދިގެން އާދޭސްކުރީމާ، ފެނަށް ކަރުހިއްކައިގަނެގެން ފެންފޮދަކަށް އެދިގެން އާދޭސްކުރީމާ ތެޔޮ ކުނޑިތަކެއްހެން ހުންނަ ހޫނުކަން ގަދަ ފެނެއް އެބައިމީހުންނަށް ބޯންދެވޭނެ."  

އާދެ! އެކެކިކެކި ހުންނަ ހޫނުފެން ތެޔޮ ކުނޑިތަކެއްހެން ހުންނަ ހޫނު ފެނެއް، އެފެން އެބައިމީހުން ބުއިމަށްޓަކައި ހަމައެކަނި އަނގަޔާ ކައިރިކޮށްލާތަނުން މޫނުގެ މަސްތައް ވިރިގެން ފައިބައިގެންދާނެ. އަދި ކޮބައިތޯ އެބުއިމާއެކީގައި އެމީހުންގެ ގޮހޮރުތައް ވިރިގެން ފައިބައިގެންދާނެ.  

އާދެ! އެހުރިހާ އެއްޗެއް ވިރިގެން ދިޔަކަމުގައި ވިޔަސް އަނެއްކާވެސް އެމީހުންނަށް އެއިހު ހުރިފަދައިން އެގުނަވަންތައް އެއެއްޗެއް ލައްވައި އަނެއްކާ އެމީހުންނަށް އެރަހަ ނަރަކައިގައި އަޛާބުގެ ރަހަ ދެއްކުމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންނަށް އެހުރިހާ އަޛާބެއް ދައްކަވާނެ.  

ކޮންމެއަކަސް ވަރަށް ނުރައްކާތެރި ތަނެއް މިނަރަކައަކީ. ނަރަކައިގެ ނުރައްކާތެރިކަން ބަޔާންކުރައްވާ ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ނަރަކައިގެ އަލިފާނުގެ ހޫނުގަދަކަން ބަޔާންކުރައްވާ ހަދީޘްކުރައްވަނީ އާދަމްގެ ދަރިން ދުނިޔޭގައި މިއަންދާ އަލިފާނަކީ އަލިފާނުގެ ހޫނުމިނަކީއެއީ ނަރަކައިގެ އަލިފާނުގެ ހަތްދިހަބައިކުޅަ އެއްބައޭ. 

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން! ނިކަން ވިސްނަވާ. އަޅުގަނޑުމެން މިދުނިޔޭގައި މިއަންދާ އަލިފާނުގައި އަޅުގަނޑުމެން މިއުޅެނީ އަލިފާން ދަނޑިއެއް ކަނޑާލާފައި އަލިފާންކޮޅު ނިއްވާލާފައިވެސް އިނގިލި ކުރީގައި ޖައްސާލައިގެން ސިކުންތެއްހާ ހަމައަށްވެސް ކެއްނުކުރެވިގެން. އަދި ދެން ކޮބައިތޯ އެއަށްވުރެ ހަތްދިހަ ގުނަ ހޫނުކަން ގަދަ އަލިފާންގަނޑެއްގެ ތެރޭގައި ހުންނަން ޖެހިއްޖެނަމަ އެތަނުގެ ނުރައްކާތެރިކަން؟ ވިސްނާ ފިކުރުކުރައްވާ!  

ނަރަކައިގެ ފުންމިން ބަޔާންކުރައްވަމުން ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ކިބައިން އަބޫ ހުރައިރާ ރަޟިއަﷲ އަންހު ތަޢާލާ ރިވާކުރައްވި ހަދީޘެއްގައި ވަނީ ތިމަންމެން އެއްދުވަހު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ އަރިހުގައި މަޖްލިހެއްގައި ތިއްބާ ވަރަށް ބާޑު އަޑެއް ގޮވިއޭ. އެހިނދުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ތިމަންނަމެންނަށް ސުވާލުކުރެއްވެވިއޭ "އެއީ ކޮން އަޑެއްކަން ތިއަބައިމީހުންނަށް އެނގޭތޯއޭ؟"  

އެހިނދުގައި ޞަހާބީން ދަންނަވަނީ ﷲ ގެ ރަސޫލާއޭ ތިމަންމެނަށް ނޭނގެއޭ! އެހިނދު ހަދީޘްކުރައްވަނީ "އެއީ ހިލައެކޭ. މީގެ ހަތްދިހަ އަހަރުކުރިން ﷲ ސުބްހާނަހޫ ވަތަޢާލާ ނަރަކައިގެ ތެރެއަށް ވައްޓަވާލެއްވި ހިލައެކޭ! މިހާރު އެހިލަ ވެއްޓިގެންގޮސް ނަރަކައިގެ އެންމެ އަޑީގައި ޖެހުނު އަޑޭ އެއިވުނީ."  

އޭގެ މާނައަކީ ހަތްދިހަ އަހަރުގެ ރާސްތާއަށް އެހިލަ ދަތުރުކޮށްފައިގޮސް ނަރަކައިގެ އެންމެ ފުލުގައި އެޖެހުނީ! އެހާވެސް ފުން އެހާވެސް ހޫނުކަން ގަދަ! އެހާވެސް ނުރައްކާތެރި ތަނެއް އެނަރަކައަކީ.!  އެހެންވީމާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން އެ ނަރަކައިން ސަލާމަތްވުމަށްޓަކައި ގަދައަޅާ މަސައްކަތްކުރަންޖެހޭ!  

ވީހާވެސް ގިނައިން ހެޔޮ ޢަމަލުތައްކޮށް ނަރަކައިން ސަލާމަތްކޮށްދެއްވުން އެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާ ދަންނަވައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ހާޞިލްވުން އެދި މަސައްކަތްކޮށް އެކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާ ދަންނަވަން ޖެހޭނެ. 

ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ސުވަރުގޭގައި ދާއިމީ ނިއުމަތް ލިބިގެންވާ ނަރައިގެ އަޛާބުން ސަލާމްވެގެންވާ ބައެއްކަމުގައި ލައްވާށި! އާމިން 

- ޑރ. މުހައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަސް ދެއްވި ޚާއްޞަ ދަރުސަކުން  

- ދަރުސްގެ ވީޑިއޯ: 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް