އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަޙްމަތުގެ މަލާއިކަތުން ތިމާގެ މަރު ހިއްޕަވަން އެދޭ މީހާ ވިސްނުންތެރިކަމާއެކު މަރުވާ ވަގުތު ހިނގާ މިކަންކަމަށް ވިސްނައިލާށެވެ!

ރަޙްމަތުގެ މަލާއިކަތުން ތިމާގެ މަރު ހިއްޕަވަން އެދޭ މީހާ ވިސްނުންތެރިކަމާއެކު މަރުވާ ވަގުތު ހިނގާ މިކަންކަމަށް ވިސްނައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 9 ސިކުންތު

ތިބާ ބޭނުންނަމަ ކުޅިވަރާއި މަޖާ ދޫކޮށްލައިގެންވެސް ދުނިޔޭގައި އުޅެވިދާނެއެވެ! ނަމަވެސް މަރުގެ ސަކަރާތަކުން ނުފިލޭނެއެވެ! އަރައި ހަމަކޮށް އަތުލައިގަންނާނެއެވެ. އެންމެބިރުވެރި ވަގުތަކީ އެއީ އެވެ. އަދި އެންމެ މުހިންމު ވަގުތަކީވެސް އެއީއެވެ. 

ތިމަންނާގެ މަރު ހިއްޕަވަން ވަޑައިގެން ތިއްބެވީ ރަހްމަތުގެ މަލާއިކަތުންކަން ނުވަތަ ޢަޒާބުގެ މަލާއިކަތުންކަން މަރުވާ މީހާއަށް އެނގޭނެއެވެ. އެހެނީ އޭނާގެ ލޮލަށް ފެންނާނެއެވެ. ނަމަވެސް އެނާއަށް އެވާހަކަތައް ދުލުން ވިޔަސް އިޝާރާތުންވިޔަސް ނުބުނެވެނީއެވެ. އެކަމުގެ ބާރު ﷲ ތަޢާލާ ނުދެއްވަވަނީއެވެ! 

"ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމައަށް ފުރާނައައިސް ނޭވާހޮޅިއަށް އެޅިއްޖެހިނދެވެ. (83)

އަދި އެހިނދު، ތިއަބައިމީހުން ބަލަބަލައި ތިބެމުއެވެ. (84)

އަދި ތިއަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިއަބައިމީހުންނަކަށް ނުފެނެތެވެ، (85)

ފަހެ، ތިއަބައިމީހުންނީ، ޢަމަލު ތަކަށް ޖަޒާ ނުލިބޭނެ ބައަކުކަމުގައިވާނަމަ، ތިއަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. (86) 

"ތިއަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިއަބައިމީހުންނަކަށް ނުފެނެތެވެ" އޮތް ބަސްފުޅުގެ މާނައަކީ މަރުވާ މީހާ އާއި ކިތަންމެ ގާތުގައި ޖެހިފިތިގެން ޢާއިލާގެ މީހުން ނުވަތަ ޑޮކްޓަރުން ނުވަތަ އެނޫން ވެސް ބައަކު ތިބި ނަމަވެސް އެތިބޭ ބައަކަށްވުރެ މާ ގާތުގައި ﷲ ތަޢާލާ ފޮނުއްވަވާ މަލާއިކަތްބޭކަލުން ތިއްބަވާނެ ކަމެވެ. 

ﷲ ތަޢާލާ އެންގެވި ގޮތުގައި އުޅުނު މީހުންގެ މަރު ހިއްޕަވަން ފޮނުއްވަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ. ނުބައިކޮށް އުޅުނު މީހާގެ މަރުހިއްޕަވަން ފޮނުއްވަވާނީ ޢަޛާބުގެ މަލާއިކަތުންނެވެ. 

"ފަހެ، ތިއަބައިމީހުންނީ، ޢަމަލު ތަކަށް ޖަޒާ ނުލިބޭނެ ބައަކުކަމުގައިވާނަމަ، ތިއަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ." މި ބަސްފުޅާއިމެދު ފުންކޮށް ވިސްނައިލާށެވެ! 

ދުނިޔޭގައި މާބާރުގަދަ މީހަކަށްވެގެން އުޅޭއިރު ބިރުވެތިވާންވީ މިހާލަތަށެވެ! ޙަޤީޤަތުގައި ތިމާއަކީ އެއްވެސް އާރެއް ބާރެއް ހުރި މީހެއްނަމަ މަލާއިކަތުން އެމީހެއްގެ ހަށިގަނޑުން ފުރާނަ ނެރުއްވެވުމުން އަލުން ވައްދުވަންވީ ނޫން ހެއްޔެވެ؟ ތިމާ އަކީ މާބޮޑެތި ބާރުތަކެއް ލިބިގެންވާ މީހަކު ކަމަށް ޤަބޫލުކުރެވި ގަދަ ބަސް ބުނާ ބުނުމަކީ އެއްވެސް ޙަޤީޤަތެއް އޮތް ކަމެއް ނަމަ ފުރާނަ އަނބުރައި ހަށިގަނޑަށް ނުވައްދުވަނީ ކީއްވެގެން ހެއްޔެވެ؟  

މީސްތަކުންނޭވެ! ކީރިތި ޤުރްއާނުގެ އާޔަތްތައް ﷲ ތަޢާލާ ބާވައިލެއްވެވީ ހަމައެކަނި އެއިގެ ދެލިގަނޑު ކިޔާފައި ނިންމައިލުމަކަށް ނޫނެވެ! ވިސްނައި ފިކުރުކޮށް އާޚިރަތް ކާމިޔާބު ކުރުމަށެވެ!

ތިމާ ބާއްވާ ޙަފްލާތަކަށް ދައުވަތުދޭނެ ބައަކު ކަނޑައެޅުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވެއެވެ. ނަމަވެސް މަރު ހިއްޕަވަން ފޮނުއްވަވާނެ މަލާއިކަތުން ކަނޑައަޅުއްވަވަނީ މާތް ﷲ އެވެ. އެމީހަކު ދުނިޔޭގައި ހުރެ ކުޅަ ޢަމަލުތަކުގެ މައްޗަށެވެ. ވީމާ މަރު ހިއްޕަވަން ރަހްމަތުގެ މަލާއިކަތުންނަށް ދަޢުވަތު ދިނުމަށް އެދޭ މީހާ ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! ފާފަކުރުމުން ދުރުހެލިވާށެވެ! ގިނަގިނައިން ތައުބާވާށެވެ! 

- މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު  

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް