އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު ދެ މުޢާހަދާއެއް ރާއްޖެއިން ތަޞްދީޤުކުރުމަށް ލަފާދެއްވައިފި

އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު ދެ މުޢާހަދާއެއް ރާއްޖެއިން ތަޞްދީޤުކުރުމަށް ލަފާދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު

އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު ދެ މުޢާހަދާއެއް ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމެވި 2 މުޢާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" އާއި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" އާ ބެހޭ މުޢާހަދާއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅުއްވި 2 ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" މުޢާހަދާ އަކީ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް )އައި.ސީ.އީ.އެސް.ސީ.އާރު( ގެ ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން އައި.ސީ.އީ.އެސް.ސީ.އާރު ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދޭ މުޢާޙަދާއެކެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވަތީ، އެންމެ ފުރިހަމަ މާނައިގައި އައި.ސީ.އީ.އެސް.ސީ.އާރު އަށް ޢަމަލުކުރުމަށްޓަކައި މިމުޢާޙަދާ ތަޞްދީޤުކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

އަދި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" މުޢާހަދާ ތަޞްދީޤުކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކަތެރިކުރުމަށް ދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެ، ދިވެހިރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" މުޢާޙަދާ ފާސްކޮށްފައިވަނީ، އ.ދ. ގެ ޢާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި މި މުޢާޙަދާ ސޮއިކުރުމަށް ޤައުމުތަކަށް ހުޅުވާލާފައިވަނީ، 24 ސެޕްޓެމްބަރު 2009 ގައެވެ. ދިވެހިރާއްޖެއިން ވަނީ 21 ސެޕްޓެމްބަރު 2011 ގައި މިމުޢާޙަދާގައި ސޮއިކޮށްފައި ވީނަމަވެސް ދިވެހިރާއްޖެއިން އަދި މުޢާޙަދާ ތަޞްދީޤުކޮށްފައިނުވެއެވެ. މިއަދާ ހަމައަށް މިމުޢާޙަދާ ތަޞްދީޤުކޮށްފައިވަނީ މިމުޢާޙަދާގައި ސޮއިކޮށްފައިވާ 45 ޤައުމުގެ ތެރެއިން 24 ޤައުމަކުންނެވެ.

"އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" މުޢާހަދާ އެޑޮޕްޓްކޮށްފައިވަނީ 20 ޑިސެންބަރު 2006 ގައި އެމެރިކާގެ ނިއުޔޯކުގައެވެ. އެ މުޢާހަދާއަށް ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2010 ގައެވެ. އަދި ދިވަހިރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ، 6 ފެބުރުވަރީ 2007 ގައެވެ. މި މުޢާހަދާގައި މިހާތަނަށް 98 ޤައުމަކުން ސޮއިކޮށްފައިވާއިރު، މުޢާހަދާ ތަޞްދީޢުކޮށްފައިވަނީ 62 ޤައުމަކުންނެވެ.

ސީ.އީ.ޑީ މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދިޤުކޮށް އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ޤައުމުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މި ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ. އަދި މިފަދަ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޛުކުރުމަށް ބާރުލިބޭނެ ކަމެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައި ދިނުމާއި، ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާނެ ކަމެއްކަމަށްވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް