އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ބަލި މީހަކަށްވެސް ފަރުވާ ކުރަނިވި މަންފާއެއް!

ކޮންމެ ބަލި މީހަކަށްވެސް ފަރުވާ ކުރަނިވި މަންފާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 35 މިނެޓް, 29 ސިކުންތު

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ސަލާމަތް ޞިއްޙަތެކެވެ. އެހެން ކަމުން މިލިޔުމަކީ އެންމެންނަށްވެސް ވަރަށް ބޮޑަށް ފައިދާކުރާނެ ލިޔުމެއް ކަމަށް ބެލެވެއެވެ. ބަލިވުމާއި ބަލިވުމުން ކުރަންޖެހޭ ކަންކަމާއި އެހީތެރިން ޢަމަލުކުރަންޖެހޭ ގޮތާއި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން ފަދަ ވަރަށް ގިނަ މައުލޫމާތު މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބެއް ކަމަށްވާ ޑރ. ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްޤާސިމްގެ މި ލިޔުއްވުމުގައިވެއެވެ. 

އާޚިރަތުގެ ފޮނިމީރުކަން  : 

ދުނިޔެވީ މިޙަޔާތަކީ އިންސާނާ ހެޔޮޢަމަލުތަށް ކުރުމަށްޓަކައިލައްވާފައިވާ އިމްތިޙާނު ތަކުން ފުރިގެންވާ ގޮވައްޗެކެވެ. ދުނިޔެވީ ޙަޔާތުގައި އަޑިގުޑަންތަކާއި ދަތިއުނދަގޫތަކާއި އަދި ތަފާތު ބަލިތަކުން ސަލާމަތްވެފައިވާ ޢަޅަކު ނުވެއެވެ. ބަލިމަޑުކަމަކީ އިންސާނާގެ އާރާއި ބާރު ނެތި ކޮއްލާއެއްޗެކެވެ. މުއުމިނު އަޅާއަށް ކުރިމަތިވާ މުސީބާތްތަކަކީ ނިއުމަތެކެވެ. އަދި ބަލިތަކާއި ދަތި އުނދަގޫކަމަކީ އޭނައަށްޓަކައި ވާ ހެވެކެވެ. އަޅުގަނޑުމެންގެ ވެރި ހުސްޠާހިރުވަންތަ އިލާހު، މުޞީބާތުގެ ޙާލަތްތަކުގައި އެއިލާހުގެ އަޅުތަކުންނަށް، ރަހުމަތް ވަންތަވެ ވޮޑިގަންނަވައެވެ. އަދި ނިޢުމަތުގައިވާ ޙާލަތްތަކުގައި އެއިލާހުގެ އަޅުތަކުން އިމްތިޙާނު ކުރައްވައެވެ. ދުނިޔެވީ ހަޔާތުގައި ހިތިކަމާއި ކުރިމަތިލާން ޖެހުނަސް، އީމާނުގެ އަހުލުވެރިން ބަލާނީ އާޚިރަތުގައި އޭނާއަށް ލިބޭނެ ފޮނިމީރުކަމަށެވެ. ނިޢުމަތުގެ ތެރެއިން އިންސާނާއަށް ދެއްވެވި ނިޢުމަތް އޭނާގެ މައްޗައްހުރި ބަލިމަޑުކަމަކަށް ބަދަލުވެގެން ދިޔައީ ކިތައް ފަހަރުގައިތޯއެވެ؟. އަދި އެނިޢުމަތްލިބޭނެ މަގުބަންދުވެ މަހުރޫމުވި ނިޢުމަތަކީ، އޭނާއަށް ޝިފާއެއްކަމުގައި ވެގެންދިޔައީ ކިތަށް ފަހަރު ތޯއެވެ.

ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. 

((وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ)) البقرة: (216)  

މާނައީ: “އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.” 

ތިބާއަށް ކުރިމަތިވާ މުޞީބާތްތަކަކީ, ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގެންނަވާކަމުގެ ޢަލާމާތެކެވެ. އަދި އެއީ ސުވަރުގެ އަށް ވާސިލު ވުމަށް ތިބާއަށް ކޮށިގެންދާ މަގެއްކަމުގައި ވެގެން ދެއެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. 

(إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاءِ ، وَإِنَّ اللهَ إِذَا أَحَبَّ قَوْمًا ابْتَلاهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا ، وَمَنْ سَخِطَ فَلَهُ السُّخْطُ)

މާނައީ: “ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަލިބުންވަނީ، ބޮޑުވެގެންވާ މުޞީބާތް ކުރިމަތި ވުމަށް ފަހުގައެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބަޔަކުމީހުންދެކެ ލޯބި ވެވޮޑިގަންނަވައިފިނަމަ، އެބައިމީހުން އިމްތިޙާނު ކުރައްވައެވެ. ފަހެ އެކަމަށް ރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ރުއްސެވުން އެބައިމީހުންގެ މައްޗަށްވެއެވެ. އަދި އެކަމާއި ނުރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ކޯފާ، އެބައިމީހުންގެ މައްޗަށްވެއެވެ.”

(السلسلة الصحيحة”) 1 / 227  

ހެޔޮ ސިއްޙަތަކީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ދެއްވެވި އެންމެ މަތިވެރި އެއް ނިއުމަތެވެ. އަދި އެއީ މަތިވެރި ދީލަތިވަންތަ ވެވޮޑިގަތުމެކެވެ. ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް  ކުރައްވާފައި ވެއެެވެ.

(نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ الصِّحَّةُ وَالْفَرَاغُ). ” ( رواه البخاري برقم 6412 ).

މާނައީ: މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޣާފިލުވެފައިވާ ދެނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ޞިއްހަތާއި ހުސްވަޤުތެވެ.

އަދި އެހެންމެ ހެޔޮސިއްޙަތަކީ ޤިޔާމަތްދުވަހު، އެކަމަކާއި މެދު އަޅާއާއި އެންމެ ފުރަތަމަ ސުވާލު ކުރެވޭ ކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް  ކުރައްވާފައި ވެއެެވެ.

)إِنَّ أَوَّلَ مَا يُسْأَلُ عَنْهُ يَوْمَ الْقِيَامَةِ يَعْنِي الْعَبْدَ مِنْ النَّعِيمِ أَنْ يُقَالَ لَهُ أَلَمْ نُصِحَّ لَكَ جِسْمَكَ وَنُرْوِيَكَ مِنْ الْمَاءِ الْبَارِدِ)

މާނައީ: “ހަމަކަށަވަރުން ޤިޔާމަތްދުވަހުން، އޭނާއާ (އެބަހީ: ﷲ ތަޢާލާގެ އަޅާއާ)، ފުރަތަމަ ސުވާލު ކުރެވޭހުށީ އޭނާއަށް ދެއްވުނު ނިޢުމަތްތަކާ ބެހޭގޮތުންނެވެ. އެހިނދު އޭނާއަށް ބުނެވޭ ހުއްޓެވެ. ފަހެ ތިބާއަށްޓަކައި ތިބާގެ ހަށިގަނޑު ފުރިހަމަ ސިއްޙަތެއްގައި ތިމަން އިލާހު ނުލައްވަމު ހެއްޔެވެ. އަދި ފިނިވެގެންވާ ފެނުން ތިބާގެ ކަރުހިއްކުން ފިލުވައި ނުލަމު ހެއްޔެވެ؟.”

أخرجه الترمذي (3358) وصححه الألباني فيصحيح الترمذي. 

ބަލީގެ ސަބަބުން މީހާގެ ދަރަޖަ އުފުއްލެވުން :

ބަލިބަލީގެ ސަބަބުން މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟުރަތުގައި އުފުލި އޭނާގެ ކުދިފާފަތައް އެކަމުގެ ސަބަބުން ފުހެވިގެން ދެއެވެ.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ، فَمَا سِوَاهُ إِلَّا حَطَّ اللهُ بِهِ سَيِّئَاتِهِ، كَمَا تَحُطُّ الشَّجَرَةُ وَرَقَهَا)

(2571)صحيح مسلم    

 މާނައީ: ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. "މުސްލިމަކަށް ދަތި އުނދަގޫ މުޞީބާތެއް (ބައްޔެއް، ނޫނީ އެފަދަކަމެއް) ޖެހިއްޖެ ކަމުގައި ވަނީނަމަ، (ވަޔާއެކު) ގަހުން ފަތްތަށް ފައިބައިގެން ދާފަދައިން، ﷲ ތަޢާލާ އޭނާގެ ފާފަތައް ފުއްސަވާދެއްވައެވެ." 

ބަލިވުމުން ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާ އިސްތިޣްފާރުކުރުން ގިނަކުރަންވާނެއެވެ. މުސްލިމު އަޅާއަށް ބަލީގެ ސަބަބުން އީމާންކަން އިތުރުވެ، އެއިލާހަށް ވަކީލުކުރުން ވަރުގަދަވެ، އެއިލާހުގެ މިންވަރުފުޅަށް ރުހުން، އިހުނަށްވުރެ އިތުރު ވެގެންދާނެއެވެ. އަދި ނަފްސާނީ ބަލިމަޑުކަމާއި ކިބުރުވެރިކަމާއި ދަހިވެތިކަންފަދަ ކަންކަމުން މީހާ ދުރަށް ގެންދާ ކަމެއްކަމުގައި އެކަން ވެގެންދެއެވެ. އަދި ބުއްދިވެރިޔަކީ ބަލިމަޑުކަމަކަށްފަހު އެކަމުން ޢިބުރަތް ޙާސިލުކޮށް އެމީހާގެ ދެދުނިޔެ ފަހި ކޮށްފިމީހާއެވެ. އެމީހެއްގެ ޢަޤީދާ އަށް މުސީބާތެއް ކުރިމަތި ނުވާހާ ހިނދަކު އެމީހަކަށް އޮތީ ސަލާމަތާއި ރައްކާތެރި ކަމެވެ. 

ޝިފާ ދެއްވާފަރާތަކީ ﷲ . : 

ފިޔަވައި ޝިފާ ދެއްވާނެ އެހެން ފަރާތެއް ނުވެއެވެ. އަދި މީހެއްގެ ބަލިމަޑުކަމެއް އުފުއްލަވާނެ އެހެން ފަރާތެއްވެސް ނުވެއެވެ. ރުޤުޔާކުރާ މީހާގެ ރުޤުޔާއާއި އަދި ޑޮކްޓަރާއި، ޑޮކްޓަރީބޭހަކީ، ﷲ ތަޢާލާ ޝިފާދެއްވުމަށް ލައްވާފައިވާ ސަބަބުތަކެކެވެ. އެހެންކަމުން ސަބަބުތަކުގައި ހިފައިގެން ﷲ ހުއްދަކުރައްވާފައިވާ ބޭހުން ބޭސްކުރާށެވެ. ޑޮކްޓަރަކީ ތިބާގެ ބަލިމަޑުކަން ފިލުވާ މީހާކަމަށް ޤަބޫލުނުކުރާށެވެ. އެހެނީ އެމީހަކީ ތިބާފަދަ އިންސާނެކެވެ. އޭނާއަކީ އޭނާގެ ޒާތުގައި މީހަކަށް ގެއްލުމެއްވެސް އަދި މަންފާއެއްވެސް ނުކޮށްދެވޭނެ ފަދަ ހާލެއްގައި ހުރި މީހެކެވެ. އެހެންކަމުން ތިބާ އަށް މަންފާއެއް އަދި ގެއްލުމެއްވެސް ދެވޭނެ ފަރާތަކީ ﷲ ކަމަށްވާހިނދު އެއިލާހަށް ތިބާ ވަކީލުކުރަންޖެހެއެވެ.    

( وَإِذَا مَرِضْتُ فَهُوَ يَشْفِينِ)  [الشعراء (80) ]

މާނައީ: “އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމައެކަލާނގެއެވެ.”

އެއިލާހުގެ މަދަދުވެރިކަން ނުވާނަމަ ކިތަންމެ ފަރުވާއެއްކުރިޔަސް ބަލިފަސޭހަވުމެއް ނުވެއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

((وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ)) [جامع العلوم والحكم (1/483) ، وصححه الألباني فيصحيح الترمذي”]

މާނަ: “އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާޞިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވެ.”

އެންމެ މަންފާހުރި ފަރުވާ: 

ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކުރުމާ އަދި އެއިލާހުގެ މަދަދަށް އެދުމާއި އެއިލާހާމެދު ރަނގަޅަށް ހީކުރުމާ އަދި ޤުރުއާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތުން ރުޤުޔާކުރުންފަދަ ކަންކަމަކީ ބަލިތަކުން ފަސޭހަކޮށްދޭ ކަންކަމެވެ. އަދި އެހެންމެ ބިރުވެތިވެ މަޑުމޮޅިކަމާއި އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާވެސްމެއެވެ. އަދި ޞަދަޤާތްކުރުން ގިނަކުރުންވެސް ހިމެނެއެވެ. ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން އިމްތިހާނުކުރައްވާ އަދި އެކަމުން ސަލާމަތްވާނެ ގޮތްވެސް މިންވަރުކޮށްދެއްވައެވެ. އަދި މިދީނުގައިވަނީ ބަލިތަކުން ފަސޭހަވާނެ ފުރިހަމަ ޔަޤީންކަން އޮންނަ އިލާހީ ބޭސްފަރުވާތަކެވެ. އޭގެ މަޞްދަރަކީ ﷲ ގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ބާވާލެއްވި ވަޙީއެވެ. 

އެތަކެއްޗަކީ

1. މަދީނާގެ ޢަޖުވާ ކަދުރު: އެއީ ވިހަތަކަށާއި ސިޙުރުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(( مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ )) [رواه البخاري (5445) مسلم (2047)]

މާނަ: އެދުވަހެއްގެ ހެނދުނު (ހުސްބަނޑާހުރެ) އަޖުވާކަދުރުގެ ހަތްކަދުރު ކައިފިމީހަކަށް އެދުވަހަކު ވިހަޔެއް އަދި ކިޔެއް ސިޙުރެއްވެސް އެމީހަކަށް ނުޖެހޭހުއްޓެވެ. 

2.ފެނަކީ ހުމަށްވާ ފަރުވާއެއް: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

((الْحُمَّى مِن فَيْحِ جَهَنَّمَ، فأطْفِئُوها بالماءِ)) [صحيح مسلم (7842) ]

މާނަ: “ހުމަކީ ޖަހަންނަމައިން ފެތުރިގެން އަންނަ ހޫނުކަމެކެވެ. ފަހެ ފެނުން (އެބަހީ: އެ ކާއްތައިގެން) އެ ހޫނުކަން ފިނިކުރާށެވެ.”

3. މާމުއި: ތަޢާލާ ޚަލްޤުކުރެއްވި ގިނަގުނަގުނަވެގެންވާ ފަރުވާތަކުގެ ތެރެއިން މާމުޔަކީ ދެވަނައެއް ނުވާފަދަ ފުރިހަމަ ފަރުވާއެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ [ سورة النحل]

މާނަ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްޙާމް ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި މީހުންހަދައިދޭ ބިނާތަކުގައި ހަތާހަދައި އުޅޭށެވެ. [68] ދެން ތިޔަކުޅަނދުރު ހުރިހާ މޭވާތަކުން ކައިއުޅޭށެވެ. ފަހެ، ތިޔަކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވައިފައިވާ މަގުތަކުން ހިނގާށެވެ. އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި މީސްތަކުންނަށް ބަލިފަސޭހަވުންވެއެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. [69]” 

4. ކަވާޖެހުން: ކަވާޖެހުމަކީ ފައިދާހުރި ނަބަވީ ފަރުވާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވަފައިވެއެވެ.

((إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ..)) [مسلم ( 2952 ) ]

 މާނަ: “ތިޔަބައިމީހުން ކުރާ އެންމެ ރަނގަޅު ފަރުވާއަކީ ޙިޖާމާ (ކަވާ) ޖެހުމެވެ.” 

5. މަދީނާގެ ޢަޖުވާކަދުރު:

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

((فِي عَجْوَةِ الْعَالِيَةِ ، أَوَّلَ الْبُكْرَةِ عَلَى رِيقِ النَّفْسِ شِفَاءٌ مِنْ كُلِّ سِحْرٍ، أَوْ سُمٍّ)) [صححه الألباني فيصحيح الجامع” (4262)]

މާނަ: “ހަމަކަށަވަރުން މަދީނާގެ ޢާލިޔާ ސަރަހައްދުގެ އަޖުވާ ކަދުރު ހެނދުނުގެ ފުރަތަމަ ވަގުތުގައި ހުސްބަނޑާ، ކާމީހާ ދަންނައެވެ. ކޮންމެ ބާވަތެއްގެ ސިޙުރަކަށްވެސް އޭގައި ޝިފާވެއެވެ. ނޫނީ ވިހައިން ރައްކާތެރިކޮށްދެއެވެ.” 

6. ކަޅުދިރި: ކަޅުދިރިއަކީ ހުރިހާ ބައްޔަކަށްވާ ފަރުވާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((الْحَبَّة السَّوْدَاءِ:  شِفَاءٌ مِنْ كُلِّ دَاءٍ إِلَّا السَّامَ)) [مسلم (2215)]

މާނަ: “ކަޅުދިރިއަކީ ހުރިހާ ބައްޔަކަށްވާ ޝިފާއެކެވެ. އައްސާމު ފިޔަވައެވެ. (އެބަހީ: މަރުބަލި ފިޔަވައެވެ.) 

7. ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތުން ޘާބިތުވެފައިވާ ދުޢާތަށް ކުރުމުން ޝިފާ ލިބެއެވެ. އެގޮތުން ސިޙުރު ބާޡިލު ކުރުމަށާއި، ހަށިގަނޑަށްވަދެފައި ހުންނަ ޖިންނި ހަށިގަނޑުން ނެރުމާއި، އެސްފީނާއަށް ވެސް ފަރުވާކުރެވެއެވެ. 

8. ޒަމްޒަމް ފެން: ޒަމްޒަމް ފެނަކީ މުސްލިމުންނަށް ދެއްވާފައިވާ ބަރަކާތްތެރި ފެނެކެވެ. އަދި އެފެނަކީ އެންމެ މަތިވެރި އެންމެ މާތް ފެނެވެ. ފެންތަކުގެ ސައްޔިދެވެ. އަދި އެފެން ނުކުންނަނީ އެންމެ މާތްވެގެންވާ ބިންކަމުގައިވާ މައްކާގެ ބިމުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

))إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ)) [رواه مسلم 4/1922]

މާނަ: “ހަމަކަށަވަރުން އެއީ (އެބަހީ: ޒަމްޒަމް ފެނަކީ) ބަރަކާތް ލެއްވިގެންވާ ފެނެކެވެ. އަދި އެއީ ކެއުމެއްގެ ގޮތުގައި ބޭނުންކުރަންވެސް ފުދޭ އެއްޗެކެވެ.”

ޠަޔާލިސީގައި އައިސްފައި ވެއެވެ. އަދި ބައްޔަށްވާ ފަރުވާއެކެވެ.”

[ބައްލަވާ: الطيالسي 61]

މިހުރިހާ ފަރުވާތަކަކީ ޝިފާލިބެނިވި ނަބަވީ ފަރުވާތަކެވެ. މިކަމުން ފަރުވާލިބި މަންފާ ކުރާނެ މީހަކީ އެކަންކަމަކީ ﷲ ގެ ރަޙުމަތާއެކު ފަރުވާ ލިބޭނެ ކަމެއްކަން ހިތުގެ އަޑިން ޔަޤީންކުރާ މީހަކަށެވެ. 

އެސްފީނާއާއި ސިޙުރު އެއީ ޖެހޭ އެއްޗެއްކަމަށް އީމާންވުން: 

ޢަމަލުތަކުގައި ﷲ އަށް އިޚްލާޞްތެރިވުމަކީ އެކަން ޤަބޫލުވުމުގެ ޝަރުތެކެވެ. އިޚްލާޞްތެރިކަމާއެކީ ކުރާ ޢަމަލަކީ ކިތަންމެ ކުޑަ ޢަމަލެއްކަމުގައިވިޔަސް އެކަމުގައި ބަރަކާތް ލެއްވިގެންވާ ޢަމަލެކެވެ. މުސްލިމު ޑޮކްޓަރު ބަލާނީ އޭނާގެ ފަންނުގައި މަޢުލޫމާތު މުއްސަނދިކޮށް އޭނާގެ ފަރާތުން އިސްލާމީ އުއްމަތަށް ފައިދާވާނޭ ފަދައިން މަސައްކަތްކޮށް ދިނުމެވެ. 

ނަމަވެސް ޝަރުޠަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ކަންކަމަށް އީމާންވާމީހަކަށް ވާންޖެހޭނެއެވެ. އަދި ސިޙުރުގެ ސަބަބުން މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް އިންކާރުކުރާ، ޖިންނި އުޅޭކަމަށް އިންކާރުކުރާ، އެއީ އިންސާނުންގެ ސަބަބުން ޖެހޭ ކަމެއްކަމުގައި ދެކޭ މީހަކަށްވެގެން ނުވާނެއެވެ. އަދި އެސްފީނާއަކީ ޙަޤީގަތެއް ނުވާ ހަމައެކަނި އިންސާނާގެ  ސިކުނޑިއަށް ހީވާ ހީވުމެއްކަމުގައި ބުނާފަދަ މީހެއްކަމުގައިވެގެން ނުވާނެއެވެ. ﷲ ތައާލާގެ މިންވަރުފުޅަށް ވުރެ ކަމެއް އަވަސްވާނެނަމަ އެސްފީނާ ޖެހުން އަވަސްވާނެކަން ދަންނަންވާނެއެވެ. އެހެންކަމުން ޙިއްސީކަންކަން ތެދުކޮށް ޣައިބުގައިވާ ކަންކަމަށް އީމާންވާޖެހެއެވެ. 

ބަލިމީހާއާމެދު ކެތްތެރިވުން : 

ބުއްދިވެރިކަމާއި ކެތްތެރިކަމަކީ ކަންކަމުގެ އަގުވަޒަންކުރަން ދަންނަ މީހުންގެ އެންމެ މުހިންމު ސިފަތަކެވެ. ބަލިމީހާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށާއި އޭނާގެ ހިތާމަޔާއި އޭނާގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމަށް ރުޅިމޫނު ނުހަދާށެވެ. ކެތްތެރިކަން އިސްކުމަށް އޭނާއަށް ވާގިވެރިވާށެވެ.

އަދި އޭނާއަށް އޯގާތެރިވެ ރީތި ބަހުން މުޢާމަލާތު ކުރާށެވެ. މީސްތަކުންނަށް އުއްމީދު ގެނެސްދޭ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. ބަލި މީހާއަށް އުފާވެރިކަން ގެނެސްދީ ބަލިން ސަލާމަތްވާނެކަމަށް އުއްމީދު އާކޮށްދޭށެވެ. އެހެނީ ބަލިމީހާގެ ހިތަށް އުފާވެރި ޝުޢޫރުތަށް ވައްދައި އޭނާގެ ހިތަށް ދިރުން ލިބުމުން ހަށިގަނޑަށް ދޭ ބޭހުގެ ސަބަބުން ނަފްސު ދިރެއެވެ. 

ސުބުޙާނަހޫ ވަތަޢާލާ ކަނޑައެޅުއްވި މިންވަރުފުޅަށް ރުހުން: 

ޘާބިތުކަމާއި ފުރިހަމަ ކެތްތެރިކަމަކީ ﷲ ކަނޑައެޅުއްވި މިންވަރުފުޅަށް ރުހުމެވެ. އޭ ބަލިމީހާއެވެ. އެކަމަށް ރުހޭށެވެ! އަދި އެއިލާހަށް އެންމެ ފުރިހަމައަށް އަޅުކަންކުރާ އަޅުވެރިއެއްކަމުގައި ވާށެވެ. އަދި އެއިލާހުގެ ދީލަތިވަންތަކަމަށް ކެތްތެރިވާށެވެ. އެހެނީ ކެތްތެރިކަމުގެ ނިމުން ވާކަންކަށަވީ ހެޔޮނިމުމަކަށެވެ. އެމީހެއްގެ އިމާންކަން ހުރިމިންވަރަކަށް އެމީހަކު ކެތްތެރިވެއެވެ. ކެތްތެރިކަމަކީ އޭގެ އަހުލުވެރިޔާއަށް ހެޔޮކަން ބޮޑު ކަމެކެވެ. 

ޝިފާދެއްވުމުން ﷲ އަށް ޙަމްދުކުރުން 

ބަލިމަޑުކަމުން ސަލާމަތްވެ ހެޔޮޞިއްޙަތުގެ ވެރިޔަކަށް ތިބާވުމުން ޝިފާދެއްވި ފަރާތް މަތިން ހަނދުމަކޮށް ހެޔޮ ޞިއްޙަތަކީ ކިހާ ބޮޑުވެގެންވާ ނިޢުމަތެއްކަން ހަނދުމަކޮށް އެނިޢުމަތުގެ ވެރިއިލާހުގެ ދީލަތިވަންތަކަމަށް ޝުކުރުވެރިވާން ވާނެއެވެ. ދަތި އުނދަގޫކަމުގައި އެއިލާހުގެ މަތިން ހަނދުމަކުރާ ފަދައިން އުފަލާއި އަރާމުގެ ޙާލަތުގައިވެސް އެއިލާހުގެ މަތިން ތިބާ ހަނދުމަކުރަންވާނެއެވެ.

ތިބާ ހެޔޮޞިއްހަތުގައިވާ ހިނދު އެދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަން ދަންނާށެވެ. ފަހެ ދުނިޔެވީ މިޙަޔާތަކީ މަދު ދުވަސްތަކެކެވެ. އެހެންކަމުން މިދުވަސްތަކުގައި އެއިލާހަށް ތެދުވެރި ތައުބާއަކުން ތައުބާވާން ޖެހެއެވެ. އަދި ބަލިޙާލަތުގެ ދުވަސްތަކުން ޢިބުރަތް ޙާޞިލުކޮށް ﷲ އަށް ވަކީލުކުރާ މީހެއްކަމުގައި ތިބާ ވާށެވެ. ﷲ ގެ މިންވަރުފުޅާމެދު ޝައްކު އުފެއްދުމަށް ޝައިޡާނާ ޖަހާ މަޅިގައި ތިބާ ނުޖެހޭށެވެ. 

އީ އެންމެހާ ބަލިތަކުން މީސްތަކުން ދުރުކުރަށްވާ އަދި މީސްތަކުންގެ ޝަކުވާ އައްސަވާ އިލާހެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ. 

(وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ) ﴿١٧﴾ سورة  الأنعام 17

 މާނަ: “އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރި ކުރައްވާނަމަ އެއިލާހު މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއްނުވެއެވެ. އަދި އެއިލާހު ތިބާއަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ އެކަން (ދުރުކުރާނެ އެހެންފަރާތެއް އެއިލާހު މެނުވީ ނުވެއެވެ.) ފަހެ އެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.” 

(މި ލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބެއް ކަމަށްވާ ޑރ: ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްޤާސިމް، ލިޔުއްވާފައިވާ ރިސާލާއެއްކަމަށްވާ  ((دَوَاءٌ نَافِعٌ لِكُلِّ مَرِيضٍ)) “ކޮންމެ ބަލިމީހަކަށްވެސް މަންފާ ކުރުވަނިވި ފަރުވާއެއް”  ގެ ތަރުޖަމާއެކެވެ: ދިސަލަފިއްޔާ).

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް