އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭގެ މަސްވެރިކަމާ ގެދޮރުވެރިކަމަށް ފަންސާން މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭގެ މަސްވެރިކަމާ ގެދޮރުވެރިކަމަށް ފަންސާން މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢޫއާއި، މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދިނުމާ ބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފިއެވެ.

މި ދެ މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޝާހިދު ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. 

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުންތަކާއެކު ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. އަދި ސަޢޫދީއިން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއެހީއާއެކު މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސަޢޫދީ އަރަބިއްޔާއަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫޢުތަކަށް އެހީވާ ޤައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި މިނިސްޓަރ ނެންގެވިއެވެ. އަދި ސަޢޫދީއިން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢޫދީ ރަސްގެފާނު، ދެ ޙަރަމްގެ ޚާދިމް ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސަޢޫދާއި، ސަޢޫދީ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ޚާއްސަ ޝުކުރެއް މިނިސްޓަރ ޝާހިދު އަދާކުރެއްވިއެވެ. 

މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްޤީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށާއި، މަސްވެރިކަމުގެ ސިނާޢަތުގައި ހިންގާ މަޝްރޫޢުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު މިއަދު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލޭގައި ހުންނަ ސަޢޫދީ އެމްބަސީގެ އިސް އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. 

މިނިސްޓަރ ޝާހިދު މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓް: 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު