އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ އާ ގުޅިގެން ދިވެހި ސިފައިން ވަނީ ކުރު މުއްދަތެއްގަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފަ!: ރައީސް ޞާލިޙް

ކޮރޯނާ އާ ގުޅިގެން ދިވެހި ސިފައިން ވަނީ ކުރު މުއްދަތެއްގަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފަ!: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ކޯވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، ސަރުކާރުން އުފެއްދި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ވެސް ސިފައިން އަދާކުރި މުހިއްމު ދައުރު ފާހަގަކުރައްވާކަމަށާއި ވަކިން ޚާއްޞަ ގޮތެއްގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކޮށް ނިންމިކަމީ، ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި، ރައްޔިތުންނަށްޓަކައި ޤުރްބާންވުމަށް ދިވެހި ސިފައިންގެ ހިތުގައި އޮތް އަޒުމާއި ހިތްވަރު ސާބިތުކޮށްދޭ ކަމެއްކަމުގައި ދިވެހި ސިފައިން ކަމުގައި، ސިފައިންގެ އެންމެމަތީ ވެރިޔާ،  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ކަޅުތުއްކަލާ ކޮށީގައި ސިފައިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އަދި ރައްޔިތުންނަށް މެދުވެރިވާ ދަތި އުނދަގޫ ކޮންމެ ޙާލަތެއްގައި، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި، އެންމެ ފުރަތަމަ ތެދުވާ ބައަކީ ދިވެހި ސިފައިން ކަމަށެވެ. 

ދިވެހި ސިފައިންގެ ޚިދުމަތް މުޅި ދިވެހި ޤައުމު ބަލައިގަންނާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، މިހާތަނަށް ކުރި މަސައްކަތުގައިވެސް، އަދި މިހާރު ކުރަމުންދާ މަސައްކަތުގައިވެސް، ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތް ކުރުމުގައި، އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބިކަން ކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ ތަރައްޤީ ކުރުމާއިގެން ކުރިއަށް ދަނީ، މި ޤައުމުގެ ދިފާޢީ މައި ތަނބަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށް ވިދާޅުވިއެވެ. އަދި، ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި، ފަންނީ ގޮތުންނާއި، އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބަޔަކަށް ހެދުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސިފައިންގެ ވެލްފެއަރގެ ކަންތައްވެސް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުން އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 އާއި ދެކޮޅަށް މިކުރާ މަސައްކަތުގައި ވަރަށް ގިނަ ހުރަސްތަކާއި، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މާތް اللهُ سُبْحَانَهُ وَتَعَالَىގެ ވާގިފުޅާއެކު، އެ ހުރަސްތައް ގިރާކޮށް، މިއަދު މިތިބަ ޙާލަތަށް އާދެވުމުގައި، ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ސިފައިންނަކީ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާޢީ އައްޑަނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

ޤައުމަށް ކުރިމަތިވި ދަތިއުނދަގޫ ޙާލަތުގައި ސިފައިން އަދާކުރެއްވި ދައުރަކީ އެކަމުގައި ހުރި ނުރައްކާތެރިކަމާއި ދަތިކަން، ވަރަށް ރަނގަޅަށް އެނގި ތިއްބަވައިގެން އަމިއްލަ ހަށިގަނޑާއި ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ބެއްލެވުމެއް ނެތި ދިވެހި ސިފައިންނާއި މަތިކުރެވިފައިވާ، ޤައުމީ، ދީނީ އަދި ޤާނޫނީ ވާޖިބު ފުރިހަމަކުރުމުގެ ގޮތުން އަދާކުރެއްވި ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި ސިފައިންގެ ވެރިންނާއި ސިފައިންގެ ހުރިހާ ޔުނިޓްތަކުގެ ހުރިހާ ރޭންކުތަކުގެ ވަކިވަކި ސިފައިން ޝާމިލުވާ ގޮތަށް، ދިވެހި ރައްޔިތުންގެ ނަމުގައި، ސިފައިންނަށް، ވަރަށް ޚާއްޞަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ. އަދި، މި ދަތި އުނދަގޫ ޙާލަތުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ސާބިތުވެ ތިއްބެވި ކެތްތެރިކަން ފާހަގަކުރައްވައި، އެ ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް