އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ކޯފާއަށް ބިރުން ރަސްގެފާނުގެ އޯޑަރު ތަންފީޒު ނުކުރުމުން ހުރަގެއަށް ލީ މީހާއަށް ﷲ ރަސްކަން ދެއްވެވި ގޮތުގެ ވާހަކަ!

ﷲ ގެ ކޯފާއަށް ބިރުން ރަސްގެފާނުގެ އޯޑަރު ތަންފީޒު ނުކުރުމުން ހުރަގެއަށް ލީ މީހާއަށް ﷲ ރަސްކަން ދެއްވެވި ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު

މިހާރަކަށް އައިސް ވެރިކަމުގެ ފަރާތުން ކޮންމެ ފަދަ ނުބައި ކަމެއް ކުރަން އަމުރުކުރި ނަމަވެސް އެކަމެއް ކުރަން ފަސްޖެހޭ ބައަކު ނުތިބެއެވެ. އެއީ ހަމަ މަޤާމާއި ބާރުވެރިކަމުގެ ދަހިވެތިކަމުގައެވެ. ﷲ ތައާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެ ދުވަހަށް ބިރުވެތިނުވެވޭތީއެވެ. ޢިބްރަތް ޙާޞިލުކުރާށެވެ. މިކިޔައިދެނީވެސް ހަމަ އިސްލާމީ ތާރީޚުން ފެންނަންހުރި ކަންކަމެވެ. 

ރަސްކަލަކު އޭނާގެ އަސްކަރީ ވެރިޔާ ގެންނަވައި ސަހަރުގެ ގެއެއްގައި ހުޅުޖަހައި އަންދާލަން އަމުރުކުރެއްވިއެވެ. ނަމަވެސް އޭނާ އެކަމަށް ކުރީ އިންކާރެވެ. އެއީ އެކަމެއްގެ ސަބަބުން ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން އޭނާއަށް ލިބޭނެ ކަމެއް ކަމަށް ބުނެ ވަގުތުން މަޤާމުން އިސްތިޢްފާދިނެވެ. 

ރަސްގެފާނު އިންތިހާއަށް ކޯފާވިއެވެ. އަދި އޭނާ ހުރަގޭގައި ބޮޑު އަދަބު ލިބޭ ގޮތަށް ބަންދުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ޖަވާބުގައި އޭނާ ދެންނެވީ ހުރަގޭގައި ބަންދުކޮށް އަދަބު ދެވޭނީ މަރުވަންދެން ކަމަށާއި އެއީ ދާދި ކުރު މުއްދަތެއް ކަމަށެވެ. މަރުވުމުން ދެން އޮތީ ނިމުމެއް ނެތް ހަޔާތް ކަމަށާއި އެ ހަޔާތުގައި ރަސްގެފާނަށް އޭނާއަށް އެއްވެސް އަދަބެއް ނުދެއްވެވޭނެ ކަމަށެވެ. އަދި އޭނާ އުންމީދު ކުރަނީ އެ ހަޔާތުގައި އޭނާއަށް ﷲ ތަޢާލާގެ ހެޔޮ ރަހްމަތްފުޅު ލިބުމަށް ކަމަށެވެ. 

ރަސްގެފާނުގެ އަމުރުފުޅަށް ބޮޑު އަދަބުގައި އޭނާ ހުރަގޭގައި ބަންދުކުރިއެވެ. ބަނދުގައި ހުރިއިރު ލިބޭ ވަގުތުތަކުގައި އޭނާ ދިއައީ ﷲ ތަޢާލާއަށް ދުޢާ ކުރަމުންނެވެ. އޭނާއަށް ހެޔޮ ރަޙްމަތްފުޅު ލެއްވެވުން އެދިއެވެ. އެންމެ ފަހަރަކުވެސް އޭނާ މިނިވަންކޮށް ދެއްވަވާތޯ ދުޢާއެއް ނުކުރެއެވެ. 

ބުރަ މަސައްކަތާއިއެކު ބޮޑު އަދަބުގައި ޖަލުގައި ހުންނަތާ 4 އަހަރު ފުރުނުތަނާ އެއް ދުވަހަކު ޖަލު ބަލަހައްޓާ މީހުން އައިސް އެންގީ ޖަލުން ނުކުތުމަށެވެ. ޖަލުން ނުކުތް އިރު ސަހަރުގެ ގިނަ ބައަކު ޖަލު ބޭރުގައި ތިއްބެވެ. އެމީހުން އޭނާގެ ވަށައިގެން ތިބެ ގެންދިއައީ ރަސްގެފާނުގެ ގަނޑުވަރަށެވެ. އެއިރު ރައްޔިތުންގެ ގިނަ ބައަކު އެތަނުގައިވެސް ތިއްބެވެ. 

ރައްޔިތުން ނުކުމެ ވަނީ ރަސްގެފާނު ޗޭނު ޖަހައިފައެވެ. ރައްޔިތުން އޭނާގެ ކިބައިން އެދުނީ ސަހަރުގެ ރަސްކަމާއި ހަވާލުވުމަށެވެ. 

މިވީ ގޮތަކީ ރަސްގެފާނުގެ އަނިޔާވެރިކަން ބޮޑުވުމުން ރައްޔިތުން ނުކުމެ ރަސްގެފާނުގެ ވެރިކަން ނިމުމަކަށް ގެނައީއެވެ. އަދި އޭނާގެ އީމާންތެރިކަމަށް ބަލައި ރަސްކަމަށް އިސްކުރީއެވެ. 

މިއީ މާކުރީގެ ވާހަކަތައް ކަމަށް ބަލައި ދޫކޮށް ނުލާށެވެ! މިފަދަ ކަންކަން ދުނިޔޭގައި ހިނގަމުން ނުދޭހެއްޔެވެ؟ މިޒަމާނުގައި ކަންކަން ހިނގާ ގޮތް ތަފާތުވެދާނެއެވެ. ނަމަވެސް މިހިނގަނީ ހަމަ އެއް ކަމެކެވެ. އެކަމުގެ ހެއްކަކަށް މެލޭސިޔާގައި ދާދިފަހުން ނަޖީބް ރައްޒާޤްގެ ވެރިކަން ނިމުމަކަށް ގެނައި ގޮތާއި އެއަށްފަހު ކަންކަން ވެގެން ދިއަ ގޮތް ނުހިމެނޭ ހެއްޔެވެ؟ 

މިއަދު ކުރަން މިއުޅެނީ އާދައިގެ ސުވާލެއް ނޫނެވެ! ނަމަވެސް މިކަން އޮތް ގޮތް ގިނަ ބައަކަށް ރަނގަޅަށް ނުއެނގޭތީ މިސުވާލުކުރަންޖެހެނީއެވެ. ރަނގަޅަށް ވިސްނައި ސަމާލުކަން ދީބަލާށެވެ! 

ﷲ ގެ ލޯބިވެވޮޑިގަތުން ލިބިއްޖެ މީހާއަށް ނަރަކައިގެ އެއްވެސް ބިރެއް ނެތްއިރު ﷲ ދޫކޮށް ތިބާ އަޅުވެތިވާ ވެރިމީހާއަށް ތިބާއަށް ކޮންދެވޭނީ ކޮންކަމެއް ހެއްޔެވެ؟ 

ﷲ ތަޢަލާގެ ލޯބި ހޯދަން މަސައްކަތް ކުރުމުގެ ފުރުޞަތަކީ ވަކި މީހަކަށް އޮތް ފުރުޞަތެއް ނޫނެވެ. ވަކި ޤައުމެއްގެ ވަކި ނަސްލެއްގެ ވަކި ކުލައެއްގެ އަދި ވަކި ދަރަޖައެއްގެ މީހަކަށް އޮތް ފުރުޞަތެއް ނޫނެވެ. ހަމަ ކޮންމެ އިންސާނަކަށްވެސް ﷲ ތައާލާ ހުޅުއްވަވައިލަ ދެއްވަވައިފައިވާ ފުރުޞަތެކެވެ. ހަމަ އެކަނި ފުރުޞަތު ހުޅުއްވަވައިލަ ދެއްވެވީއެއް ނޫނެވެ. އެކަމަށް ދައުވަތު ވެސް ވަނީ ދެއްވަވައިފައެވެ. އަދި އެވަރަކުން ފުއްދަވައިލެއްވެވީއެއް ނޫނެވެ. އެކަން ކުރެވޭނެ މަގުވެސް ވަނީ ދައްކަވައިދެއްވަވައިފައެވެ. ކިހިނަކުން ހެއްޔެވެ؟ ކީރިތި ޤްރްއާން މެދުވެރި ކުރައްވަވައެވެ.

ނަމަވެސް މިއަދު ގިނަ ބައަކު ދުނިޔެއަށް ދަހިވެތިވުން އިންތިހާއަށް ބޮޑުވެގެން ދިއުމުން މިކަންކަމަށް ވިސްނައިވެސް ނުލަނީއެވެ. ސަމާލުކަން ވެސް ނުދެނީއެވެ. އަބަދުވެސް ސަމާލުކަން ދެވެނީ ވެރި މީހާ ދޭ ދައުވަތަށެވެ. ބޭނުންވެގެން އުޅެނީ ވެރިމީހާގެ ތަޢްރީފެވެ. ﷲ ތަޢާލާ ކަނޑައެޅިގެން ނަހީ ކުރައްވަވާފައިވާ ކަމެއް ކުރަން ނަމަވެސް ވެރިމީހާ ބުނެފިނަމަ ﷲ ތަޢާލާގެ ޙުކުމްފުޅާއިމެދު ވިސްނައިވެސް ނުލައެވެ. ބަލަނީ ވީހައި އަވަހަކަށް ވެރިމީހާ ބުނިގޮތަށް ކަންކޮށް ނިންމައިލެވޭތޯއެވެ! އެކަމުން ލިބެން އޮތް ދުނިޔަވީ ފައިދާ ވީހައި އަވަހަކަށް ޙާޞިލުކުރެވޭތޯއެވެ! ތިމާ ކުރި އަމަލުގެ ސަބަބުން އާޚިރު ނަތީޖާއަކީ ނަރަކައަށް ތިމާ އެއްލައިލެވުން ނަމަވެސް އެކަމަށްވެސް ބިރެއް ޖެހިލުމެއް ވެސް ނުވެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަމަށް ހޭލުންތެރިކަން އިތުރުކުރާށެވެ! ކިތަންމެ ބޮޑު ވެރިއަކު ބުނި ނަމަވެސް ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަމެއް ނުކުރާށެވެ! ﷲ ތަޢާލާގެ ކޯފާ އާއި އަޒާބަށް އަމިއްލައަށް ހުށްހޮޅި ނުގަންނާށެވެ! އެއިގެ ބަދަލުގައި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތް ކުރާށެވެ! 

ދަރުސްތަކުގައި އަބަދުވެސް ބުނާ ފަދައިން މީހަކު ދެކެ ﷲ ތައާލާ ލޯބިވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. ޖިބްރީލްގެފާނު އެކަން ހުރިހާ މަލާއިކަތުންނަށް އަންގަވަތެވެ. އެހިސާބުން ﷲ ތަޢާލާ އާއި ހުރިހާ މަލާއިކަތުންގެ ލޯބި އެމީހަކަށް ލިބިގެންދެއެވެ. 

އާޚިރުގައި މިވާ ގޮތަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަކީ އެމީހާ ނަރަކައިން ސަލާމަތްވުމެވެ. އަދި ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެ ވަދެވުމެވެ. ހަޤީޤަތަކީ މިއީ ކަމަށްވާއިރު ގިނަ ބައަކަށް މިއަދު ކުރެވެމުންދާ އަމަލުތަކާއި އަމަލުކުރެވޭ ގޮތާއިމެދު އިތުރަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމެވެ.

 މި ދަރުސްގައި ވެރިމީހާ ކަމަށް މާނަ މިކުރީ ހަމައެކަނި ޤައުމުގެ ވެރިމީހާއެއް ނޫނެވެ. ތިމާގެ މައްޗަށް ބާރު ފޯރުވާ ކޮންމެ މީހެކެވެ. ވަޒީފާގެ ގޮތުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސްމެއެވެ! ތިބާއަކީ ގޭންގެއްގެ މެންބަރަކު ކަމަށްވާނަމަ ގޭންގުގެ ލީޑަރުވެސް ހިމެނޭ ގޮތަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް