އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް އޮޅުންފިލާވަރަށް އެކުދިންގެ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވައިދިނުމުގެ ފައިދާ ނިކަން ދެކިބަލާށެވެ!

ދަރިންނަށް އޮޅުންފިލާވަރަށް އެކުދިންގެ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވައިދިނުމުގެ ފައިދާ ނިކަން ދެކިބަލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 42 ސިކުންތު

މީގެ ދުވަސްކޮޅެއް ކުރިން ފަސް އަހަރުގެ ދަރިފުޅު ޗީޒް ކާ ހިތްވެގެން، އަލަމާރިން ޗީޒް ފޮއްޗެއް ނެގުމަށް ހުއްދައަށް އެދުނެވެ. އެވަގުތު އަޅުގަނޑު ނަމާދަށް ތައްޔާރުވާން އުޅެމުން ދަރިފުޅު ގާތުގައި ޗީޒްކޮޅެއް ނެގިޔަސް އެންމެ ރަނގަޅޭ ބުނެ ކޮޓަރިއަށް ވަނީމެވެ. 

ދަރިފުޅު އަމިއްލައަށް އަލަމާރީން ޗީޒް ނަގައި، ޗިޒްކޮޅު ކާން އިނދެފައި ވަރަށް ބާރަށް ރޮއިގެންފައި ކޮޓަރިއަށް އައެވެ. ރޮމުން ރޮމުން މި ކިޔަނީ އޮޅިގެން ނޭފަތަށް ޒައިތޫނި އޮށެއްލީ ވާހަކައެވެ. ފޯނުން ނޭފަތަށް އަލިކޮށްގެން ބެލީމަވެސް އެއޮށް ފެންނާކަށް ނެތެވެ. ހަޤީޤަތުގަވެސް ނޭފަތަށް އޮށެއްލީބާވައޭ ސުވާލު އުފެދުނެވެ.

ސިޓިންރޫމް ބަލާލިއިރު އަލަމާރީގައި އިން ޒައިތޫނި ތަށި ފެނުނެވެ. އެހެންކަމުން، އަވަހަށް ނަމާދުކޮށްގެން ހޮސްޕިޓަލަށް ދިޔައީމެވެ. ލޮކްޑައުން ދުވަސްވަރު ކަމުން މަދީނާގެ 2 ހޮސްޕިޓަލަށް ގޮސްގެންވެސް ޑޮކްޓަރަށް ދެއްކޭގޮތް ނުވިއެވެ. ދެން ދިޔައީ މަދީނާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ ޖާރމަން ހޮސްޕިޓަލަށެވެ. ޑޮކްޓަރ ނޭފަތް ބަލަމުން ދިޔަ ގަޑީގައި ދަރިފުޅު ވަރަށް މަޑުންއިނެވެ. ﷲ ގެ ރަޙްމަތުން އެ އޮށް ވަރަށް ފަސޭހަކަމާއި އެކީގައި ނެގުނެވެ. 

އެއަށްފަހު، ވަރަށް ދުވަސްކޮށްލުމަށްފަހު އިއްޔެގެ ވަގުތެއްގައި 3 އަހަރުގެ ދަރިފުޅު ކުޅޭން ހުރެފައި ބުންޏެވެ

" މަންމީ ނޭފަތަށް އޮށެއް ލީމާ ކިހިނެތް ވާނީ؟"

ދަރިފުޅު ގާތުގައި ބުނީމެވެ " އޭރުން ނޭވާ ހާސްވެސް ވެދާނެ. ނޭފަތަށް އޮށް ލާކަށް ނުވާނެ"

ދެން ދެ ކުދިން އެއްފަހަރާ ބުންޏެވެ

" ނޭފަތަށް އޮށެއް ލިޔަސް ޑޮކްޓަރ ނަގާދިނީމާ އެ ނިމުނީއެއްނު އެކަން"

އަޅުގަނޑު ހިތަށް އެރިއެވެ. ކުޑަ ކުދިންނަކީ ހާއްދަ މައުޞޫމް ބައެކެވެ. ހުދު އަޅުގަނޑުވެސް އެ އުމުރުގައި ވާގޮތް ބަލާލުމަށްޓަކައި ކަންފަތަށް މަދޮށްޓެއްލައި، މަންމަމެން އެ ނުނެގިގެން އުޅުނު ހަނދާން އާވިއެވެ. އަދި ވަރަށް ހިނިވެސް އައެވެ.

ދެން އެއަށްފަހު އަނެއްކާވެސް ކިޔައިދޭން ފެށީމެވެ.

"ދަރިފުޅުމެންނަށް އެނގޭތަ! ނޭފަތަށް އެއްޗެއް ލައިފިނަމަ ބައެއްފަހަރު ލެވޭގޮތުން ޑޮކްޓަރ ކައިރިއަށް ނުދެވެނީސް، ނޭވާ ހާސްވެގެން ބައެއް ކުދީން މަރުވެސްވޭ. ނުވަތަ ނޭފަތަށް ބޮޑެތި ގެއްލުންތައްވެސްވޭ. މާތް ﷲ ދަރިފުޅުމެން އެފަދަ ކަންކަމުން ރައްކާތެރި ކޮށްދެއްވާށި. އާމީން."

ދެ ކުދިން އަނެއްކާވެސް ސުވާލުކުރިއެވެ. " މަންމީ މަރުވީމާ ކިހިނެތް ވާނީ؟ "

ދެން މި ޖެހުނީ އަނެއްކާ އެހެން މަޢުލޫއަކަށްދާށެވެ. ކުޑަ ކުދިންނަކީ އެހާވެސް ސުވާލު ގިނަ މައުޞޫމް ބައެކެވެ. ކުރާ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް ސުވާލުކުރުން ހުއްޓައެއް ނުލާނެއެވެ. ސުވާލުތައް ކޮށް، އޭގެ ޖަވާބު ހޯދައި ކަންކަން ދަސްކުރާ ބައެކެވެ. ކޮންމެއަކަސް މަރުވީމަ ވާނެ ގޮތްތައް ކިޔައިދޭން ފަށައިފީމެވެ. އެކުދީންގެ އުމުރާއި ގުޅޭގޮތަށް ކިޔައިދެވޭތޯ ބެލީމެވެ.

"މަރުވީމާ، މައްޔިތާ ހިނަވައި(ފެންވަރުވާފަ) ކަށުނަމާދުކޮށް ވަޅެއް ކޮނެފައި ވަޅަށް ލާނީ. ދެން ހުރިހާ މީހުން ހެޔޮ ދުޢާކޮށްދޭނީ"

3އަހަރުގެ ދަރިފުޅު ސުވާލުކުރިއެވެ.

"މަންމީ ކަށްވަޅުގައި ސްނޭކް އުޅޭނެތަ؟ ކުރަފި އުޅޭނެތަ؟ ކަށްވަޅު އޮންނާނީ ކިހިނެއް؟ ކަށްވަޅުގައި ވާނީ ކިހިނެތް؟" މިހެންގޮސް އެތައް ސުވާލެކެވެ.

އެ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި މަސައްކަތް ކުރީމެވެ. އަދި ކިޔައިދިނީމެވެ.

"މަރުވެ ވަޅުލުމުން މަލާއިކަތް ބޭކަލުން އައިސް 3 ސުވާލު ކުރާނެއެވެ."

ދެކުދީން އަނެއްކާވެސް ސުވާލުކުރިއެވެ " އަދި އެއްފަހަރު ތި ވާހަކަ އަލުން ކިޔައިދީބަލަ މަންމާ؟"

އަޅުގަނޑު އަނެއްކާވެސް އަލުން ވާހަކަ ފަށައި އެތިން ސުވާލު ބުނެދީ، ވަކި ވަކިން އެ ތިން ސުވާލު ޖަވާބާއި އެކުގައި ބުނެދިނީމެވެ.

އަޅުގަނޑު " ދަރިފުޅާ އެ ތިން ސުވާލަކީ ތިބާގެ ރައްބަކީ ކޮބާ؟، ތިބާގެ ދީނަކީ ކޮބާ؟، އަދި ތިބާގެ ނަބިއްޔާ އަކީ ކޮބާއެވެ؟ މި ތިން ސުވާލެވެ. މި ތިން ސުވާލުގެ ޖަވާބަކީ، އަހަރެންގެ ރައްބަކީ ﷲއެވެ. އަހަރެންގެ ދީނަކީ އިސްލާމް ދީނެވެ. އަހަރެންގެ ނަބިއްޔާ އަކީ محمد صلى الله عليه وسلمއެވެ.

ދަރިފުޅުމެންނަށް އެނގޭތަ! މި 3 ސުވާލުގެ ޖަވާބު ކަށްވަޅުގައި ދެވޭނީ ހަމައެކަނި ﷲ އަށް އީމާންވެ، ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތައް ތެދުކޮށް ހެޔޮ އަމަލު ކުރާ ތަޤްވާވެރި މީހުންނަށެވެ. މި ދުނިޔޭގައި ނަމާދުކޮށް ޤުރުއާން ކިޔަވާ މީހުންނަށް، އެމީހުން މަރުވުމުން ކަށްވަޅުގައި ނަމާދާައި ހެޔޮ ޢަމަލުތައް އެމީހެއްގެ ކައިރިއަށް އައިސް، ކަށްވަޅުގައި އެމީހަކު އުފާކޮށްދޭނެއެވެ. އަދި ހެޔޮ ޢަމަލުކޮށް ﷲ އަށް ތަޤްވާވެރިވާ މީހުންގެ ކަށްވަޅު ވާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ.

އެހެންނަމަވެސް، ﷲ އަށް އީމާން ނުވެ، ނަމާދު ނުކޮށް، ޤުރުއާން ނުކިޔަވާ، ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތައް ދޮގުކުރާ މީހުންނަށް މި ދުނިޔޭގައި މި 3 ސުވާލުގެ ޖަވާބު އެނގުނަސް، އެމީހުންނަށް ކަށްވަޅުގައި އެ ސުވާލުތަކުގެ ޖަވާބެއް ނުދެވޭނެއެވެ. އަދި އެމީހުންގެ ކަށްވަޅު ވާނީ އަނދިރި ބިރުވެރި ތަނަކަށެވެ. "

ދެކުދީން ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހަން ހުރުމަށްފަހު ބުންޏެވެ.

"ކޮއްކޮ އާއި ދޮންތި ﷲ އަށް އީމާންވަމެވެ. إن شاء الله، ދޮންތިއާއި ކޮއްކޮގެ ކަށްވަޅު ވާނީ ސުވަރުގޭގެ ބަގީޗާއަކަށް"

ދެން އެއަށްފަހު އެވާހަކަ އެހިސާބުން ނިންމާލީމެވެ.

މިއަދު އަޅުގަނޑު ހުރީ ރޮށިފިހަންށެވެ. އޭރު މެންދުރު ނަމާދަށް ބަންގި ގޮވަނީއެވެ. މެންދުރު ނަމާދަށް ބަންގިދޭ އަޑު އިވުމާއި އެކު ފަސްއަހަރުގެ ދަރިފުޅު ބުންޏެވެ

"މަންމީ މިދަނީ އިނގޭ ވުޟޫކޮށްގެން ނަމާދު ކުރަން."

އަޅުގަނޑު " އާން ދަރިފުޅާ އަވަހަށް ދޭ ނަމާދު ކޮށްލަން، ވަރަށް ރަނގަޅު ކުއްޖެއްތީ، بارك الله فيك"

ދަރިފުޅު " ދޮންތި މި އުޅެނީ ނަމާދުކޮށްގެން ﷲ އަށް ތަޤްވާވެރިވާން އިނގޭ މަންމީ"

ما شاء الله، اللهم بارك لها، اللهم احفظنا. آمين 

އެވަގުތު އަޅުގަނޑުގެ ހިތަށްއެރީ އިއްޔަގަ 2 ކުދީންނާއި އެކު ދެކެވުނު ވާހަކަތައް މަތީންނެވެ. ދަރީން ކުރާ ސުވާލުތަކަށް، އެކުދީންގެ އުމުރާއި ގުޅޭގޮތަށް ތެދަށް ޖަވާބުދިނުމަކީ ހާއްދަހާ މުހިއްމު ކަމެކެވެ. އަދި އެކުދީންނަށް ހެޔޮ ފައިދާކުރާނެ ކަމެކެވެ.

ނޯޓް: އައިސްއަލަމާރިން އެއްޗެހި ކުދީން އަމިއްލައަށް ނެގުމަށް އެކުދީންނަށް އިތުބާރު ކޮށްފައި ހުއްދަ ނުދޭށެވެ. އަޅުގަނޑުގެ ފަސްއަހަރުގެ ދަރިފުޅު ނޭފަތަށް އެއްޗެއް ލައިފާނެކަމަށް އަޅުގަނޑު ދުވަހަކުވެސް ހިތަށްވެސް ނުގެނެވެއެވެ..ނަމަވެސް ކުދިންނަކީ އާ ކަންތައްތައް ތަޖުރިބާ ކުރާ ހިތްވާ ބަޔަކަށްވުމުން، ކޮންމެފަދަ ކަމެއްވެސް ކުދީން ކޮށްފާނެއެވެ. އެހެންކަމުން އަނގަޔަށް، ނޭފަތަށް، ކަންފަތަށް ލެވޭ ޒާތުގެ ކުދި އެއްޗެހި ދަރީން އަތުނުޖެހޭ ރައްކާތެރި ހިސާބެއްގައި ބެހެއްޓުމަށް ސަމާލުވާށެވެ.

--ތުއްތު އިސްލާމީ ވެށި

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް