އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އަންގައިދިނީ އިންސާނުންގެ އެއްވެސް ބާރެއް ނެތްކަމާ ހުރިހާ ބާރުތަކެއް ވަނީ ﷲ އަށްކަން: ޚުޠުބާ

ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އަންގައިދިނީ އިންސާނުންގެ އެއްވެސް ބާރެއް ނެތްކަމާ ހުރިހާ ބާރުތަކެއް ވަނީ ﷲ އަށްކަން: ޚުޠުބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

މުސްލިމް އަޚުންނޭވެ! މާތް الله އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ޞިއްޙަތާއި، ޢާފިޔަތުގެ ނިޢުމަތް ހިމެނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. (سَلُوا اللهَ الْعَافِيَةَ فَإِنَّهُ لَمْ يُعْطَ عَبْدٌ شَيْئًا أَفْضَلَ مِنْ الْعَافِيَةِ)  މާނައީ: "ތިޔަބައިމީހުންނަށް ޢާފިޔަތު ދެއްވުމަށް الله އަށް ދަންނަވާށެވެ! ފަހެ ހަމަކަށަވަރުން ޢާފިޔަތަށް ވުރެ ރަނގަޅު ކަމެއް الله ގެ އަޅަކަށް ދެއްވިގެން ނުވެތެވެ." ކީރިތި ރަސޫލާ (ޞޢވ) ބަޔާންކުރައްވާ ގޮތުގައި ޞިއްޙަތާއި، ޢާފިޔަތަކީ، އެކަންކަމާ މެދު ގިނަ ބަޔަކު ފަރުވާ ކުޑަކުރާ ކަންތައްތަކެކެވެ. ރަސޫލާ z ޙަދީސް ކުރައްވާފައިވެއެވެ. (نِعْمَتَانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: اَلصِّحَّةُ وَالْفَرَاغُ)  މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާ ކުޑަ ކުރާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ." 

މުސްލިމް އަޚުންނޭވެ! ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ތަޙައްމަލް ކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެކެވެ. ފުރަބަންދުވެ، ވަރަށް ގިނަ ޚިދުމަތްތަކުން މަޙްރޫމްވެ، ޢާއްމު ޙާލަތަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން ހިތްދަތިކަމާއި ނުތަނަވަސްކަން ވެރިވި ދުވަސްތަކެކެވެ. ބައެއް ސަރަޙައްދުތަކުގެ މިސްކިތްތަކުގައި ޤާއިމުކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދުގެ ޖަމާޢަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ނަމަވެސް الله ގެ ތަނަވަސް ރަޙްމަތުން މިއަދު މި ވަނީ، މިސްކިތްތައް ހުޅުވި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސް ނަމާދާއި، ހުކުރު ނަމާދުގެ ޖަމާޢަތް ޤާއިމުކުރުމުގެ ފުރުޞަތު ފަހިވެފައެވެ. އަދި ޢާއްމު ދިރިއުޅުމަށް ވެސް ލުއިތަކެއް ލިބިފައެވެ. މި ކަމުގައި ކަމާބެހޭ ފަރާތްތަކުން ދެއްވި އިރުޝާދުތަކަށް ރައްޔިތުން ދިން އެއްބާރުލުން ފާހަގަ ކުރަން ޖެހެއެވެ. ހަމައެޔާއެކު ކުރިޔަށް އޮތް ތަނުގައި ޢާއްމު ޞިއްޙަތު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތޮއްޖެހިގެން ނޫޅުމަށް ނަސޭޙަތްތެރިވަމެވެ. ހަމަ މިމޭރުމުން ގިނަގިނައިން އަތް ދޮވުމާއި، ޢާއްމު ސާފުތާހިރުކަމާއި، ގައިދުރުކަމާއި، މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުވުން އިންތިހާ ދަރަޖައަށް މުހިއްމެވެ. 

މުސްލިމް އަޚުންނޭވެ! އިންސާނުން ކުރަމުންއައި ނޭދެވޭ އެތައް ކަމަކުން ދުރުހެލިވެ، ދިރިއުޅުމުގެ ވައްޓަފާޅިއާ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސާފުތާހިރުކަމުގެ މިންގަޑުތަކަށް އިޙްތިރާމްކުރަން މަޖުބޫރުކުރުވީ ކޮން ކަމެއްހެއްޔެވެ؟ ލޮލަށް ނުފެންނަ ކުޑަ ކުޑަ މަޚްލޫޤެއްގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން ވެރިވެ، ޢާއްމު ޚިދުމަތްތައް ހުއްޓި، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުން، އިންސާނުންނަށް ލިބިގެން ދިޔައީ ކޮންފަދަ ބޮޑު ޢިބްރަތްތެރި ފިލާވަޅެއް ހެއްޔެވެ؟ 

ޝައްކެއްވެސް ނެތެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ކޮވިޑް ނަވާރައިގެ ސަބަބުން އެނގިގެންދިޔައީ އިންސާނާގެ ނިކަމެތިކަމާއި، އާރެއް ބާރެއް ނެތްކަމެވެ. الله ތަޢާލާ ވަޙީކުރެއްވިއެވެ. (وَخُلِقَ الْإِنسَانُ ضَعِيفًا)  މާނައީ: "އަދި، އިންސާނާ ހައްދަވާފައިވަނީ، ދެރަ ބަލިކަށި މީހެއްގެ ގޮތުގައެވެ." އަދި ހަމައެޔާއެކު الله ތަޢާލާ ހެއްދެވި މިފަދަ ކުޑަ މަޚްލޫޤެއްގެ ސަބަބުން މުޅި ދުނިޔެއަށް މެދުވެރިވެފައި މިވާ ޙާލަތުން އެނގިގެން ދަނީ الله ތަޢާލާގެ ކަށަކުޅަދުންވަންތަކަމާއި، އެކަލާނގެ ގަދަފަދަވަންތަކަމާއި، ބާރުވެރިކަމުގެ މަތިވެރިކަމާއި، ފުރިހަމަކަމެވެ. އެކަލާނގެ އެންގެވި މަގަށް ރުޖޫޢަވެ، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގައި ހިފެހެއްޓުމުގެ މުހިއްމުކަމެވެ. الله ތަޢާލާ ވަޙީކުރެއްވިއެވެ. (وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ )  މާނައީ: "އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެއެވެ."

- މިއަދުގެ ޚުޠުބާއިން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް