އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމުގެ ޒުވާނުންގެ މިސްރާބު ހުރީ ނުރައްކަލާ ދިމާއަށެވެ.

ޤައުމުގެ ޒުވާނުންގެ މިސްރާބު ހުރީ ނުރައްކަލާ ދިމާއަށެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 29 ސިކުންތު

- އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު 

ޤައުމެއްގައި ވަރަށް ގިނަ ރައުސް މާލްތައް ހުންނާނެއެވެ. އެކި ދާއިރާތަކުން އެކި ޙައިޘިއްޔަތުންނެވެ. ވިޔަފާރީގެ ގޮތުންނާއި ކުރިއެރުމާއި ޙަޟާރަތުގެ ގޮތުންނެވެ. ތަހްޛީބާއި ތަމައްދުނުގެ ގޮތުންނެވެ. މިހުރިހާ ކުރިއެރުމެއް ބިނާވެގެންވަނީ އެޤައުމަކަށް ލިބިފައިވާ މޮޅުޒުވާން ޖީލެއްގެ މައްޗަށެވެ. ޒުވާނުންނަކީ ޤައުމެއްގައި ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލެވެ. ޤައުމެއް ކުރިއެރުމާއި ނިކަމެތިވުން ބިނާވެފައި ވަނީ މިބުނެވުނު ރައުސްމާލަށް އަންނަ މޮޅުދެރައިގެ މައްޗަށެވެ.

ޒުވާންކަމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ލައްވާފައިވާ ދައުރުތަކުގެ ތެރެއިން އެންމެ މުހިއްމު އެންމެ ބޭނުންތެރި ދައުރެވެ. މިދައުރު ބޭކާރުވިޔަދީގެން ނުވާނެއެވެ. ލޮބުވެތި ރަސޫލާގެ ޙަދީޘު ބަސްފުޅުގައި އަންނަފަދައިންނެވެ. ]وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ عَزَّ وَجَلَّ[ މާނައީ: ޤިޔާމަތް ދުވަހު އެންމެ ކާމިޔާބުވާނެ އެކަކީ ﷲގެ ޙަޟުރަތަށް ބޯލަނބައިގެން ކިޔަމަންތެރިކަމުގެ ތެރޭގައި އުޅެބޮޑުވާ މުސްލިމު ޒުވާނާއެވެ. ([1] މިޙަދީޘު ރިވާކުރައްވާފައިވަނީ ހަ އިމާމުންނެވެ.)

މިއަދު އަޅުގަނޑުމެންގެ ޒުވާނުން ތަރުބިޔަތުވަނީ މިގޮތަށްތޯއެވެ؟ މިޒުވާނުންގެ ވާހަކަތައް އަޑުއަހާމީހަކު ހިތާމައިން ހިތްފަޅައިގެން ދާވަރުވާނެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ކަރުނަނާޅާ ހަމަ އެއްމެ ޢާއިލާއެއްވެސް ނެތޭބުންޏަސް ގޯހަކަށް ނުވާނެެއެވެ. އެއްބަޔަކު ދީނީގޮތުން ހައްދުފަހަނަޅައި ތިމަތިމާމެން އަމިއްލައަށް ހިތުހުރިގޮތަކަށް ދީނުގެ ކަންތައްތަކަށް ފަތުވާ ދެމުން ތިމާމެންގެ ޒާތީ މަފާދާއި ހަތިޔާރަކަށް ދީން ބޭނުންކުރަމުން ހައްދުފަހަނަޅައިގޮސް ދީނަކީ ނޫޅެވޭވަރުގެ ދަތިއުނދަގޫ އެއްޗަކަށް ހަދަމުން ދަނީއެވެ. ތިމާ ޤަބޫލު ނުކުރާ ކޮންމެކަމަކީ ނުވަތަ ތިމާ ނޫޅޭ ކޮންމެ ގޮތަކީ ބާޠިލާއި ކުފުރަކަށް ބަދަލު ކުރަމުން، އަނެކުން ކާފިރުކުރަމުން އަމިއްލަައަށް މަގުފުރެދެމުން އަނެކުން މަގުފުރައްދަމުން، މިފަތުވާތަކުގެ ދަށުން ޙައްޤަކާ ނުލައި މީސްމީހުން މަރަމުން ޤަތުލު ހުއްދަ ކުރަމުން ދަނީއެވެ،

އަނެއްބަޔަކު ދީން ދޫކޮށްލާފައި ދީނަށް ފުރައްސާރަ ކުރަމުން ހިތުހުރި އެއްޗެއް ދީނާމެދު ބުނަމުން ލާއިންސާނީ ކަންތައްތަކަށް ގޮވަމުން އެއީ އިންސާނީ ޙައްޤުތަކޭބުނެ އެކަންކަމުގެ މިނިވަންކަން ލިބިގަތުމަށް އަޑުއުފުލަމުންދަނީއެވެ.

އަނެއްބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހި ތިމާމެންގެ ނަފްސާއި މުޅި ޤައުމު ބަރުބާދު ކުރަމުން ދަނީއެވެ. މިހެންގޮސް މިފަދަ ޒުވާނުންގެ މުނިފޫހިފިލުވުމަކީ ޑްރަގްނެގުންކަަމަށް ވެއްޖެއެވެ. ހަމަހެއިގައި އުޅެވޭ ވަގުތެއް މިފަދަ ޒުވާނުންނަކަށް ނުލިބެއެވެ. ކިރިޔާވެސް ހުސްވަގުތެއް ލިބޭހިނދު ތުންފަތުގައި ޖައްސާލާހިތްވަނީ ޝީޝާގެ ހޮޅިގަނޑުގެ ކޮޅެވެ.

މިކަންކަން އިޞްލާޙުކުރަން ތިބީވެސް ހަމަ ޒުވާނުންނެވެ. އެހެންނަމަވެސް އެފަދަ ޒުވާނުންވެސް އިސްލާމް ދީނުގެ ނަމުގައި އެދަނީ ކުފުރުގެ ފަތުވާތައް ފަތުރަމުން ޤަތުލުކުރުމާއި މީހުން މެރުމަކީ އަދި ތިމާމެން ދުނިޔެއަށް އައި މަޤްޞަަދަކީ މިކަންކަން ކަމުގައި ދެކިގެން ޢަމަލީ މައިދާނުގައި އެމަޤްޞަދު ޙާޞިލު ކުރެވޭތޯ ބަލަމުންނެވެ. މިއީ ފަހުޒަމާނުގައި މިކަން ވާންއޮތް ގޮތްކަމަށް ވެސް ވެދާނެއެވެ. ފަހުޒަމާނުގައި މިފަދަ މީހުން ފާޅުވާނެކަމުގެ ހިތާމަވެރިޚަބަރު ލޮބުވެތި رَسُولُ اللَّهِ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ މާކުރިން މިއުއްމަތަށް ދެއްވައި އެކަމަށް ސަމާލުވެތިބުމަށް އިރުޝާދު ދެއްވާފައެވެ. ނިކަން ލޮބުވެތި رَسُولُ اللَّهِ hގެ ޙަދީޘު ބަސްފުޅާމެދު ވިސްނާލަމާ ހިނގާށެވެ.  

]عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ أَيُّهَا النَّاسُ إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ يَخْرُجُ قَوْمٌ مِنْ أُمَّتِي - ]أَحْدَاثُ اْلأَسْنَانِ سُفَهَاءُ اْلأَحْلاَمِ[ - يَقْرَءُونَ الْقُرْآنَ لَيْسَ قِرَاءَتُكُمْ إِلَى قِرَاءَتِهِمْ بِشَيْءٍ وَلاَ صَلاَتُكُمْ إِلَى صَلاَتِهِمْ بِشَيْءٍ وَلاَ صِيَامُكُمْ إِلَى صِيَامِهِمْ بِشَيْءٍ يَقْرَءُونَ الْقُرْآنَ يَحْسِبُونَ أَنَّهُ لَهُمْ وَهُوَ عَلَيْهِمْ لاَ تُجَاوِزُ صَلاَتُهُمْ تَرَاقِيَهُمْ يَمْرُقُونَ مِنْ اْلإِسْلاَمِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ لَوْ يَعْلَمُ الْجَيْشُ الَّذِينَ يُصِيبُونَهُمْ مَا قُضِيَ لَهُمْ عَلَى لِسَانِ نَبِيِّهِمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَتَّكَلُوا عَنْ الْعَمَلِ بِيضٌ[

މާނައ: މާތް ﷲ ރުއްސުންލެއްވި އަމީރުލް މުއުމިނީނަ ސައްޔިދިނާ ޢަލީގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އޭ މީސްތަކުންނޭވެ! رَسُولُ اللَّهِ (ޞަލަﷲ ޢަލައިހި ވަސައްލަމަ) މިފަދައިން ޙަދީޘު ކުރެއްވިއަޑު ތިމަން ކަލޭގެފާނު އެއްސެވީމެވެ. ތިމަން ރަސޫލާގެ އުއްމަތުގެ ބައަކު ފަހު ޒަމާނުގައި ޙަޤީޤީ މުސްލިމުންނާ ދެކޮޅަށް ނިކުންނާނެތެވެ. އެބައިމީހުން ޢުމުރުން ޅަވެފައި ބުއްދި ފުރިހަމަ ނުވާނެއެވެ. ޤުރުއާން ކިޔަވައި އުޅޭނެއެވެ. އެބައިމީހުންގެ ކިޔެވުމާ އަޅާބަލާއިރު ތިއަބައިމީހުންގެ ކިޔެވުން އެއްޗަކަށް ނުވާނެއެވެ. އެބައިމީހުންގެ ނަމާދާ އަޅާބަލާއިރު ތިޔަބައިމީހުންގެ ނަމާދަކީވެސް މާބޮޑު އަގެއްހުރި ކަމަކަށް ނުވާނެއެވެ. އެބައިމީހުންގެ ރޯދައާ އަޅާބަލާއިރު ތިޔަބައިމީހުންގެ ރޯދައަކީވެސް އެއްވެސް އެއްޗަކަށް ނުވާނެއެވެ. ދަންނާށެވެ! މިބައިމީހުން ޤުރުއާން ކިޔަވާހިނދު އެބައިމީހުން ހީކުރާހުށީ ތިމަންމެނަށް އެއިން ފައިދާ ލިބޭނޭކަމަށެވެ. އެހެންނާ އެބައިމީހުންނަށް ނޭގުނުކަމުގައި ވިއަސް ޙަޤީޤަތުގައި އެއީ އެބައިމީހުންގެ މައްޗަށްހުރި ވަބާއެކެވެ. އެބައިމީހުން ގިނަގިނައިން ނަމާދު ކުރާނެއެވެ. އެހެނަސް އެއިން ނަމާދެއް އެބައިމީހުންގެ މެޔާ ހަމައަށް، ކަރަށްވުރެން ތިރިއަކަށް ވާޞިލު ނުވާނެއެވެ. (އެބަހީ އެބައިމީހުންގެ ހިތުތެރެއަކު ﷲއަށްޓަކައި އިޚްލާޞްތެރި ކަމެއް ނޯންނާނެއެވެ.) 

އެބައިމީހުން ދީނުން ބޭރުވެގެން ދާހުށީ ދުނިދަނޑިއަކުން ތީރެއް ވީއްލިގެން ދާހެންނެވެ. މި ނުބައި ޢަމަލު ހިންގާ ޒުވާނުންނާ ބައިވެރިވެ ހަނގުރާމަ ކުރަމުންދާ ލަޝްކަރީންނަށް އެބައިމީހުންގެ އެޢަމަލާމެދު އެބައިމީހުންގެ ނަބިއްޔާގެ އަރިހުން އައިސްފައިއޮތް ޙަދީޘު ބަސްފުޅު އެނގޭ ނަމަހީ އެލަޝްކަރީން ތިމާމެންގެ ހެއު ޢަމަލު ދޫކޮށް، މިނުބައި ޢަމަލަށް ބަރޯސާވެރި ވެގެން ނުތިބީސްކަން ކަށަވަރެވެ.([1]) ([1] މިޙަދީޘު ކުދިކުދި ތަފާތަކާއެކު ހަ އިމާމުން ރިވާކުރަށްވާފައި ވެއެވެ. މިތާގައި ވަނީ މުސްލިމާއި ތިރްމިޛީގެ ޢިބާރަތެވެ.  ) 

މިނުބައި ސުންޕާ ޢަމަލުން މާތް ﷲ އަޅަމެން އެންމެހައި މުސްލިމުން ސަލާމަތް ކުރަށްވާށިއެވެ. ޤައުމުގެ ޒުވާނުންނަށް ހެއު ވިސްނުން ދެއްވާށިއެވެ. އާމީން!

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު