އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮނަސައްތަ އިސްމްފުޅުގެ ތެރެއިން 3: "އައްރަޙީމް" - (ރަޙްމަތްވަންތަ ރަސްކަލާނގެ)

އޮނަސައްތަ އިސްމްފުޅުގެ ތެރެއިން 3: "އައްރަޙީމް" - (ރަޙްމަތްވަންތަ ރަސްކަލާނގެ)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

الرَّحِيْمُ

(ރަޙްމަތްވަންތަ ރަސްކަލާނގެ)

(3)

بسم الله الرحمن الرحيم އަކީ އަރަހުށި މާތް ނަންފުޅުތަކުގެ ތަޅުދަނޑި ތަކެވެ. ﷲގެ އެންމެ މަތިވެރި ނަންފުޅު އޭގެ ތެރޭގައި ހިމެނޭކަމަށް ބުނެވެއެވެ.

ﷲ: އަކީ އެކަލާނގެ މުޤައްދަސް ޛާތުފުޅުގެ އެންމެ މަތިވެރި ނަންފުޅެވެ. އެކަލާނގެ މަތިވެރި ހުރިހާ ނަންފުޅުތަކަކާ ސަރްމަދީ ހުރިހާ ސިފަފުޅުތަކެއް އޭގައި ޖާމިޢުވެގެންވާ ނަންފުޅަކީ މިއެވެ.

الرَّحمن: އަކީ ﷲގެ ނަންފުޅެކެވެ. އަދި އެއީ އެކަލާނގެ މަތިވެރި ޛާތުފުޅުގެ މަތިވެރި ސިފަފުޅެކެވެ. އެބަހީ އެކަލާނގެއީ އެކަލާނގެ ހުރިހާ މަޚްލޫޤުތަކުންނަށް އޯގާވެރި ތަނަވަސް ރަޙްމަތުގެ ވެރި ރަސްކަލާނގެއެވެ.

الرَّحيم: އަކީ އެކަލާނގެ މުޤައްދަސް ޛާތުފުޅުގެ ނަންފުޅެކެވެ. އަދި އެއީ އެކަލާނގެ އިލާހުވަންތަކަމުގެ ދާއިމީ ޞިފަފުޅެކެވެ. އެކަލާނގެ އަމިއްލަ ޛާތުފުޅަށް ރަޙްމަތް ލިޔުއްވާފައި ވެއެވެ. އަދި ދުނިޔެއާއި އާޚިރަތުގައި އެކަލާނގެ މުއުމިނު އަޅުންނަށް މި ރަޙްމަތް ޚާއްޞަ ކުރައްވާފައި ވެއެވެ.

الرَّحمن އާއި، الرَّحيم އަކީ އެކަލާނގެ އަޅުންނަށް ރަޙްމަތް ލެއްވުމަށްޓަކައި އެކަލާނގެ ޛާތުފުޅަށް ޚާއްޞަ ކުރައްވާފައިވާ ދެސިފަފުޅުވެސް މެއެވެ. ((الرَّحمن، الرحيم)) ކީރިތި ޤުރްއާނުގައި ބިސްމީގައި 114 ފަހަރު އައިސްފައި ވެއެވެ. އަދި މީގެ އިތުރަށް 4 އާޔަތެއްގައި މިދެނަންފުޅު އެކުއެކުގައި ވާރިދުވެފައި ވެއެވެ.

އެކަލާނގެ ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ التواب، العزيز، الغفور، الرءوف، الودود، الربُّ، البَرُّ މިނަންފުޅުތަކާއެކު (الرحيم) ގެ ނަންފުޅު އައިސްފައިވެއެވެ.

މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ރިވާކުރައްވާ ގޮތުގައި މާތްﷲ ރުއްސުންލެއްވި عثمان بن عفّان، رسول الله صلى الله عليه وسلم އަށް بسم الله الرَّحمن الرحيم އާ ބެހޭގޮތުން ސުވާލު ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެއީ އަރަހުށި ﷲގެ ނަންފުޅެކެވެ. އެނަންފުޅާ އެންމެ މަތިވެރި ނަންފުޅާ ދެމެދުގައިވާ ހުރަހަކީ ލޮލުގެ ކަޅުބަޔާ، ހުދުބަޔާ ދެމެދުގައިވާ ހުރަސްފަދަ ހުރަހެކެވެ.

މާތްﷲއަށް ލިބިވޮޑިގެންވާ الرَّحمنއާއި الرحيمގެ ސިފަފުޅުތަކުން އެކަލާނގެ މުއުމިނު އަޅުންގެ ހިތްތަކަށް ރަޙްމަތް ލެއްވިއެވެ. އަދި މުއުމިނުން އެއްބައަކު އަނެއް ބައަކަށް ރަޙްމުކުރުމަށް އެންގެވިއެވެ.

މިނަންފުޅުން ދުޢާ ދަންނަވާމީހާގެ ހިތަށް މާތްﷲ އޯގާތެރިކަން ވައްދަވާ އޭނާގެ ހިތް ހެޔޮކުރައްވާނެއެވެ. އަދި މަޚްލޫޤުންނަށް އޯގާތެރި ވާނެއެވެ. ބުނެވޭ ގޮތުގައި ދުވާލަކު 100 ފަހަރު މިނަންފުޅުން  ހަނދުމަކުރާ މީހަކަށް ﷲގެ ރަޙްމަތް އަބަދުވެސް ލިބިގެންވާނެއެވެ. ބިރުވެރިކަމުގެ ޙާލަތުގައި އަމާންކަން ދެއްވާނެއެވެ. ޙާލުގައި ޖެހިފައިވާ ވަގުތުގައި އޭގެ މަންފާ ކުރާނެއެވެ. الرَّحمن އާއި الرحيم ކިޔައި، ޖައްބާރެއްގެ ގާތަށް ދިޔަނަމަ އޭނާގެ ނުބައިކަމުން ސަލާމަތް ކުރައްވާނެއެވެ. އަދި އޭނާއަށް ހެޔޮކޮށް ހިތޭނެއެވެ.

(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު  މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް