އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު
ކޮވިޑުންވެސް އަދި އެހެން ބަލިތަކުންވެސް ކޮންމެ މުޞީބާތަކުން ވެސް ސަލާމަތްކުރައްވަވައި ދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! އެކަމުގެ ބާރު ލިބިގެންވާ އެއްވެސް މީހަކު ނުވެއެވެ. އަދި އެއީ އެއްވެސް މީހަކަށް އެއްވެސް ޒަމާނެއްގައި ލިބުނު ބާރެއްވެސް ނޫނެވެ. ދުވަހަކުވެސް ލިބޭނެ ބާރެއްވެސް ނޫނެވެ!
މިބަހުގެ މާނައަކީ އެއްވެސް ޙާލެއްގައި ﷲ ގެ ޙަޟްރަތުން ވާގިއެދި ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތް ނުކުރުމެއް ނޫނެވެ.
ރާއްޖޭގައި ފެތުރެންފެށި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް މިދަނީ ކުރިއަށެވެ! އެހެންކަމަށްވާއިރު ބަލިން ސަލާމަތްވުން އެދި ޤައުމުން ބަލިފިލައިގެން ދިއުން އެދި ހަމަ ކޮންމެ މީހަކުވެސް މިވަނީ ﷲ ގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތްތައް ކުރަންޖެހިފައެވެ. އެމީހަކަށް ކުރެވެން ހުރި ހުރިހާ ކަންކަމެވެ.
ބަލިފެތުރުން ކޮންޓްރޯލުކުރެވޭތޯ ކުރަންހުރި ކަންކަން އެޗްޕީއޭއިން ގެންދަނީ ކެނޑިނޭޅި ހާމަކުރަމުންނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ހަނދާންކޮށްދެމުންނެވެ. އަސާސީ ތައުލީމުގެ މުހިންމުކަމާއި ދޭތެރެދުރުކުރުމުގ ފައިދާ އާއި ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަތައް ފިޔަވައި ކޮވިޑަށް ރައްޔިތުން ހޭލުންތެރިކުރުވަން ރާއްޖޭގައި މަސައްކަތްކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް ބުނުމަކީ ދޮގަކަށް ވެދާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!
މަންމަ، ބައްޕަ، އަނބިދަރިން ނުވަތަ އެނޫންވެސް ލޯބިވާ މީހަކަށް ކޮވިޑް ޖެހިއްޖެނަމަ ދެރަވެއެވެ. ކަރަންޓީނަށް ގެންދާތީ ހިތާމަވެސް ކުރެއެވެ. ގޭގެ އެންމެން ކަރަންޓީނުގައި ބައިތިއްބާތީ ދަތިތައްވެސް ކުރިމަތިވެއެވެ. ޝަކުވާވެސް ކުރެވެއެވެ. ހިތާމައަކީ މައިންބަފައިންނާއި ދަރިން ވެސް ހިމެނޭ ގޮތުން އެއް ޢާއިލާއެއްގެ 30 މީހުންހައި ގިނަ މީހުން އެކުގައިހެން ޕޮޒިޓިވްވަމުންދާއިރުވެސް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމެވެ.
އެހެންކަމާއިއެކުވެސް ވިސްނައިލަންވީ ޑރ. އަފްޒަލްގެ ސުވާލަށެވެ. "ބޮޑު ބަލިމަޑުކަމެއް ފެތުރި އެކަމުގެ ބިރުވެރިކަން އޮތްކަން މަގުމަތިން ފެނޭހެއްޔެވެ؟"
ކޮވިޑުން ސަލާމަތްވެވުން އޮތީ ޑރ. އަފްޒަލުގެ ސުވާލަށް ރައްޔިތުންގެތެރެއިން ކޮންމެ މީހަކުވެސް ވިސްނައި ޢިޖާބަދީގެންނެވެ. ޤައުމު މިވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން ޤަބޫލުކޮށް އެނުރައްކަލުން ޤައުމު ސަލާމަތްވުން އެދި ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބު އަދާކޮށްގެންނެވެ.
ޤައުމު މިވަނީ ބޮޑު އިޤްޠިޞާދީ ކާރިސާއެއްގައެވެ. ޤައުމުގެ އިޤްޠިޞާދުގެ 80 އިންސައްތަ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ބޭރުފައިސާއަށް މިވަނީ ސަލާންޖަހަންޖެހިފައެވެ. އެތައް ހާސް ބައެއްގެ ވަޒީފާ މިހާރުވެސް މިވަނީ ގެއްލިފައެވެ. އިތުރު އެތައް ސަތޭކަ މީހުންގެ ވަޒީފާ ކޮންމެ ދުވަހަކު މިދަނީ ގެއްލެމުންނެވެ. އަނބިދަރިންނަށް ކާންބޯންދޭން ސަލާންޖަހަން މިވަނީ ޖެހިފައެވެ.
ރިޒޯޓުތައް ހުޅުވިނަމަވެސް ފަތުރުވެރިން އަންނާނީވެސް ކޮރޯނާއިން ސަލާމަތްވެވުންވަރަކުންނެވެ. ވީމާ މިހާރު މިވަނީ ކޮވިޑުން ސަލާމަތްވުމަކީ ޤައުމީ ޖިހާދެއް ކަމަށް ޤަބޫލުކޮށް އެންމެން އެކުގައި އެކަމަށް މަސައްކަތްކުރަންޖެހިފައެވެ. ދުޢާކުރުން ގިނަކުރަންޖެހިފައެވެ.
Advertisement
20 ސެޕްޓެމްބަރ 2020