އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަލާމާތާ ފުރައްސާރަކުރުމުގެ ކުށަސް ތައުބާ ނުވިނަމަ ﷲ ގެ ޙަޟްރަތުގަ އެމީހަކީ އަނިޔާވެރިއެއް! ބިރުވެތިވޭ!

މަލާމާތާ ފުރައްސާރަކުރުމުގެ ކުށަސް ތައުބާ ނުވިނަމަ ﷲ ގެ ޙަޟްރަތުގަ އެމީހަކީ އަނިޔާވެރިއެއް! ބިރުވެތިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މިހާރުވެސް ގިނައީ މީހުންނަށް މަލާމާތްކުރުމާއި ފުރައްސާރަކުރުމާއި ޙަޖޫ ޖެހުންފަދަ ކަނަކަން ކުރުން އެއީ ކުރެވޭ ފާފައެއް ކަމަށް ނުވެސް ދެކޭ މީހުންނެވެ. ނުވަތަ އެއީ ކުރެވޭ ފާފައެއް ކަމަށް ޤަބޫލުވެސް ނުކުރެވޭ މީހުންނެވެ. ނަމަވެސް އެކަންކަމަކީ ހަަމަ ކުރެވޭ ބޮޑެތި ފާފަތަކެވެ. ދުނިޔޭގައި ހުރެ އެމީހާގެ ކިބައިން މާފުނުހޯދިއްޖެ ނަމަ ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެ ފާފަތަކެވެ. 

އަލްހުޖްރާތު ސޫރަތުގެ 11 ވަނަ އާޔަތަށް ބަލާށެވެ! އީމާންވެގެން ތިބި އެންމެންނާއި މުޚާޠަބް ކުރައްވަވައި، ފިރިހެނުން ކަމުގައިވީ ނަމަވެސް އަދި އަންހެނުން ކަމުގައިވީނަމަވެސް އެއްބައަކު އަނެއް ބައަކަށް ފުރައްސާރަ ނުކުރަން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެކަކު އަނެކަކަށް ޣީބަ ނުބުނުމަށްވެސް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. 

ހަމައެޢާއިއެކު އެއް ބައަކު އަނެއް ބައަކު ނުރުހޭ ފަދަ ލަޤަބްތަކުން ނުގޮވަން ކުރައްވަވާފައިވާ އަމުރުފުޅަށް ބިރުވެތިވާށެވެ. އެއްވެސް މީހަކު ނުރުހޭނެ ނަމަކުން އެމީހަކާއި މުޚާޠަބް ނުކުރާށެވެ. މިކަންކަމުގެ ހުރި ބިރުވެރިކަން ނިކަން ވިސްނައިލަބަލާށެވެ! "އީމާންވުމަށްފަހު ފާސިޤްވުމުގެ ނަން ލިބުމަކީ ހައުދަހައިވާ ނުބައިވެގެންވާ ކަމެއް ކަމަށް އޮތުމުން އެކަނިވެސް މިކަންކަމުގެ ނުބައިކަން އެނގިގެންދެއެވެ. އަދި އެވަރުން ފުއްދަވައި ލެއްވެވީއެއްވެސް ނޫނެވެ. އެފަދަ ކަމެއް ކުރެވިއްޖެ ނަމަ ތައުބާވާން ޖެހޭނެކަންވެސް އެވަނީ އަންގަވައިފައެވެ. ތައުބާ ނުވިނަމަ އެއީ އަނިޔާވެރިއެއް ކަމަށްވެސް އެވަނީ ބަޔާންކުރައްވަވައިފައެވެ. 

މިކަންކަމުން އެނގިގެންދަނީ ދުލުގެ ހަމަލާތަކަކީވެސް ހަމަ އަނިޔާވެރި ހަމަލާތަކެއް ކަމެވެ. ތިމާގެ ދުލުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފިނަމަ އެމީހަކީ ފާސިޤަކަށްވެގެން ހިނގައިދާނެ ކަމެވެ. ދުލުގެ ސަބަބުން އެމީހަކީ ހަމަ އަނިޔާވެރިއަކަށްވެގެންވެސް ހިނގައިދާނެ ކަމެވެ. 

މީހުންގެ ސިފަ އަށް ހަޖޫ ޖަހައި ނުވަތަ އެނޫންވެސް ގޮތް ގޮތުން މީހުންނަށް ފުރައްސާރަކުރުން މިހާރު މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. އެފަދަ ކަންކަން ކުރުމުން ބައެއް ފަހަރު އަނެކާ ނުރުހި "ހޫނުވުމުން" އެއީ ސަމާސާއަކަށް ބުނި ބަހެއް ކަމަށް އބުނެ އެއީ "އެހެން ބުނި ބަހެއް" ނޫން ކަމަށްވެސް އެބަ ބުނެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭނީ ﷲ ތަޢާލާ ކަނޑައެޅިގެން ނަހީ ކުރައްވަވާފައިވާ ކަމެއް ސަމާސައަކަށް ނަމަވެސް ކުރުމުން ފާފަވެރިވާނެ ކަމެވެ. ބިރުވެތިވާން ޖެހޭނީ އެކަމެއް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތް ގޮތާއިމެދުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް