އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށްމަދު ކުރުމަށް ފަރުދީ ޒިންމާ އަދާކުރަމާ!!!!

ކުށްމަދު ކުރުމަށް ފަރުދީ ޒިންމާ އަދާކުރަމާ!!!!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 46 ސިކުންތު

އޮފީހަށް ދިއުމަށް ގަޑިޖެހިދާނެތީ ދިޔައީ ވަރަށް ބާރަށް ހިނގާފައެވެ. ގިނަފަހަރަށް މަގު ހުރަސްކޮށްލެވެނީ މަގަށް ދޭންވާވަރަށް ސަމާލުކަން ނުދެވިއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދަނީ ގަޑިނުޖެހި އޮފީހަށްދިއުމަށެވެ. އަމީނީ މަގަށް ނުކުތްއިރު ލޮލުގައި އަޅައިގަތީ އަޅުގަނޑު ހިނގާފައި އައި ފަޅީ ޕޭވްމަންޓް މަތީގައި ހުރެ އަޑުގަދަކުރަމުން ދިޔަ ޒުވާން އަންހެންކުއްޖެކެވެ. ކޮންމެވެސް ވަރަކަށް މީހުންވެސް އެހިސާބުގައި ތިއްބެވެ. ސައިކަލުގައި ދާ މީހުންނާ ހިނގާފައިދާ ބައެއްމީހުން މަޑުޖެހި ކުޅިބަލަން ތިބި މަންޒަރުވެސް ފެނުނެވެ. އެކުއްޖާއާއި އަރާ ހަމަވެފައި ވަރަށް ރަނގަޅަށް އެކުއްޖާގެ މޫނަށް އަޅުގަނޑު ބަލައިލީމެވެ. ބަލާބެލުމަށް ހީވަނީ ވަޒީފާއަށްދިޔަ ކުއްޖެއްހެންނެވެ.

“އަހަރެންގެ ފޯނު ގެންގުޅޭނެ ގޮތެއް އެނގޭނީ އަހަންނަކަށްނު. ތަނެއްގަ ފޯނު އޮތެކޭ ކިޔާފަ އަތްލަން ޖެހޭތަ؟ ފޯނުގެ ޑިސްޕްލޭ އޭ އެދިޔައީ. ކާކު ޒިންމާ ނަގާނީ؟” އެކުއްޖާ ކައިރިން ހުރަސްކުރި ވަގުތު އެ ކުއްޖާ ބުނެލި ދެތިން ޖުމްލަ އަޅުގަނޑުގެ ކަންފަތުގައި ޖެހުނެވެ. ވީގޮތެއް ބަލައިލަން އެތަނުގައި މަޑުކޮށްލާހިތް ވިޔަސް ގަޑިޖެހިދާނެތީ އެ ހިޔާލު ދޫކޮށްލީއެވެ. އެހެންނަމަވެސް ވީގޮތެއް ނުބަލާ ކުރިއަށްދާންވެސް އަޅުގަނޑަށް އުނދަގުވިއެވެ. އެހެންކަމުން އަޅުގަނޑާ އެއްވަރަށް ހިނގާފައި ދިޔަ މީހެއްގާތު އަހައި ވީގޮތެއް އޮޅުންފިލުވީމެވެ. ވިލިމާލޭ ފެރީން ފައިބައިގެން އަމީނީ މަގުން ހެންވޭރާ ވީކޮޅަށް އެކުއްޖާ ހިނގާފައި ދިޔައީ ފިހާރައަކަށް ވަޒީފާއަށް ދިޔުމަށެވެ. ކަންފަތަށް ހެޑްސެޓް ޖަހާފައި ފޯނަށް ކަނެކްޓް ކޮށްލުމަށްފަހު ފޯނު ޖަހައިލީ ލައިގެން ހުރި ޖީންސްގެ ފަހަތު ޖީބަށެވެ. މަގުމަތިން ދިޔަ ފިރިހެނަކު އެކުއްޖާގެ ފޯނު ފޭރެން މަސައްކަތް ކުރި ވަގުތު ފޯނު ބިންމައްޗަށް ވެއްޓުނީކަން އެމީހާގެ ވާހަކަތަކުން އަޅުގަނޑަށް އެނގުނެވެ.

 އޮފީހަށް ވަދެވެންދެން އަޅުގަނޑަށް ވިސްނެމުން ދިޔައީ އެކަމާއެވެ. ހިތަށް އެރިއެވެ. ފޯނު ފޭރެން މަސައްކަތްކުރި މީހާ އެކަމުގައި ކުށްވެރި ކުރެވިދާނެތޯއެވެ؟ އެކުއްޖާގެ ފޯނުގެ ޑިސްޕްލޭ ހަލާކުވުމުން ހަގީގަތުގައިވެސް ޒިންމާ ނަގަންޖެހޭނީ ފޯނު ފޭރެން މަސައްކަތްކުރި މީހާތޯއެވެ؟ މަގުމައްޗަކީ ތަފާތު މީހުންނާ ބައްދަލުވާތަނެކެވެ. އެއްވެސް މީހެއްގެ މޫނުމަތިން އެމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގޭކަށް ނޯވެއެވެ. ފަހަތު ޖީބަށް ފޯނު ޖަހައިގެންނާއި މަގު ހިނގާއިރު ފޯނާ ކުޅެމުން ދިއުމަކީ ފޭރެން މަސައްކަތްކުރާ މީހުންނަށް ލިބޭ ފުރުސަތެއް ނޫންތޯއެވެ؟ ރަނގަޅު ވާހަކައެކެވެ. އެމީހަކު ފޯނު ގެންގުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް މަގުފަހިވާ ގޮތްގޮތަށް ތިމާގެ ފޯނުފަދަ އަގުބޮޑެތި މުދާ ގެންގުޅުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ؟ ނުވަތަ ފަރުދީ ޒިންމާ އަދާކޮށް އަޅުގަނޑުމެންގެ އަގުބޮޑެތި މުދާ ރައްކާތެރި ކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތް ކުރެވިދާނެ ނޫންތޯއެވެ. ފަހަތު ޖީބަށް ފޯނު ޖަހައިގެން ޒުވާން އަންހެންކުދިން ހިނގާފައިދާ މަންޒަރު މިހާރަކަށް އައިސް އާންމުކޮށްދަނީ ފެންނަމުންނެވެ. އަދި ފޯނު ފޭރުމުގެ މައްސަލަތައް ހިނގާފައިވެސް އެބަހުއްޓެވެ. މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވެސް އެބަހުއްޓެވެ.

ފޯނު ފޭރުމުގެ ވާހަކަ އެކަނި ދައްކާފައި ނިންމާލެވޭކަށް ނެތެވެ. މަގުމަތީގައި އުޅޭ ފިރިހެނުންގެ ކިބައިން ފެންނަމުންދާ މަންޒަރެކެވެ. ފަހަތު ޖީބަށް ދިގު ވޮލެޓް ޖަހައިގެން އުޅޭމަންޒަރެވެ. މީވެސް ފޭރެން މަސައްކަތްކުރާ މީހުންނަށް އެކަން ކުރުމަށް ދެވޭ ފުރުސަތެއް ނޫންތޯއެވެ؟ ފަހަތު ޖީބަށް ދިގު ވޮލެޓް ޖަހައިގެން އުޅެމުންދާއިރު ތިމާގެ ޖީބުން ވޮލެޓް ފޭރިގަންނާނެ އިރެއް ނޭނގެއެވެ. ފޭރޭ މީހުން ތިބޭނީ އަބަދުވެސް ފުރުސަތަކަށް ބަލަބަލައެވެ. އެކަމުގެ ފުރުސަތު ފަހިވާގޮތަށް ތިމާގެ އަމަލުތައް ނުބެހެއްޓުމަށް ބުނާ މީހާ ގިނަ ފަހަރަށް އޮންނާނީ ގޯސްވެފައެވެ. ނުވަތަ ތިމާމެންގެ އަމިއްލަ މިނިވަންކަމާ ބެހެނީކަމަށް ބުނެ، ނަސޭހަތްދޭ މީހާ ކުށްވެރިކުރާތަން ވެސް އާދެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ނޭނގި ނަމަވެސް އަދި އެނގިގެންވިޔަސް ތިމާއަށް ކޮށްލެވޭ ކުޑަކުޑަ ކަމަކުންވެސް ފޭރުމަށް މަގުފަހިވެދާނެކަމެވެ. އެހެންކަމުން އެފަދަ ކަންކަމަށް މަގުފަހި ނުވާނޭހެން ތިމާގެ އަމަލުތައް ބަހައްޓައި ފަރުދީ ޒިންމާއަދާކޮށް ފޭރޭ މީހުންގެ ކިބައިން ތިމާގެ މުދަލާއި ފައިސާ ރައްކާކުރެވިދާނެއެވެ.

އަދިވެސް ފާހަގަކުރެވޭ ކަމެކެވެ. ސައިކަލުގެ ޕޮކެޓްގައި ފޯނު ބާއްވާފައި ސައިކަލް ޕާކްކޮށްފައި ހަނދާންނެތިގެން ދިއުމެވެ. ކުއްލިއަކަށް ހަނދާންވެގެން ގޮސްބަލާއިރު ފޯނެއް ނޯވެއެވެ. ހަމަ މިގޮތަށް ސައިކަލަށް ތަޅުދަނޑި ޖަހާފައި ދިއުމުގެ ސަބަބުން ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައްވެސް މަދެއްނޫނެވެ. ހާއްސަކޮށް ފިރިހެނުން ދަނޑުތަކަށް ކުޅެން އަރާއިރު އާއި މޫދަށް އެރޭއިރު ސައިކަލަށް ތަޅުދަނޑި ޖަހާފައި ދެވުމުގެ ސަބަބުން މިފަދަ މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ. އަދި ސައިކަލު މަޑިދަށަށް ވޮލެޓާއި ފޯނު ފަދަ އަގުބޮޑެތި ތަކެތި ދޫކޮށްލާފައި ދާއިރު އެ ތަކެތި ވަގަށް ނަގާފާނެ ކަމަށް ވިސްނުމުގައި ބަހައްޓައި އެކަން ނުކުރުމަށް ސަމާލުކަންދޭން ޖެހެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު 2019 އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް މިފަދަ މައްސަލަތައް ހުށަހެޅިފައިވާ މިންވަރުމިވަނީ އިތުރުވެފައެވެ. އެގޮތުން ހިނގާފައި ދާއިރު ފޯނާ ކުޅެމުން ނުވަތަ ފޯނުން ވާހަކަ ދައްކަމުން ދާއިރު ފޯނު ފޭރޭ މިންވަރު އިތުރުވެފައިވެއެވެ. އަދި މިގޮތަށް ދެ ޖިންސްގެ މީހުންގެ ފޯނު ފޭރުމުގެ މައްސަލަތައްވެސް ހުށަހަޅާފައިވާ ކަމުގައި ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވިދާޅުވިއެވެ. އަދި ރޭގަނޑު މާލެ ސަރަހައްދުގައި ބައިސްކަލުގައި އުޅޭ ބިދޭސީން ބައިސްކަލް ބައްތީގެ ގޮތުގައި ފޯނު ބޭނުންކުރާތަން ފެންނަ ކަމަށާއި އެވަގުތުތަކުގައި ބިދޭސީންގެ އަތުން ފޯނު ފޭރިފައިވާ މައްސަލަތައްވެސް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ދިވެހި މުޖްތަމައުގައި ދުވަހެއް ދުވަހަކަށް މިފަދަ ކުށްތައް އިތުރުވަމުންދާއިރު މިކަންކަމަކީ އަޅުގަނޑުމެން ވިސްނާލުން މުހިންމު ކަންކަމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ހަނދާންކޮށްދީ ހޭލުންތެރިވުން ވެސް މުހިންމު ކަންކަމެވެ. ފަރުދީ ޒިންމާއަދާކޮށް އަޅުގަނޑުމެންގެ އަގުބޮޑެތި މުދާ ރައްކާތެރިކޮށް ބަލަހައްޓަން އެބަޖެހެއެވެ. ވައްކަންކުރާ ފަރާތްތައް އެކަން ކުރުމަށް އެއްވެސް ފުރުސަތެއް ނުދީވޭތޯ ކޮންމެ ފަރުދަކުވެސް މަސައްކަތްކުރަންޖެހެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިކަންކަމާ ދުރާލާ ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންގެ އަގުބޮޑެތި މުދާ ސަލާމަތްކުރުމަށް އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު