އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

6 ބިލެއް ރައީސް މިއަދު ތަޞްދީޤު ކުރައްވައިފި

6 ބިލެއް ރައީސް މިއަދު ތަޞްދީޤު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 20 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 6 ބިލެއް މިއަދު ތަސްދީޤުކުރައްވައިފިއެވެ. 

ރައީސް މިއަދު ތަސްދީޤުކުރެއްވި އޮޑިޓް ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. 

މި އިޞްލާހުގައި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިވަންކަމާއި ޢަދުލުވެރިކަމާއިއެކު، ތަޢައްޞުބުން އެއްކިބާވެ، ވަކި ނުފޫޒަކަށް ލެނބުމެއްނެތި މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. 

ހަމައެއާއިއެކު، މި ބިލުގައި އޮޑިޓަރ ޖެނެރަލްގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކަށް އިޞްލާޙު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. 

ރައީސް މިއަދު ތަސްދީޤުކުރެއްވި ދެވަނަ ބިލަކީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 06/2006) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލަކީ، 2020 ސެޕްޓެންބަރު 06 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. 

މި އިޞްލާހުގައި, ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއިއެކު ތަޢައްޞުބާއި ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. ކޮމިޝަނުގެ މެންބަރުންގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާޢީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ އަދި އޯޑިއޯ ރެކޯޑިންގ ބެލެހެއްޓުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ. 

ރައީސް މިއަދު ތަސްދީޤުކުރެއްވި ތިންވަނަ ބިލަކީ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" އެވެ.  

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ޚާއްޞަ އުޞޫލުތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ މި ބިލަކީ، މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. 

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން، ޟަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުޞޫލުތައް ހިމަނާފައިވެއެވެ. 

ހަމައެއާއިއެކު، ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ޚާއްޞަ ޗުއްޓީ ހަމަޖައްސައިދިނުމާއި، ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމުގައި ކަނޑައެޅުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ. މީގެ އިތުރުން، ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި އެކަށައަޅަންޖެހޭ ޚާއްޞަ އުޞޫލުތައް އެކަށައެޅުން ވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ. 

މި ބިލު ޤާނޫނަކަށްވުމަށްފަހު، ޢަމަލުކުރުމަށް ހަމަޖެހިފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ނުވަތަ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ ފަސްދޮޅަސް ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

ރައީސް މިއަދު ތަސްދީޤުކުރެއްވި ހަތަރު ބިލަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 12/2016) އަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލަކީ މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވާ މައިގަނޑު މަޤްޞަދަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާޢަތްތައް ކަނޑައެޅުއްވުމެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސް ޤާނޫނުގެ ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކޮށްފައެވެ. މި އިޞްލާޙުތަކުގެ ތެރޭގައި "ޖިނާޢީ ބޮޑު ކުށެއް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕްކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ އަދި ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500,000 (ފަސް ލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް ވަނީ އިތުރުކޮށްފައެވެ.

ރައީސް މިއަދު ތަސްދީޤުކުރެއްވި ފަސްވަނަ ބިލަކީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020" (ޤާނޫނު ނަންބަރު: 05/2020) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލަކީ 2020 ސެޕްޓެމްބަރ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. 

މި އިޞްލާޙާއިއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ހަތްވަނަ މާއްދާގެ ފަހަތަށް ތިން މާއްދާއެއް އިތުރުކުރެވިފައިވެއެވެ. އެ ގޮތުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ އިތުރުން، އެލް.ޖީ.އޭ.އިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އެ އޮތޯރިޓީގެ ރައީސް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި، އެލް.ޖީ.އޭ.ގެ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމާއި ޖަލްސާތައް ބޭއްވުމުގައި ގެންގުޅޭނެ އުޞޫލުތައް ވެސް މި އިޞްލާޙުގައި ކަނޑައަޅާ ބަޔާންކުރައްވާފައިވެއެވެ.

ރައީސް މިއަދު ތަސްދީޤުކުރެއްވި ހަވަނަ ބިލަކީ ވަޒީފާއާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 02/2008) އަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލަކީ 2020 ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ޙަވާލުކުރުމަށް ލާޒިމުކޮށްފައިވެއެވެ. އަދި، މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއި ހަމައަށް އެއްބަސްވުމުގެ ކޮޕީ ޙަވާލުނުކޮށްހުރި ފަރާތްތަކުން ވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީ ވަޒީފާ އަދާކުރާ ފަރާތާއި ޙަވާލުކޮށް ނިންމުމަށް ވެސް މި އިޞްލާޙުގައިވެއެވެ. މީގެ އިތުރުން، މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ޙައްޤު މި އިޞްލާޙުގައި މުވައްޒަފުންނަށް ލިބިދީފައިވެއެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް ގެނައި މި އިޞްލާޙުގައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާއި ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިދީފައިވެއެވެ. މީގެ އިތުރުން، މި އިޞްލާޙުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން ޢަދަދަކުން "ސަރވިސްޗާޖް" ނެގުމަށް ލާޒިމުކުރުމާއި، ސަރވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދޭނެ ގޮތްތައް ބަޔާންކުރާ މާއްދާތައް ހިމަނާފައިވެއެވެ.

މި އިޞްލާޙުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މި ޤާނޫނުގެ ދަށުން ވަޒިފާއާއިބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކުގެ ހަވާލުކުރެވިފައިވާ މިނިސްޓްރީ ހިންގުމާއި ހަވާލުވެހުންނެވި މިނިސްޓަރަކު ޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އުފެއްދުމާއި، ބޯޑުގެ މަސްއޫލިއްޔަތުތައް ވެސް މި އިޞްލާޙުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން މި އިޞްލާޙުގައި، ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ގެނެވޭނެ ޢަދަދު ކަނޑައެޅުމާއި، ދިވެހިން ތަމްރީނުކުރުމަށާއި، ވަޒީފާ ދިނުމުގައި އިސްކަންދިނުމާއި، މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ މިންގަނޑާ ބެހޭ މާއްދާތައް ވެސް ހިމަނާފައިވެއެވެ.

މިބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއިއެކު، އެ ޤާނޫނުތައް މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ