އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮނަސައްތަ އިސްމްފުޅުގެ ތެރެއިން 8: "އައްޡާހިރު"- ފާޅުވެވޮޑިގެންވާ ރަސްކަލާނގެ

އޮނަސައްތަ އިސްމްފުޅުގެ ތެރެއިން 8: "އައްޡާހިރު"- ފާޅުވެވޮޑިގެންވާ ރަސްކަލާނގެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 31 ސިކުންތު

ފާޅުވެވޮޑިގެންވާ ރަސްކަލާނގެ)

އޮނަސައްތަ އިސްމުފުޅުގެތެރެއިން  الظَاهِرُ 

الله عز وجل އަށް މަތިވެރި އިސްމުފުޅުތަކެއް ލިބިވޮޑިގެން ވެއެވެ. މިއީމުއުމިނުން ދަންނަ ފާޅުކަންބޮޑު ޙަޤީޤަތެކެވެ.  الظاهر އަކީ ﷲގެ މަތިވެރި މާތް އިސްމުފުޅެކެވެ. މި އިސްމުފުޅުގެ މާނައަކީ ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ފާޅުވެވޮޑިގަތުން ހުރިހާ އެއްޗަކަށްވުރެ ބޮޑުވެގެންވެއެވެ. ޚާލިޤުގެ ފާޅުކަން   ޚަލްޤުތަކުންނަށްވުރެ ބޮޑެވެ. ކައުނުގެ ވެރިފަރާތް ކައުނަށްވުރެ ފާޅުކަން ބޮޑެވެ.

ހުރިހާ އެއްޗެއް ފާޅުކުރައްވާ ރަސްކަލާނގެ ކަމުގައި އެކަލާނގެ ވާއިރު އެހެން އެއްޗަކަށް އެކަލާނގެ ވަންހަނާ ކުރެވިދާނެ ހެއްޔެވެ؟ ހުރިހާ އެއްޗެއް ވުޖޫދުވުމުގެ ކުރިން އެކަލާނގެ ފާޅުވެވޮޑިގަންނަވާއިރު އެކަލާނގެ ވަންހަނާ ކުރެވިދާނެ ހެއްޔެވެ؟ ތިބާއާ  އެންމެ ގާތުގައިވާ އެއްވެސް އެއްޗަކަށްވުރެ ތިބާގެ ގާތުގައި އެކަލާނގެ ވޮޑިގެންވާއިރު އެކަލާނގެ ވަންހަނާ ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަލާނގެ ނުވާނަމަ އެއްވެސް އެއްޗެއް ވުޖޫދުގައި ނުވާނެއިރު އެކަލާނގެ ވަންހަނާ ކުރާނީ ކިހިނެއް ހެއްޔެވެ؟ 

ﷲ ގެ ވޮޑިގެންވުމަށް ދަލީލު ދެއްކުމުގައި ކޮންމެ މަގަކުން ދަތުރުކުރިއަސް ﷲ ސުބްޙާނަހޫ ވަ ތަޢާލާއަކީ އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ހުރިހާ އެއްޗެއްގެ ކުރިން ވޮޑިގެންވެއެވެ. އެކަލާނގެއާއެކު އެއްވެސް އެއްޗެއް ނުވެއެވެ. އެއަށްފަހު ﷲ ޚަލްޤުތައް ޚަލްޤުކުރެއްވިއެވެ. 

ﷲ ގެ އޮނަސައްތަ އިސްމުފުޅުގެތެރޭގައި " އައްޡާހިރު " ވެއެވެ. الظاهرގެ މާނައަކީ: އެކަލާނގެއީ އެކަލާނގެ ތަދްބީރުކުރައްވާ ކަންތައްތަކުގެ ތެރެއިން ޚަލްޤުތަކުންނަށް ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. ވަނިވިހައި ތާނގައިވާ ކޮންމެ އެއްޗަކީ އެކަލާނގެ ވޮޑިގެންވާކަން ހާމަކޮށްދޭ އެއްޗެކެވެ. މާތްﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނަށް ދެންނެވުނެވެ. ((يا إمام متى كان الله؟ فقال الإمام علي: ومتى لم يكن؟ އޭ އިމާމޭވެ! ﷲ ވޮޑިގެންނެވީ ކޮންއިރަކުތޯއެވެ؟ އަލްއިމާމު ޢަލީގެފާނު ވިދާޅުވިއެވެ. ﷲ ވޮޑިގެން ނުވަނީ ކޮން އިރަކު ހެއްޔެވެ؟ )

ﷲއަށް މި އިސްމުފުޅު ލިބިވޮޑިގެންވަނީ ވުޖޫދުގައި ކޮންމެ އެއްޗަކުން އެކަލާނގެ ވޮޑިގެންކަމަށް ހެކި ލިބޭތީއެވެ. އެއިން ކޮންމެ އެއްޗެއް އެކަލާނގެ ވޮޑިގެންވާ ކަމަށް ހެކި ދޭތީއެވެ. ހެކިތައް ގިނަކަމުން އެކަލާނގެ ފާޅުވަންތަކަން ބޮޑުވެގެންދާތީއެވެ. 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ﷲ އެންމެހާ ކާއިނާތުތައް ހެއްދެވީ އެއެއްޗިތަކުން ﷲގެ ކުޅަދުންވަންތަކުގެ ޢަލާމަތްތައް ދެއްކެވުމަށެވެ. އެކަލާނގެއީ ހުރިހާ ފަރާތަކުން ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. މުޅި ކައުނު (ޔުނިވަރސް) އާއި މި ކައުނުގައި ލައްވަވާފައިވާ ގުރަހާނާތަކާއި (ގެލެކްސީތައް) މި ގުރަހާނާތަކުގައި ހިމެނޭ ތަރިތަކާއި ގުރަހަތަކާއި ހަނދުތައް އެކަލާނގެ ވޮޑިގެންވާކަން ހަމަކުރެއެވެ. އުޑުތަކާއި ބިމާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި މާމެލާމެއްޔާއި ދޫނިސޫފާސޫތްޕާއި، ޙައިވާނުންނާއި އިންސާނުން ހެއްދެވީ އެކަލާނގެ ފާޅުވެވޮޑިގެންވާކަން ދެއްކެވުމަށް ޓަކައެވެ.މި ކައުނުގެ އެންމެ ބޮޑު ވަޒީފާއަކީ ﷲ ވޮޑިގެންވާކަން ހާމަކޮށް ފާޅުކުރުމެވެ.

އައްޡާހިރަކީ އެކަލާނގެ ހިދާޔަތުގެ ނޫރުން އެކަލާނގެ  ވޮޑިގެންވާކަން ދައްކަވާ ރަސްކަލާނގެއެވެ.އެކަލާނގެ ހިދާޔަތަކީ ފާޅުވެގެންވާ އެއްޗެކެވެ. އެކަލާނގެ ވޮޑިގެންވާ ކަމުގެ ޢަލާމަތްތަކަކީ ފާޅުވެގެންވާ ކަންތައްތަކެކެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ވުޖޫދުގައިވާ ކޮންމެ ޒައްރާއަކީ ( އެޓަމަކީ) ﷲގެ އެއްކައުވަންތަކަން ހާމަކޮށްދޭ އެއްޗެކެވެ. ހުރިހާ ހެޔޮ ކަމެއް ވަނީ ﷲގެ ޙަޟްރަތުންނެވެ. ހުރިހާ ފުރިހަމަ ކަމެއް ލިބެނީ ﷲގެ ޙަޟްރަތުންނެވެ. ކޮންމެ ޞާލިޙު ޢަމަލަކީ ﷲގެ ތައުފީޤުގެ ސަބަބުން ކުރެވޭ ކަމެކެވެ.  

އައްޝައިޚު އައްސަޢުދީ ވިދާޅުވާ ގޮތުގައި ވިދާޅުވާ ގޮތުގައި  (الظاهر)  ދަލީލު ކުރަނީ ﷲގެ ސިފަފުޅުތަކުގެ މަތިވެރިކަމަށެވެ. ﷲ ގެ މަތިވެރިކަމުގެ ކުރިމަތީގައި ހުރިހާ އެއްޗެއް ނިކަމެތިވެގެންވާ ކަމެވެ.

ﷲގެ މި އިސްމުފުޅު (( الظاهر )) އަކީ ﷲގެ އިސްމުފުޅު (( الباطن )) އާ ގުޅިފައިވާ އިސްމުފުޅެކެވެ. الباطنގެ މާނައަކީ: އެކަލާނގެއީ ލޯތަކަށް ވަންހަނާވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ މި ދުނިޔޭގައި އެންމެހާ މަޚްލޫޤުންނަށް ވަންހަނާވެ ވޮޑިގެންވާ ގަދަ ކީރިތިވަންތަ ރަސްކަލާނގެއެވެ.

ކީރިތި ޤުރްއާނުގައި މިދެ އިސްމުފުޅު ވާރިދުވެފައި ވަނީ ހަމަ އެންމެ ފަހަރަކުއެވެ. ކީރިތި ޤުރްއާނުގައި މި ދެ އިސްމުފުޅާއެކު އެހެން ދެ އިސްމުފުޅެއް އައިސްފައި ވެއެވެ. ސޫރަތުލް ޙަދީދުގެ 3ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ((  هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ – މާނައީ : އެކަލާނގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ހެކިތަކުން) ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (حسّ ތަކަށް) ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ) 

މި 4 އިސްމުފުޅު(( الأول، الآخر، الظاهر، الباطن )) ދެނެގަތުމަކީ ޢިލްމާއި މަޢުރިފާގެ ރުކުންތައް ދެނެގަތުމެވެ. މި އިސްމުފުޅުތައް ލިބިވޮޑިގެންވާ ރަސްކަލާނގެއަކީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ  ރަސްކަލާނގެއެވެ.  އެކަލާނގެއީ  އެކަލާނގެ ހެއްދެވި އެންމެހާ މަޚްލޫޤާތުން ހުރިހާ ފަރާތަކުން ވަށައިލައްވާފައިވާ ރަސްކަލާނގެއެވެ. 

މިދެ އިސްމުފުޅުން ދުޢާކުރާ މީހާއަށް މާތްﷲއަށް ބިރުވެތިވުމުގެ ސިފަ ދެއްވާނެއެވެ.

ދުވާލަކު 3 ފަހަރު (الباطن)  މި އިސްމުފުޅު ގަޑިއެއްގެއިރު ވަންދެން ކިޔެވި މީހާއަށް ﷲގެ ޙަޟްރަތުން އަމާންކަން ދެއްވާނެއެވެ.

ދެރަކްޢަތް ނަމާދަކަށްފަހު (هُوَالأَوَّلُ وَالآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَبِكُلِّ شَىْءٍ عَلِيْم) 145 ފަހަރު ކިޔެވި މީހަކަށް އޭނާ އެދޭ ކަންތައްތައް ފުއްދަވާ ދެއްވާނެއެވެ.

(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު  މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.) 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް