އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާމުންނާއި މުދިމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޕުރޮގުރާމް އިފްތިތާޙުކޮށްފި

އިމާމުންނާއި މުދިމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޕުރޮގުރާމް އިފްތިތާޙުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހިންގާ ޚާއްޞަ ޕުރޮގުރާމު އިފްތިތާޙުކޮށްދެއްވައިފިއެވެ. އެ މަނިކުފާނު މި ޕުރޮގުރާމު އިފުތިތާޙުކޮށްދެއްވާފައި ވަނީ، މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޕުރޮގުރާމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ޕުރޮގުރާމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބަޔެއްކަމަށާއި، އެއީ މުޖުތަމަޢުގެ ޤަދަރާއި ލޯތްބާއި އިޙުތިރާމު ލިބިފައިވާ ބަޔެއްކަމުގައެވެ. އެހެންކަމުން، މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމަޢުގެ ފަރުދުންނަށް ރިވެތި އަޚުލާޤު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އިހުނަށްވުރެ އިސް ދައުރެއް އަދާކުރުމަށް އެ މަނިކުފާނު އިމާމުންނާއި މުދިމުންނަށް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ތަފާތު ޕުރޮގުރާމުތައް ހިންގަމުންދާކަމުގައި ވަނީ ހާމަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެ މަނިކުފާނު ވަނީ ކޮންމެ ފަރުދަކު ވެސް ބޭނުންވާ ދާއިރާއަކުން ތަޢުލީމު އުނގެނި، ތަމްރީނު ހޯދައި، ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމުގައި ވިދާޅުވެ، މި ސިޔާސަތުގެ ބޭނުމަކީ، ކޮންމެ ޒުވާނަކީ ވެސް، ބޭނުންތެރި، މަސައްކަތްތެރި، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި، އަދި ވަކިން ޚާއްޞަކޮށް އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ މީހެއްގެ ގޮތުގައި ބިނާކުރުން ކަމުގައި ވިދާޅުވެފައެވެ.

މިއަދު ޤައުމަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މި ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، މި ކަމުގައި އޮތް ފަރުދީ ޒިންމާގެ މަތިން ހަނދުމަކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދަށް ބޯލަނބާ، ސާފުތާރިހުކަމާއި އިޖުތިމާޢީ ގައިދުރުކަމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފައެވެ.

ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މިފަދަ ޕުރޮގުރާމެއް އިފްތިތާޙުކުރި ކަމަށްޓަކައި އިސްލާމިކް އެފެއާޒް މިނިސްޓްރީ އަދި އިސްލާމިކް ޔުނިވަރސިޓީގެ އިސްވެރިންނާއި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މި ޕުރޮގުރާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އިމާމުންނާއި މުދިމުންނަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަށް ޚާއްޞަކޮށްގެން ހިލޭ ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ޖުމްލަ 384 ފަރާތުން ބައިވެރިވެއެވެ. މިއަދު ބޭއްވި ރައްމިސްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު