އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމުގެ ނަމޫނާ އަޅުގަނޑުމެންގެ ފަރާތުންވެސް ފެންނަންޖެހޭ: ރައީސް

އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމުގެ ނަމޫނާ އަޅުގަނޑުމެންގެ ފަރާތުންވެސް ފެންނަންޖެހޭ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ، އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް އަޅުގަނޑުމެންގެ ފަރާތުންވެސް ފެނިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި، ދިވެހިރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި މެސެޖުގައި އެމަނިކުފާނު ވަނީ، އިސްލާމީ ޤައުމުތަކުގެ ވެރިންނާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދީ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި މުނާސަބާއިން ހަނދާނަށް ގެނެސްދެނީ، އިތުރު އެކަލޭގެފާނު މެދުވެރިކުރައްވައި، اللهُ سُبْحَانَهُ وَتَعَالَى މުޅި އިންސާނިއްޔަތަށް ދެއްވެވި އެންމެ މަތިވެރި ނިޢުމަތްކަމަށްވާ، އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެން ދިޔަ ގޮތްކަން ފާހަގަކުރެއްވެވިއެވެ. އަދި މުޅިން އައު ޞަފްޙާއަކުން ދިވެހި ޤައުމީ ޝަޚްޞިއްޔަތުގެ ތާރީޚުވެސް ލިޔަން ފެށުނީ، ދިވެހިން އެއްކައުވަންތަކަމުގެ ޢަޤީދާ ޤަބޫލުކޮށް، ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމާ ހަމައިންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މި މުނާސަބާ ފާހަގަކުރާ މަތިވެރި މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު އެކަލޭގެފާނުގެ މަތިވެރި ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، މީސްތަކުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، ޢަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަތައް ހަރުލެއްވުންކަން ފާހަގަކުރައްވާފައެވެ. ހަމައެފަދައިން، އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، މަޢާފްކުރުމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުންފަދަ އެކަލޭގެފާނު ދެއްކެވި އަޚްލާޤީ ނަމޫނާތަކުން އިބުރަތް ޙާޞިލްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިފަދަ މުނާސަބާއެއް ފާހަގަކުރާއިރު މަސައްކަތްކުރަންވީ، ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޒިކުރާއިން ލިބިދޭ ފިލާވަޅުތަކުން، ދުނިޔަވީ ޙަޔާތުގެ ކަންކަން އިސްލާޙުކޮށް، އެ މަތިވެރި ރިސާލަތަށް ފުރިހަމައަށް ތަބާވެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްކުރުމަށްކަމުގައި ވިދާޅުވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު