އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިނި މޫސުމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެމާ!

ފިނި މޫސުމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ސަވައިވިންގް ވިންޓަރ 2020 ލޯންޗުކޮށްފިއެވެ. އައިއޭސީއިން ސަވައިވިންގް ވިންޓަރ 2020 ކެމްޕޭން ލޯންޗުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މީގެކުރިންވެސް ފިނި މޫސުމާއި ދިމާކޮށް އައިއޭސީގެ ފަރާތުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތި އަޙުންނާއި އުޙުތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭނަކީ މިފަދަ ތިން ވަނަ ކެމްޕޭންކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭންގެ ތެރެއިން އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސީރިއާ، ޔަމަން، ފަލަސްތީން ރައްޔިތުންގެ އިތުރުން ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށެވެ. އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި މި ހަރަކާތް ކުރިޔަށް ގެންދަނީ 20 އޮކްޓޯބަރުން ފެށިގެން  2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ސަވައިވިންގް ވިންޓަރ 2020 ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ހަމަޖެހިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ. 

ކޮވިޑް 19 ޕެކްޑެމިކްގެ އަަސަރު މި ޤައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވަވިންގް ވިންޓަރ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރުކޮށްދެވިގެންދާނެއެވެ. އާއްމު ރައްޔިތުންނަށް ކޮވިޑް 19 އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް 19 ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސަމާނުވެސް މީގެ ތެރެއިން ހަވާލުކުރެވިގެންދާނެއެވެ.

ފިނި މޫސުމާއި ދިމާކޮށް ދަތި ހާލުގައި ދިރިއުޅެމުންދާ މި ފަރާތްތަކަށް އިތުރު ތަކްލީފުތަކެއް އުުފުލަންޖެހިފައިވާތީ، އައިއޭސީންއިން މި ކެމްޕޭން ރާވާފައިވަނީ އެހީގެ ގޮތުގައި ހޫނުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން، ސޯލާ ހީޓިން ފަދަ ދެމެހެއްޓެނިވި ގޮތްގޮތުން އެކަން ކުރުމަށް އިސްކަން ދެވޭނެކަން އައިއޭސީއިން ފާހަގަކުރެއެވެ.

ބޯހިޔާވަހިކަމުގެ އެހީގެ ގޮތުގައި، ފެންވަރު ރަނގަޅު ޓެންޓް، ބްލޭންކެޓް، ފިނިން ރައްކާތެރިވެވޭނެ ފަދަ އަންނައުނު ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް، އެ ތަނެއްގެ ހާލަތު ދިރާސާކޮށް، އެތަނަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުމަށް އައިއޭސީއިން ނިންމާފައިވެއެވެ. މީގެއިތުރުން، ކާބޯތަކެތީގެ ގޮތުގައި، އެތަނެއްގައި އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ކަހަލަ ސާމާނު ފޯރުކޮށްދެވޭނެއެވެ. އެގޮތުން، ހަނޑޫ، ހަކުރު، ފުށް، ޕާސްތާ، ކައްކާ ތެޔޮ ފަދަ ތަކެތި ހިމެނެއެވެ. 

މި ކެމްޕޭންގެ ތެރެއިން ކޮންމެ 5 މީހުންގެ އާޢިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓަރ 2020 އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު އައިއޭސީއިން ވަނީ ހުޅުވާލާފައެވެ. އައިއޭސީއިން ހާމަކުރާގޮތުގައި، މި ކެމްޕޭނުގެ ތެރެއިން ލިބޭ އެހީ ބޭނުން ކުރެވިގެންދާނީ އެ ޤައުމަކަށް ފީނިމޫސުމުގައި އެންމެ މުހިންމުވެފައިވާ ކަންކަމަށެވެ. 

މި 4 ޤައުމަށް އެހީތެރިކަންފޯރުކޮށްދިނުމަށް، ބީއެމްއެްލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައިވެއެވެ. 

ފަލަސްތީން: 7770000026261

ރޮހިންޔާ: 7770000026265 

ޔަމަން: 7770000026264 

ސީރިއާ:  7770000026263    

މި ކޭމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅާލެވިދާނެއެވެ. މީގެއިތުރުން، އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ސަވައިވިންގް ވިންޓަރ 2020 އާ ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.  

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ކޮންމެ ދަނޑިވަޅަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ހުޅުވާލަދިނުމެވެ. ފިނި މޫސުމާއި ގުޅިގެން އެތަށް ތަކްލީފެއް އުފުލަން ޖެހިފައިވާ މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފިނި މޫސުމުން ރައްކާތެރިވެ، މި މޫސުމުގެ ތެރޭގައި ދިރިއުޅުމުގެ ކަންކަން އެ ފަރާތްތަކަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް