އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ޖަޕާނުން ސަތޭކަ ސަތާރަ މިލިއަން ރުފިޔާގެ ދެނީ

ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ޖަޕާނުން ސަތޭކަ ސަތާރަ މިލިއަން ރުފިޔާގެ ދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާގެ (7.6 މިލިއަން ޔޫއެސް ޑޮލަރު / 800 މިލިއަން ޖަޕަނީޒް ޔެން) އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްދީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ޤާބިލްކަން އިތުރުކުރެވިގެންދާނެއެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެޤައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްބެސެޑަރ ޔާނާއީ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ޖަޕާނުން ރާއްޖެއަށް 117 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވިގެން ދިޔުމަކީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ރަމްޒެއްގެ އިތުރުން ކާރިސާތަކަށް އިޖާބަދިނުމާ މީހުން ސަލާމަތްކުރުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ރަމްޒެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ