އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަކީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް: ނައިބު ރައީސް

އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަކީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އަދި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެ މަނިކުފާނު ވާހަކަފުޅު ދައްކަވާފައި މި ވަނީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޚިޠާބުގައި އެ މަނިކުފާނު ވަނީ، ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ހިތާމައާއެކު ފާހަގަކުރައްވާފައެވެ. އަދި، ގިނަ ފަހަރަށް، ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާކަމަށާއި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ، އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީފައިވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ޤައުމަށް ކުރިމަތިވެފައިވާ އިޤްތީޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައެވެ. މި ގޮތުން، އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމާއި، އަންހެނުންނެ ހައްޤުތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ޝަރުޢީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، މިފަދަ މައްސަލަތަކަކީ ވަކި ޤައުމަކަށް ޚާއްޞަ މައްސަލަތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން، މިފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ، ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެ މީހުންނަކީ އިޙުތިރާމު ލިބިގެންވާ، ޤަދަރުވެރި ބަޔެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެ މަނިކުފާނުގެ ޚިޠާބުގައި ގޮވައިލެއްވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު