އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަގެ މައްޗަށް އަހަރެން ކުރި ކަށުނަމާދުގެ އެއްވެސް ފައިދާއެއް ނެތްކަން ވިސްނުމުން މޮޔަވި - ދެވޭނީ ކޮން ކައްފާރާއެއް؟

މަންމަގެ މައްޗަށް އަހަރެން ކުރި ކަށުނަމާދުގެ އެއްވެސް ފައިދާއެއް ނެތްކަން ވިސްނުމުން މޮޔަވި - ދެވޭނީ ކޮން ކައްފާރާއެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

"އަހަރެންނަކީ ހަމަ ޒިންމާދާރު މަޤާމެއް އަދާކުރާ މީހެކެވެ. ނަމަވެސް ރޭގަނޑުވުމުން މަސްތުވާތަކެތި ބޭނުންކުރަމެވެ. އަހަރެންގެ ވެރިންނާއިއެކު އެއް މަޖިލީހުގައި ބަނގުރާބުއިން ފަދަ ކަންކަން އެއިރު ކުރީމެވެ. 

އެއްދުވަހެއްގެ ހެނދުނެވެ. ކުއްލިއަކަށް މަންމަ ނިޔާވީއެވެ. ޢަޞްރުނަމާދަށްފަހު ވަޅުލަނީއެވެ. ޖަނާޒާގެ ހުރިހާ ކަންކަމުގައި އަހަރެން އުޅުނީމެވެ. އެއީ މިހައިތަނަށް ހިތަށް އެންމެ އަސަރުކުރިދުވަސްވެސްމެއެވެ. އެންމެ ގިނައިން ލޮލުން ކަރުނައަޅައި ރޮވުނު ދުވަސްވެސްމެއެވެ. 

ކޮންމެއަކަށް ކަށުނަމާދުކޮށް ވަޅުލައި ޖަނާޒާގެ ހުރިހާ ކަންކަން ފުރިހަމަކުރުމަށްފަހު ގެއަށް އައިސް ވަންތަނާ ފޯނަށް ލިބުނީ މެސެކެވެ. 

"ބްރޯއެވެ! ތިއައުޅޭ ޝައިޠޯނީ ދިރިއުޅުން ހުއްޓާލަން އަދިވެސް ނުވިސްނަން ހެއްޔެވެ؟ ވިސްނާށެވެ! މިއަދު ތިއަ އެޅި ކަރުނައިގެ އޮތީ ކޮން އަގެއް ހެއްޔެވެ؟ ތިއައީ ކުޅޭ ޑްރާމާއެއް ނޫންހެއްޔެވެ؟ އެންމެފަހުކަމަކަށް މަންމަގެ މައްޗަށް ބްރޯއަށް ކަށުނަމާދުވެސް ނުކުރެވުނީއެވެ. އަދިވެސް ބޯށެވެ! ދިންހައިއެއްޗެއް ބޯށެވެ! ހޯދައިގެންވެސް ބޮށޭވެ! ދެން ކޮއްކޮ ގާތަކު ނުބޯކަށް ނުބުނާމެވެ. ވާވަރަށް ބުނެވިއްޖެއެވެ. ދެން ނިމުނީއެވެ. ބޯށެވެ! ބޯމީހުންނާއެކު އުޅެ އެމީހުން ވަންނަތަނަކަށް ޤިޔާމަތްދުވަހު ވަންނާށެވެ!" 

މެސެޖާއިއެކު ފޮނުވާފައި އިނީ ރަމަޟާންމަހަށް ތައްޔާރުވުމާއި ގުޅޭގޮތުން މުފްތީ މެންކް ދެއްވާފައިވާ ދަރުސެއްގެ މިލިޔުމެވެ! ލިޔުން ކިޔާލުމުން ދޮންބޭބެ އެބުނާ ބަސް ވިސްނިއްޖެއެވެ. އަހަރެން އެރޭ ވެސް ގެއަށް ދިއައީ މަސްތުވެގެން ހުރެއެވެ. ދޮންބޭބެއަށް އެތަން ފެނުނެވެ. އަހަރެން ފެނުމުން މޫނުކުނިކޮށްފައި ފުރަގަހަށްވެސް އެނބުރުނެވެ. 

އެލިޔުމުން:

"ހަމަ އެފަދައިން ބަނގުރާނަމަވެސް، އަދި އެހެން މަސްތުވާއެއްޗެއް ނަމަވެސް ބޭނުންކޮށްފި މީހާގެ ނަމާދު 40 ދުވަސްވަންދެން ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ވީއިރު ރަމަޟާން މަހާއި ގާތްކޮށް އެފަދަ ކަމެއް ކުރެވިއްޖެނަމަ ރަމަޟާން މަހު ހިފޭނީ ކޮން ރޯދައެއް ހެއްޔެވެ؟ ނަމާދު ނުކޮށް ރަމަޟާން މަހުން ހޯދޭނީ ކޮން ސަވާބެއް ހެއްޔެވެ؟

 އަދިވެސް އިތުރަށް ވިސްނައިލާށެވެ. މިބާވަތުގެ އެއްޗެއް ޢާންމުކޮށް ބޭނުންކުރާ ނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ ނަމާދު ނުކުރެވޭ ޙާލަތުގައެވެ. ނަމާދު ނުކުރެވުން ކަމަށް މިބުނަނީ ނަމާދު ކުރި ނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ. އެކަމުން ލިބެންޖެހޭ ސަވާބު ނުލިބޭނެތީއެވެ." --މުފްތީ މެންކުގެ ދަރުސަކުން

ކޮންމެއަކަސް ދޮންބޭބެ އެބުނީ ހަމަ ތެދަށެވެ. ކަންއޮތްގޮތަށެވެ! އަހަރެންގެ ފުރާނައަށްވުރެ ލޯބިވާ މަންމަގެ މައްޗަށް ކުރި ކަށުނަމާދުވެސް ބާޠިލުވެގެންދިއައީއެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ނަމާދަކަށްވެގެންދިއައީ އެވެ. ކޮންމެ ރެއަކުހެން ކުރަމުން އައި ފާފައިގެ ހިތި ރަހަ ރަނގަޅަށް ކަރުބުޑުގައިލީއެވެ. ލީއެކަންޏެއް ނޫނެވެ. ހަރުވެސް ލީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ދޮންބޭބެގެ މެސެޖު ކިޔުމަށްފަހު ވީގޮތް ބުނެދޭކަށް ނުއެނގެއެވެ. ނަމަވެސް އައި ބަދަލު ބުނެފާނަމެވެ. މިހާރު އަހަރެން އެ ވަޒީފާ އާ އެކުވެރިން ދޫކޮށްލައިފީމެވެ. އެއީ މަޤާމުގެ ގޮތުން ކިތަންމެ މަތިނަމަވެސް ޝައިޠޯނުން ކަމަށް ޤަބޫލުކުރެވިއްޖެއެވެ. މިހާރު ވެސް ވަޒީފާ އަދާކުރަމެވެ. އެންމެ ބޮޑަށް އިސްކަންދެނީ ﷲ ތަޢާލާ ދެއްވެވި ޖޮބަށެވެ. އެއީ ނަމާދާއި އެހެނިހެން ފަރުޟުތައް އަދާކުރުމަށެވެ. 

މިހާރު އަބަދުހެން ވިސްނަނީ މަންމަގެ މައްޗަށް ކަށުނަމާދު ނުކުރެވުނީތީއެވެ! (ކުރި ނަމާދު ﷲ ޤަބޫލުފުޅު ނުކުރައްވަވައިފާނެތީއެވެ. މަސައްކަތް މިކުރަނީ ﷲ ވާގިފުޅާއިއެކު އެންމެ މާތް ބިމުގައި މަންމައަށްޓަކައި ﷲ އަށް ދުޢާ ކުރުމަށެވެ. 

--އަޙްމަދު ޝަރީފް (މިއަދުނޫޙުގެ ކިޔުންތެރިއެއް)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް