އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާ ޗައިނާއާ ދެމެދު މަޝްވަރާތައް ބާއްވަނީ

ރާއްޖެއާ ޗައިނާއާ ދެމެދު މަޝްވަރާތައް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ މަޝްވަރާތައް މާދަމާ 10 ޑިސެމްބަރު 2020 ވަނަ ދުވަހު އޮންނާނެ ކަމަށް ދިވެހި ޚާރިޖިއްޔާ އިން ބުނެފިއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޑިރެކްޓަރ-ޖެނެރަލް ފެންވަރުގައެވެ. 

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް އެވެ. 

މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ، ކޮވިޑް-19ގެ އާއި ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުންނެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. ދެޤައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. ޤައުމުގެ އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި މިމަޝްވަރާތައް އިސް ދައުރެއް އަދާކުރެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާއަކީ ކޮވިޑް-19ގެ ޙާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. 

ޗައިނާއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ޤައުމެވެ. އެކި ދާއިރާރަކުން ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.

 

- ދިވެހި ޚާރިޖިއްޔާ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު