އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން: މާރިޔާ

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން: މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން ކަމަށް  މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތައް ހިމެނޭގޮތަށް، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މަޢުލޫމާތާއި ބެސްޓް ޕްރެކްޓިސް ޙިއްސާކުރުމަށް ޚާއްޞަ ވިއުގައެއް ޤާއިމްކުރުމާ ބެހޭގޮތުން، ޔޫ.އެން އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވައިފިއެވެ.

މާރިޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ފަތުރުވެރިން އަލުން ޒިޔާރަތްކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުންވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ޞުލްޙަޔާއި ޢަމަނަށް ލޯބިކުރާ، ހިތްހެޔޮ ބައެއް ކަމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން ކަމަށެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނާއި ނޭޝަނަލް ޕީ.ސީ.ވީ.އީ އެކްޝަން ޕްލޭނާއި، ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން  މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ ސައުތު އޭޝިއަން ރީޖަނަލް ޕްރިވެންޓިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް ނެޓްވަރކް ޤާއިމްކުރުމުގައި ދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަވަށްޓެރި ޤައުމުތަކަށާއި، ޔޫ.އެން.އޯ.ޑީ.ސީ އަށާއި، މާލީގޮތުން އެހީތެރިވި ޖަރުމަންވިލާތަށް ޝުކުރު އަދާކުރައްވާފައެވެ.

މިނެޓްވަރކް ޤާއިމްކުރުމުގައި ރާއްޖެއިން އިސްދައުރެއް އަދާކޮށްފައިވާއިރު، މިނެޓްވަރކްގެ އެންމެ ފުރަތަމަ ހޯސްޓް ކަންޓްރީއަށްވުމުގެ މުހިންމު އަދި ބޮޑު ޒިންމާ ރާއްޖެއަށް އަދާކުރެވޭނެކަމަށް އިތުބާރުކޮށް، އެޒިންމާ ޙަވާލުކޮށްފައިވާތީ، މިނިސްޓަރ މާރިޔާވަނީ ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މި ދަތި އުނދަގޫ ޙާލަތުގައިވެސް، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި ނުރައްކަލާ ކުރިމަތިލުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު