އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާ ޢިޖާބަވުން އަވަސްވުމަށް އެދޭ މީހާ ދުޢާކުރުމުގެ އަދަބުތަކުގައި ހިފަހައްޓާށެވެ!

ދުޢާ ޢިޖާބަވުން އަވަސްވުމަށް އެދޭ މީހާ ދުޢާކުރުމުގެ އަދަބުތަކުގައި ހިފަހައްޓާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 17 ސިކުންތު

ﷲ ތަޢާލާގެ ޙަޟްރަތަށް ކުރާ ކޮންމެ އަޅުކަމެއް ކުރުމުގައި ވެސް އަދަބުތަކެއްވެއެވެ. އެގޮތުން ދުޢާކުރުމުގައިވެސް އަދަބުތަކެއްވެއެވެ. ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވުމަށް އެދޭމީހާ އެ އަދަބުތަކުގައި ހިފަހައްޓައިގެން ދުޢާކުރުމަކީ ކުރަންޖެހޭ ކަމެކެވެ.  

ދުޢާ ކުރުމަކީ އިޚްލާޞްތެރި ކަމާއިއެކީ ހަމައެކަނި ﷲ އަށް އަދާކުރަން ޖެހޭ އަޅުކަމެކެވެ.  

•    ޒިޔާރަތްތަކާއި، ޤަބުރުސްތާންފަދަ ތަންތަނަށް ގޮސް ވަލީވެރިންގެ ކިބައިން

ކަންކަމަށް އެދި ދުޢާކުރުމުގެ ނުބައިންކަން ބޮޑު ޝިރުކުގެ ޢަމަލުން ދުރުހެލިވުން.

•    ދެއަތް އުފުލައިގެން ދުޢާކުރުން.

•    ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާކުރުން.

•    ޠަހާރަތުގެ މަތީގައި ހުރެގެން ދުޢާކުރުން.

•    ޙަރާމް ކާބޯތަކެއްޗާއި، ޙަރާމް ފޭރާން ލުންފަދަ ދުޢާ އިޖާބަވުމަށް ވާ ހުރަސްތަކުން ދުރުހެލިވުން.

•    ދުޢާ އިޖާބަވުން ލަސްވާކަމުގެ މައްޗަށް ހިތްއަވަސްވެ ޝަކުވާ ނުކުރުން.

•    އަޅަކު ދުޢާއެއް ކޮށްފިނަމަ ﷲ ތަޢާލާ އެދުޢާ އިޖާބަ ކުރައްވަފާނެ، ނުވަތަ އެދުޢާ އާއި އެއްފަދަ ދަރުމަ އާޚިރަތަށް ރައްކާތެރިކޮށް ދެއްވަފާނެ، ނުވަތަ އެޔާއި އެއްފަދަ ނުބައިކަމެއް ދުރުކޮށް ދެއްވަފާނެކަން ދަނެގެން ދުޢާކޮށް ހެދުން.

•    ދުއާ ކުރަންވާނީ އިޖާބަކުރައްވާނެ ކަމުގެ ޔަޤީންކަމާއިއެކީ ބޭނުންވާ ކަމެއްގެ ސާބިތު އަޒުމު މަތީގައި ހުރެގެން ތަކުރާރުކޮށް ދުޢާކުރުން.

•    ޙައްޤު ނޫން ބައެއްގެ މައްޗަށް ބަދުދުޢާ ނުކުރުން.

•    ﷲ އާއި އެންމެ ކުއްތަންވެގެންވާ ވަޤުތަކީ ސަޖިދާގައި އަޅާ އޮންނަ ވަޤުތު ކަމުން އެމަޤާމުގައި ގިނައިން ދުޢާ ކުރުން.

ދުޢާ އިޖާބަވުން ގާތްވެގެންވާ ބަރަކާތްތެރި ވަޤުތު ތަކުގައި ދުޢާކުރުން.

•    ފާފައަކަށް އަރައިގަތުމަށް ވާގިދެއްވުމަށް އެދުމާއި، މަލާއިކަތުންގެ ދަރަޖަ ދެއްވުމަށް އެދުން ފަދަ ދުޢާކުރުމުގައި ހައްދު ފަހަނައަޅައި ދިއުމުން އެއްކިބާވުން.

•    ދުޢާ ކުރުމުގައި ގިނަ މާނަތަކެއް ހިމެނޭ ޖާމިޢު ކަލިމަތައް ޚިޔާރު ކުރުން.

•    ތިންފައްކޮށް ދުޢާކުރުން.

ﷲ ތަޢާލާ އަށް މިލްކުވެވޮޑިގެންވާ އެންމެ ރިވެތި އިސްމުފުޅުތަކާއި، ސިފަފުޅު ތަކުން އެ އިލާހަށް ޙަމްދު ޘަނާ ކިޔައި، ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރުން.                      

ކުރެވިފައިވާ ޞާލިޙް ޢަމަލްތައް ވަސީލަތަކަށް ހަދައިގެން ދުޢާކުރުމަކީ އިޖާބަވުން ގާތްވުމުގެ ސަބަބެކެވެ. (މިސާލަކަށް އިބަ އިލާހުގެ ވަޖުހުފުޅު އަދައިގެން ތިމަންނަ ޙާޖަތަކަށް ޖެހިފައިވާ މިވެނި މީހަކަށް އެހީތެރިވީމެވެ. އެކަމަކީ އިޚްލާޞްތެރި ކަމާއި އެކީ ކުރެވުނުކަމެއްނަމަ ތިމަންނަގެ ދުޢާ އިޖާބަ ކުރައްވާދޭވެ).

•    ފާފަތަކާއި، ނިކަމެތިކަމަށް އިޢުތިރާފްވާ ޙާލު މަޑުމޮޅިކަމާއި، ޚުޝޫޢަތްތެރި ކަމާއި ބިރުވެރިކަމާއި އެކީ ވަންހަނާ ގޮތުގައި ދުޢާކުރުން.

•    މުސްލިމް އަޚުންނާއި، އުޚްތުންނަށް ހެޔޮ ދުޢާ ކުރުން. (އެފަދަ ދުޢާތަކަށް މަލާއިކަތަކު އާމީން ކިޔުއްވާ، އެދުޢާ ކުރި ކަމެއް އެމީހަކަށްވެސް ލިބުމަށް އެދި އެމަލާއިކަތާ ދުޢާކުރައްވާނެ).

- ޝައިޚް އަޙްމަދު ރިމާޒް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް