އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެނަމާދު ދޭތެރޭގަ ޤުރްއާން ކިޔެވުންފަދަ އަޅުކަމެއް ކުރުމުގަ ހޭދަކުރުމަކީ ހީވެސް ނުކުރެވޭހައި ފައިދާބޮޑުކަމެއް!

ދެނަމާދު ދޭތެރޭގަ ޤުރްއާން ކިޔެވުންފަދަ އަޅުކަމެއް ކުރުމުގަ ހޭދަކުރުމަކީ ހީވެސް ނުކުރެވޭހައި ފައިދާބޮޑުކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ދެނަމާދު ދޭތެރެ (މަޣްރިބްނަމާދާއި ޢިޝާ ނަމާދާއި ދެމެދު)ގެ މުހިންމުކަން ގިނަބައަކު މިހާރުވަނީ ހަނދާންނައްތާލައިފައެވެ. އެހެންކަމުން މަސައްކަތް މިކުރަނީ އެކަމަށް ކޮނަމެވެސް ބަހެއް ބުނެލުމަށެވެ. އެގޮތުން ބަލައިފިނަމަ ފުރަތަމަ ކަމަކަށް އިރުއޮއްސުމާއިއެކު ޝައިޠޯނުންތައް ފެތުރިގަނެއެވެ. އެހެންކަމުން ކުޑަކުދިންނަށް ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެވަގުތު ގޭގައި ބައިތިއްބަންޖެހެއެވެ. އަދި ބޮޑެތި މީހުންވެސް މުހިންމު ކަމެއްގައި ނޫނީ ރަނގަޅީ ބޭރުގައި ނުއުޅުމެވެ. 

ވީމާ އެވަގުތަކީ ކީރިތި ޤުރްއާން ކިޔަވާ ވަގުތަކަށް ކާބަފައިން ހަދައި ކުދިން ލައްވައި އެކަން ކުރުވީ އެވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. ބޮޑެތި މީހުންނަސްވެސް އޮތީ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. 

މަޣްރިބް ނަމާދުން ފައިބައިގެން ގެއަށް ވަނުމަށްފަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަތައް ބަލާ މީހަކަށް ވެގެން ޢިޞާ ނަމާދުކުރަން ދަތިތައް ހުންނާނެއެވެ. މިބުނި ފަދަ ޕްރޮގްރާމްތައް ބެލުމުން އެމީހެއްގެ ހިތަށް ވަންނާނީ އެޕްރޮގްރާމްތަކުން ފެނުނު ކަންކަމެވެ. ގިނަ މީހުންގެ ސިކުނޑީގައި އަބަދުވެސް އެންމެ ފަހުން ހަރުލާފައި ހުންނާނީ ތިމާއަށް އެންމެ ފަހުން ފެނުނު ކަމެކެވެ. މަނަޒަރުތަކެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީމާ ދާދި ދެންމެ ބެލި ޓީވީ ޕްރޮގްރާމްތަކުން ފެނުނު ކަންކަން ސިކުނޑީގައި ބަހައްޓައިގެން ޢިޝާ ނަމާދުކުރަން އުޅުމުން ފަސޭހައެއް ނުވާނެއެވެ.\

މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު އެންމެ ރަނގަޅީ ކީރިތި ޤްރްއާން ކިޔެވުމުގައި ހޭދަކުރުމެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާއިން ބުނެފާނަމެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި ލިބޭ ވަގުތުކޮޅުގެ ބޭނުން އަހަރެން ހިފަނީ ކީރިތި ޤްރްއާން ކިޔެވުމަށެވެ. ހަމަޖެހިލައިގެން އިނދެ ސަޖިދަ ސޫރަތާއި އައްރަޙްމާން ސޫރަތާއި ވާޤިޢާ ސޫރަތާއި ތަބާރަ ސޫރަތް ކިޔަވައިލެވެއެވެ. މި ސޫރަތްތައް ކިޔެވުމުން ރޭގަނޑު ކިޔަވަންޖެހޭ ގިނަ ސޫރަތްތަކެއް ކިޔެވުނީއެވެ. ޢާންމުކޮށް ގިނަ ބައަކު ކިޔަވައި އުޅޭ ސޫރަތްތައް ކިޔެވުނީއެވެ. މިސޫރަތްތައް ކިޔެވުމުގެ ފައިދާގެ ވާހަކަތައް އަބަދުވެސް މިގެންދަނީ ދައްކަމުންނެވެ. 

ބައެއް މީހުން ސޫރަތްތައް ކިޔަވަނީ ޢިޝާ ނަމާދަށްފަހުގައެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ޢިޝާ ނަމާދުގެ ކުރިން ސޫރަތްތައް ކިޔަވައިފިނަމަ ޢިޝާ ނަމާދަށްފަހު އަވަހަށް ނިމޭނެއެވެ. އެކަމުގައި އެމީހަކު ބޭނުން ގޮތެއް އިޚްތިޔާރުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ ސޫރަތްތައް ކިޔެވުމެވެ. 

މައުޟޫޢުގައި ބުނަން މި މަސައްކަތްކުރަނީ ދެ ނަމާދު ދޭތެރޭގައި ޓީވީ ބެލި ނަމަވެސް ބޭކާރު ޕްރޮގްރާމްތައް ބެލުމުގެ ބަދަލުގައި ދީނީ ކޮންމެވެސް ޕްރޮގަރާމެއް ބެލުމުގެ މުހިންމު ވާހަކައެވެ. އެއިރުން ޢިޝާ ނަމާދަށް މީހާ ތާޒާވާނެ ވާހަކައެވެ. ނަމަވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބަލާނަމަ އެ ތާޒާކަން ނުލިބޭނެ ވާހަކައެވެ. 

މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެކެވެ. ތިމާގެ އަމިއްލަ ނަފްސަކީވެސް އަދި ތިމާގެ ދަރިންނަކީވެސް އެމީހަކު ހޭނުވި ގޮތަކަށް ހޭނުވޭނެ އެއްޗެކެވެ. މުހިންމީ ހެޔޮދަރުމަ  ޙާޞިލުކުރަން މަގުފަހިވާނެ ގޮތަށް ކަންކަން ބައްޓަންކުރުމެވެ. އަހަރެމެން ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. ދުނިޔެ ދޫކޮށްފައިދާއިރު ގެންދަން ލިބޭނީ ދުނިޔޭގައި ކުރެވުނު ހެޔޮ ޢަމަލެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް