އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު
އުފާވެރިކަން ދެއްވަވަނީވެސް ﷲ ތައާލާއެވެ. އަދި ހިތްދަތިކަން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ނަމަވެސް މިކަން އެބަ ދެގޮތަކަށް މާނަކުރެއެވެ.
އެއްބައަކަށް އުފާވެރިކަން ދެއްވެވުމުން މާނަކުރަނީ އެއީ ތިމާގެ މަސައްކަތުން ނުވަތަ ތިމާގެ މޮޅުކަމުން ނުވަތަ ކޮންމެވެސް މީހަކު އެހީތެރިވެދިނުމުން ލިބުނު ކަމަށެވެ. އެފަދައިން ވިސްނާ މީހުންނަށް ހިތްދަތިކަމެއް މެދުވެރިވުމުން އެއީ މިވެނިމީހަކުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށްބަލައި އެމީހަކު ކުށްވެރިކުރެއެވެ.
ކުރިން ބުނިފަދައިން އުފާވެރިކަމަކީވެސް ހިތަދަތިކަމަކީވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާ ރަހްމަތެކެވެ. ހިތްދަތިކަން މިންވަރުކުރައްވަވަނީވެސް ހަމަ އުފާވެރިކަން މިންވަރުކުރެއްވެވި ﷲ ތަޢާލާއެވެ. އަދި އުފާވެރިކަން މިންވަރުކުރައްވަވަނީވެސް ހަމަ ހިތްދަތިކަން މިންވަރުކުރައްވަވާ ﷲ ތައާލާއެވެ.
ވީމާ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެއްވެސް މީހަކު ކުށްވެރިކުރަން ނުހަދައި ޒަޚަމްވެފައިވާ ހިތް ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހަޅާށެވެ. ހިތް ހުޅުވައިލާށެވެ! ލޮލުން ކަރުނައަޅައި ﷲ ތަޢާލާއަށް ދުޢާކުރާށެވެ! އެއިން ކޮންމެ ކަރުނަތިއްކަކީވެސް ﷲ ތަޢާލާގެ ޙަމްރަތުގައި ބާރުގަދަ ދުޢާއަކަށްވެގެންދާނެއެވެ. އިން ޝާ ﷲ އެހެނީ ކަރުނައަކީ އެންމެ މަތިވެރި ދުޢާއެވެ. ހިތްދަތިވެ ވާހަކަ ނުދެއްކޭ ވަގުތު، އެޙާލަތުގައި ތިބާގެފަރާތުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ޙާލަތު ބަޔާންކުރާނީ ތިބާގެ ދުޢާއެވެ.
ވީމާ އެއްވެސް ކަމެއް ކުރިމަތިވުމުން އެއްވެސް މީހަކާއި ނުވަތަ ބައަކާއި ޝަކުވާ ނުކުރާށެވެ! ހިތް ދެއްވެވި، ތިމާއަށް އެހާލަތުކުރިމަތިކުރެއްވެވި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ނިކަމެތިކަން ބަޔާންކޮށް ކަރުނައަޅާށެވެ! އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
ހިތަކީވެސް ޙިމާޔަތްކުރަން މަސައްކަތްކުރަން ޖެހޭ އެއްޗެކެވެ. އުފާވެރިކަން ލިބޭވަގުތު އެނިޢްމަތް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވާ ހިތަކށް ހެދޭނީ ހިތް ހިމާޔަތްކޮށްގެންނެވެ. އަދި ހިތާމައެއް ލިބޭ ވަގުތު ﷲ ތަޢާލާއަށް ވަކީލުކުރެވޭނީ ހިތް ޙިމާޔަތްކުރާ މީހުންނަށެވެ. ޙިމާޔަތްކޮށް ރައްކައުތެރިކުރަންޖެހެނީ ކޮން ކަމަކުން ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި ޝައިޠޯނާގެ ވަސްވާސްތަކުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
13 ޖެނުއަރީ 2021