އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާ މީހަކަށް ވެވިދާނެކަން ޙަދީޘުން އެނގެން އޮތް އެންމެ ފަސޭހަމަގު މިއޮތީ- ބާރަށް ކުރިއަށްދަމާ!: ޢުމަރު ސުލައިމާން

ކުރާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާ މީހަކަށް ވެވިދާނެކަން ޙަދީޘުން އެނގެން އޮތް އެންމެ ފަސޭހަމަގު މިއޮތީ- ބާރަށް ކުރިއަށްދަމާ!: ޢުމަރު ސުލައިމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ކޮންމެ މީހަކުވެސް އެންމެ އެދޭނެ އެއްކަމަކީ އެމީހާކުރާ ކޮންމެ ދުޢާއެއްވެސް ޢިޖާބަކުރައްވަވައިދެއްވެވުމެވެ. އަދި އެ ނިޢްމަތް ލިބިއްޖެ މީހަކަށް ދުނިޔޭގައި އެއްވެސް ކަމަކާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަދި އާޚިރަތްވެސް ޙާޞިލުވީއެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެވެސް ވަދެވުނީއެވެ. އިން ޝާ ﷲ

މިމަތިވެރި ނިޢްމަތް ޙާޞިލުކުރުމަކީ މުސްލިމުންނަށް އެހައި އުނދަގޫކަމެއް ނޫނެވެ. އެހެނީ  މައިންނަށް އޯގާތެރިވުމަކީ އެމީހެއްގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރައްވަވާ ކަމެއްކަން ޞަޙީޙް ޙަދީޘުން އެނގެން އެބައޮތެވެ. ވީއިރު އަހަރެމެންނަށް މިއުޅެނީ ކިހިނެއް ވެގެންކަމާއިމެދު ސުވާލު އުފެދެއެވެ. މައިން ބަފައިންނަށް އަޅާލައި އޯގާތެރި ވުމުގެ މައްސަލައަކީ މުޖުތަމައުތަކުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަކަމަށް ވެފައި މިވާސަބަބާއިމެދު ސުވާލުކުރަން މިވަނީ ޖެހިފައެވެ.  

ހަމައެކަނި ޔަމަނުގެ އުވައިސް ބުން ޢާމިރުގެ ހާދިސާއަށް ވިސްނައިލި ނަމަވެސް މައްސަލައިގެ މުހިންމުކަން އެނގިގެންދެއެވެ. އޭނާއަކީ ބައްޕައަކު ނެތި ލޯފަން މަންމައަކު އޯގާތެރިކަމާއިއެކު ބަލަހައްޓަމުން އައި ޒުވާނެކެވެ. އޭނާއަށް ޖެހިފައިވާ ލެޕްރަސީން ﷲ ތަޢާލާ އޭނާއަށް ޝިފާ ދެއްވެވިއެވެ. އޭނާ އަކީ ރަސޫލް (ޞޢވ) އާއި ބައްދަލުވެވަޑައިގެންނެވި ބޭކަލެއް ނޫނެވެ. ނަމަވެސް އޭނާ އަކީ ކުރާ ހުރިހާ ދުޢާތަކެއް ﷲ ތައާލާ އިޖާބަ ކުރައްވަވާ ބޭކަލެއް ކަމަށާއި އޭނާ އާއި ބައްދަލުވެއްޖެނަމަ ފާފަ ފުއްސަވައިދެއްވެވުމަށް އެދި ދުޢާ ކޮށްދިނުމަށް ރަސޫލް (ޞޢވ) ވަޞިއްޔަތް ކުރެއްވެވިއެވެ. 

ޔަމުނުން އަންނަ ޙައްޖުވެރިންނާއި ބައްދަލުކުރައްވަވައި އުވައިސް ހުންނެވިތޯ އުމަރުގެފާނު ގެންދެވީ ބައްލަވަމުންނެވެ. ޢުވައިސް ޢާއި ޢުމަރުގެފާނަށް ބައްދަލުވެވަޑައިގަތީ 10 އަހަރު އިންތިޒާރު ކުރެއްވެވި ފަހުންނެވެ. ނިކަން ވިސްނައިލަބަލާށެވެ! އިސްލާމީ އުންމަތުގެ ޚަލީފާ، އެބޭކަލަކު ފެނުމުން އިބިލީސް ބިރުން ފިލާ ޢުމަރުގެފާނު ވަނީ އެހައި މަސައްކަތްޕުޅުން އުވައިސް އާއި ބައްދަލުކުރައްވަވައި ޢުމަރުގެފާނުގެ ފާފަ ފުއްސަވައި ދެއްވެވުމަށް ދުޢާކޮށްދެއްވަން އެދިވަޑައިގެންފައެވެ. 

މީސްތަކުންނޭވެ! ﷲ ތައާލާ ނިޢްމަތްތައް މިންވަރުފުޅުކުރައްވަވަނީ ވަކި ޤައުމެއްގެ ވަކި މީހަކަށް ނޫނެވެ. ވަކި ޒަމާނެއްގައި ދުނިޔޭގައި އުޅުމަކުންވެސް ނޫނެވެ. އެމީހެއްގެ އިޚްލާޞްތެރިކަމާއި އަމަލުތަކުގެ މައްޗަށެވެ. މައިމީހާއަށް އޯގާތެރިކޮށް ހިއްތެވުމުން ޢުވައިސްއަށް މިންވަރުފުޅު ކުރެއްވެވި ނިޢްމަތް މިއަދު އަހަރެމެންނަށް މިންވަރުފުޅު ނުކުރައްވަވާނެ ކަމަށް ބެލެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މިއީ މިއަދު އަހަރެމެން އެންމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ. މައިން ބަފައިންނަށް އޯގާތެރިވުމަކީ ހަމައެކަނި ހާލުބެލުމެއްވެސް ނޫނެވެ. ފައިސާ ޚަރަދުކުރުމެއްވެސް ނޫނެވެ. ޙާލުބަލައި ފައިސާ ޚަރަދުކުރަމުން އަމިއްލަ ދެއަތުންވެސް ޚިދުމަތްކުރަން ޖެހޭނެއެވެ. ދަރިއެއްގެ އަމިއްލަ ދެއަތުން މައިންބަފައިންނަށް ޚިދުމަތްކުރުމުން މައިން ބަފައިންނަށް ލިބޭ ހިތްހަމަޖެހުން ނޯކިރީން ލައްވައި ޚިދުމަތްކޮށްގެން ހޯދައިދެވޭނީ ކިހިނަކުން ހެއްޔެވެ؟ އަމިއްލަ ދެއަތުން ޚިދުމަތް ކުރުމުން ލިބޭނެ ސަވާބު އިތުރުވާނެކަން އެއީ ވެސް ރަސޫލް (ޞޢވ) އާއި ޞަޙާބީންގެ އަމަލުފުޅުތަކުން ސާބިތުކޮށް ދެއްވަވާފައިވާ ކަމެކެވެ! 

ނިކަން ވިސްނައިލަބަލާށެވެ! މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރެއްވެވުމުގެ ފުރުޞަތު ލިބިގެންދިއުމުގެ މަތިވެރި ނިޢްމަތް ލިބެން އޮތް ކަމެއްކަން ޙަދީޘްފުޅުން އެނގެންއޮތްއިރު އެއަށްވުރެ މަތިވެރި ނިޢްމަތަކީ ކޮބައިހެއްޔެވެ؟ އެކަން ޙާޞިލުކުރުމަށްވުރެ ބޮޑަށް އިސްކަންދޭންވީ ދުނިޔޭގެ ކޮންކަމަކަށް ހެއްޔެވެ؟ 

އަހަރެންނަށް ވިސްނޭގޮތުން މައިންނަށް ހެޔޮކޮށް ހިތައި އޯގާތެރިވުމަކީ ކުރާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާ މީހަކަށް ވެވިދާނެކަން ޙަދީޘުން އެނގެން އޮތް އެންމެ ފަސޭހަމަގގެވެ! އޮތީ  ބާރަށް ކުރިއަށްދިއުމެވެ! 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް