އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަންނަތުލްފިރުދައުސަށް ފުރާ ފްލައިޓަށް އަރަން ބޭނުންތަ؟

ޖަންނަތުލްފިރުދައުސަށް ފުރާ ފްލައިޓަށް އަރަން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

ﷲ ތައާލާ ކަންކަން އިންތިޒާމުކުރައްވަވާފައިވާގޮތުން ޖަންނަތުލްފިރުދައުސް ހޯދަން ކުރަން އޮތް މަސައްކަތުގެ ބޮޑުބައި ކުރެވެން މިއޮތީ ރޭގަނޑުއެވެ. އަދި އެންމެ ފައިދާހުރީވެސް ރޭގަނޑުކުރަންހުރި މަސައްކަތުގައެވެ. 

ރޭގަނޑުގެ ފުރަތަމަ ބައަކީ އިރު އޮއްސުމުންފެށިގެން ޢިޝާ ނަމާދުކޮށްގެން އަވަހަށް ނިދުމާއި ދެމެދެވެ. އެންމެ ފައިދާބޮޑު ބައި މިފެށެނީ 3 ވަނަ ދަންފަޅިންނެވެ. ގާތްގަނޑަކަށް 2 ޖަހައިލުމުންނެވެ. 2 ޖެހުމުން ފެށިގެން އިރުއެރުމާއިދެމެދެވެ. އެހެން އިބާރާތަކުންނަމަ ދަންވަރު 2 ޖެހީންސުރެ އިރުއަރައި 6، 6.30 ވަންދެންނެވެ. 

މިސާލަކަށް މިވަގުތުތަކުގައި 2 ޖެހުމުން ފެށިގެން ފަތިސް ނަމާދަށް ބަންގިގޮވަންދެން ނުވަތަ އެއިން ތިބާއަށް ކުލަދާނަވީ ވަގުތެއްގައި ތިބާ ދަމުނަމާދުކޮށް ދުޢާކުރީއެވެ. ޛިކުރުކުރީއެވެ. ޤުރްއާން ކިޔެވީއެވެ. އެއިރުން އެއޮތީ ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ގޮތަށް އަދި ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަށް ކަންކަން ކުރެވިފައެވެ. 

ދެން ފެށެނީ ހުރިހާ ގޮތަކުންވެސް އެންމެ ފައިދާބޮޑުބައެވެ. ފަތިސްނަމާދުވަގުތުން ފެށިގެން އިރުއެރުމާއި ދެމެދުގައިވާ ވަގުތެވެ. ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށްފަހު އިރުބަކަށް ނުވަތަ ލޮންސިއަކަށް އަރަންދެން ހެޔޮ ޢަމަލުތައްކުރަން މަޑުކުރުމަށްފަހު ޟުޙާ ނަމާދުކޮށްފިނަމަ އެލިބިގެންދިއައި ޙައްޖާއި ޢުމުރާއެއްގެ ޘަވާބެވެ! މިއީ އެމީހެއްގެ ކިބައިގައި ހިތްވަރުހުރިނަމަ ހަމަ ކޮންމެ ރެއަކުވެސް ހޯދެން އޮތް މަތިވެރި ނިޢްމަތެކެވެ! 

ހަނދާނަށް ގެނެސްބަލާށެވެ! ޗުއްޓީ ހޭދަކޮށްލަން ދާން އުޅޭ މަންޒިލަށް ދިއުމަށް ފުރަން އޮތީ ރޭގަނޑުގެ ކޮންމެ ގަޑިއެއްގައި ނަމަވެސް މައްސަލައަކަށް ނުވެއެވެ. ގެންގުޅޭ ފޯނުގެ އިތުރުން 4 ގަޑި އެއްފަހަރާ ސޯނާކޮށްގެންވެސް، ފާރައަށް މީހަކު ބަހައްޓައިގެންވެސް ގަޑިއަށް ހޭލައި ގަޑިއަށް އެއާޕޯޓަށް ގޮސް ފްލައިޓަށް އަރާނެއެވެ. ފްލައިޓް މިސްވިއަކަ ނުދޭނެއެވެ. 

ނަމަވެސް އެ ސަމާލުކަން އާޚިރަތް ދުވަހު ޖަންނަތުލްފިރުދައުސް ހޯދަން ކުރަން މިއުޅޭ ދަތުރަކަށް ނުދެއެވެ. ދަމުނަމާދަކަށް ނުހޭލައެވެ. ފަތިސް ނަމާދަކަށް ނުހޭލައެވެ. އޮންނަނީ ކަންނެތްވެ ނިދާފައެވެ. ފޯނެއްވެސް ގަޑިއެއްވެސް ސޯނާއެއް ނުކުރެއެވެ. ފާރައަށް މީހަކުވެސް ނުބަހައްޓައެވެ. ވީއިރު ނިކަން ބުނެބަލާށެވެ. މުހިންމު ވެގެން ތިއައުޅެނީ ޗުއްޓީއަށް ދިއުމަށް ކުރާ ދަތުރު ހެއްޔެވެ؟ ނޫން ނަމަ ޖަންނަތުލްފިރްދައުސް ހޯދަން ކުރަން އޮތް ދަތުރު ހެއްޔެވެ؟  

ތިއައީ ޒުވާނުންނެވެ. ތިއަ ޒުވާންކަމުގައި އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނީ ފަރުޟު 5 ނަމާދު އަދާއަށް ކުރުމަށެވެ. ޖަމާއަތުގައި ކުރުމަށެވެ. ޤަޟާއަށް ކުރުމަކަށް ނޫނެވެ. ތިއަ ޒުވާނުން މިއަދު އިސްކަންދޭން ޖެހޭނީ އުފަލާ މަޖާކުރުމަށް ކުރާ ދަތުރުތަކުގެ ފްލައިޓަށް ގަޑި ނުޖެހުމަކަށް ނޫނެވެ. ޖަންނަތުލްފިރުދައުސަށް ދިއުމަށް ކުރަން އޮތް ދަތުރަށް ގަޑި ނުޖެހުމަށެވެ. ތިއަ ޒުވާނުން މިއަދު އިސްކަންދޭންވީ ގަޑި ނުޖެހި ކުޅިވަރު މައިދާންތަކަށް އެއްވުމަކަށް ނޫނެވެ. ގަޑި ނުޖެހި މިސްކިތްތަކަށް ގޮސް ޖަމާއަތުގައި ބައިވެރިވުމަށެވެ. 

ހަމަ އެފަދައިން ހެޔޮ އަމަލުތަކުން ދުވަސް ފެށުމަށްފަހު ދުވަސް ގެއްލެނިކޮށް ނުލާށެވެ! މިސާލަކަށް ފަތިސް ނަމާދުކުރީއެވެ. އެއަށްފަހު ދުވަސް ފެށީ ﷲ ތަޢާލާއަށް ޙަމްދުކުރަމުންނެވެ. ކީރިތި ޤްރްއާން ކިޔަވަމުންނެވެ. އެހައި ރަނގަޅު ގޮތުގައި ދުވަސް ފެށުމަށްފަހު ދުވަހުގެ ވަކި ހިސާބަކުން ފާފައެއްކޮށް ދުވަސް ޚަރާބުކޮށް ނުލާށެވެ.

މިސާލަކަށް ތިބާ އޮރެންޖް ޖޫސްތަށްޓެއް ތައްޔާރުކުރީ ހަމަ އޮރެންޖުން ދިޔަފެލައިގެންނެވެ. ޖޫސްތަށި ތައްޔާރުކުރުމަށްފަހު އެއަށް ނަޖިސްތިއްކެއް ޖަހައިފިނަމަ އެ ބޯނީ ކާކު ހެއްޔެވެ؟ ޚުދު ތިބާވެސް އެ ނުބޯނެއެވެ. އާޚިރަތަށް ވާންޖެހޭ ތައްޔާރީތައް ވުމަށްވެސް ހަމަ މިއުޞޫލުން ވިސްނަން ޖެހޭނެއެވެ. ފަސްބައިގައި ހަމަ އެންމެ ފާފައެއް ނެތި ހުރުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް