އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން މީހުންނަށް ނުބައި ބަސް ބުނުމަކީ މުސްކުޅިވާ ދުވަހު މީހާ ހިތްދަތިކޮށް ނިކަމެތިކޮށްލާ ބިރުހުރިކަމެއް!

އެހެން މީހުންނަށް ނުބައި ބަސް ބުނުމަކީ މުސްކުޅިވާ ދުވަހު މީހާ ހިތްދަތިކޮށް ނިކަމެތިކޮށްލާ ބިރުހުރިކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ރުޅިއަކީ އިންސާނާގެ އުފެދުމުގައިވެސް ލައްވަވާފައިވާ އެއްޗެކެވެ. ނަމަވެސް އެއީ އެހެންކިޔާފައި ދޫކޮށްލެވެން އޮތްކަމެއް ނޫނެވެ. ރުޅި އަންނަހިނދު އަމިއްލަ ނަފްސްކޮންޓްރޯލްކޮށް ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

އެއްވެސް ދެމީހެއްގެ ޚިޔާލު އެއްގޮތް ނުވެދާނެއެވެ. އެއްގޮތްވާނެ ކަމަސް ބަލައިގެންވެސް ނުވާނެއެވެ. އެހެންކަމުން ބަލައި ބޮޑުކުރި މައިންބަފައިންނާއިވެސް ޚިޔާލު އެއްގޮތް ނުވާ ކަންކަން ހުންނާނެއެވެ. އަދި އަމިއްލަ އަނބިދަރިންނާއިވެސް ޚިޔާލު އެއްގޮތް ނުވާ ކަންކަން ހުންނާނެއެވެ. 

އެކަން ޖެހޭނީ އެންމެންވެސް ޤަބޫލުކުރާށެވެ! މައިންބަފައިންނާއި ޚިޔާލުތަފާތުވިނަމަވެސް އަދި ޢާއިލާގެ އެހެން މީހަކާއި ޚިޔާލުތަފާތުވި ނަމަވެސް ޖުމުލަ ގޮތެއްގައި ކޮންމެ މީހަކާއި ޚިޔާލުތަފާތުވި ނަމަވެސް ދުލުން ހަޑި ބަހެއް ނުބުނާށެވެ! އެބަސް ތިބާ ޢާއި ދިމާއަށް އެނބުރި އަންނާނީ ކިހައި ބޮޑު މުޞީބާތެއްގެ ގޮތުގައިކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ.

ބައެއް މީހުން ރުޅިގަދަވާ ވަގުތު ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ހާލަތަށް އެބަ ދެއެވެ. ދުލުން ހުތުރުހައި ބަސްތައް އެބަ ބުނެއެވެ. ރަނގަޅަށް ވިސްނާށެވެ. ތިބާގެ ދުލުން ބޭރުކުރާ ކޮންމެ ބަހެއް ތިމާއާއި ދިމާއަށް އެނބުރި އަންނާނެއެވެ. ނުބައި ބަހެއް ބުނެފިނަމަ އެނބުރި އަންނާނީ ލައުނަތެއްގެ ގޮތުގައެވެ. ރިވެތި ބޭނުންތެރި، ފައިދާހުރި ބަހެއް ބުނެފިނަމަ އެނބުރި އަންނާނީ ނިޢްމަތެއްގެ ގޮތުގައެވެ. އެކަމުން ސަވާބު ލިބޭ ކަމެއްގެ ގޮތުގައެވެ. 

މިސާލަކަށް މީހަކު އެމީހާގެ މައިންބަފައިންނަށް ނުވަތަ ޢާއިލާގެ މީހުންނަށް ހުތުރު ބަސްތައް ބުނަނީއެވެ. އެ މައިންބަފައިންގެ ހިތަށް ކުރާނެ އަސަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ. ހަމައެފަދައިން ފިރިމީހާ ނުވަތަ އަނބިމީހާއަށް ނުވަތަ ދަރިންނަށް އެފަދަ ބަސްތައް ބުނާއިރު އެމީހުންގެ ހިތަށް ކުރާނެ އަސަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ. 

މިފަދަ ބަސްތައް ބުނާ މީހުންނަށް ދޫ ނުބައި މީހުން ކަމުގައިވެސް ކިޔައި އުޅެއެވެ. ދޫ ނުބައި މީޙުންގެ ތެރެއިން ގިނަ މީހުންނަށް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދުނިޔޭގައި ވެސް ބޮޑެތި މުސީބާތްތައް ކުރިމަތިވެއެވެ. ބޮޑެތި އާފާތްތަކާއި ކުރިމަތިވެއެވެ. އަދި އެފަދަ ގިނަ މީހުން އުމުރުން ދުވަސްވެ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ ދުވަހު މީސްތަކުންގެ ނަފްރަތު ލިބޭ ބއަކަސްވެސް ވެގެންދެއެވެ. އަމިއްލަ ޢާއިލާގެ ތެރެއިންވެސް އަޅައިލުން ނުލިބި ބާކީވެގެންވެސް ދެއެވެ. އެކަން އެހެން އެވަނީ އެމީހަކު ދެކެ އެހެން އެންމެން އިންތިހާއަށް ފޫހިވެފައިތިބޭތީއެވެ. 

މިފަދަ މީހުން ވިސްނައިލުން ވަރަށް މުޙިންމު ޙަދީޘްފުޅެއް ކޮންމެ ހުކުރު ދުވަހަކުހެން ޚުޠުބާގައި ކިޔައެވެ. އެއީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ނުވާނަމަ އެމީހާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ބަޔާން ކުރައްވަވާފައިވާ ޙަދީޘްފުޅެވެ. 

ކޮންމެއަކަސް ރުޅިއަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމަކަށްވުމުން އަޢޫޛްކިޔުމަށް އަވަސްވެގަނެ ސުންނަތުގައިވާފަދައިން އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް