އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާފަދަރިންވެސް ގޮވައިގެން ނަރަކައަށްދާން މަސައްކަތްކުރާ ކާފައެއްގެ ވާހަކަ!

ކާފަދަރިންވެސް ގޮވައިގެން ނަރަކައަށްދާން މަސައްކަތްކުރާ ކާފައެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

"އަހަރެންގެ މަންމަ ދިރިއުޅެނީ ގޭގެ ވަކިފްލެޓެއްގައެވެ. މުނިމާމައަށް ޒިޔާރަތްކުރުމަށްފަހު ދަރިން އައިސް ސުވާލުކުރެއެވެ. ކާފާއެވެ! މުނިމާމަ އަބަދު އިންނަނީ އެއްޗެއް ކިޔަވާށެވެ! މުނިމާމަ އެކިޔަވާ އެއްޗެއް މުނިމާމައަށް ނުވެސް އެނގެއެވެ! އެހެންވީއިރު އެއީ މާމަ ކީއްކުރަންކުރާ ކަމެއް ހެއްޔެވެ؟ 

އަހަރެން ބުނަމެވެ! ދަރިން އެކަމާ އަޅައިނުލާށެވެ! އެއީ މާމަކުރާނެ ކަމެއް ނެތިގެން ފޫހިފިލުވަން ކުރާ ކަމެކެވެ.!"

މިއީ ހަމަ އަހަރެންގެ ގާތު ކާފައަކަށް ބުނެވުނު ވާހަކައެކެވެ. އެއަޑު އިވުމުން ބިރުން ތުރުތުރުއަޅައިގެންދިއައެވެ. އަދި އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާވެސް ކުރީމެވެ. އެވާހަކަ ދެއްކީވެސް ހަމަ އަހަރެމެން ފަދައިން ޝަހާދަތްކިޔައި ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކުކަމަށް ބުނާ މީހެކެވެ. 

މިފަދަ ބަސް ދަރިން ގާތުބުނެވޭނީ އެމީހެއްގެ ހިތުގައި ކީރިތި ޤުރްއާނަށް އެއްވެސް މިންވަރަކަށް ލޯބިނެތުމުންނެވެ. ޤުރްއާން ކިޔެވުމަކީ ކިހައި ބޭނުންތެރިކަމެއްކަން އެމީހަކަށް ޤަބޫލުވެސް ނުކުރެވޭތީއެވެ.  

ޤުރްއާން ބާވައިލެއްވެވީ ޢަރަބިބަހުންނެވެ. ވީމާ ޤުރްއާނުގެ މާނަ ނުއެނގުމަކީ ޤުރްއާން ނުކިޔަވަން އޮތް ސަބަބެއް ނޫނެވެ. ޤުރްއާނުގެ މާނަ ކިޔުމަކީވެސް މުހިންމުކަމެކެވެ. ނަމަވެސް މާނަކިޔަމުން ޚަތިމްކުރަން ކިޔެވުންވެސް ގިނަ މީހުންނަށް އޮންނަނީ އުނދަގޫކަމަކަށްވެފައެވެ. ވީމާ މާނަ ނުކިޔައި ޤުރްއާން ކިޔެވުމަކީ އެއްވެސް ބޭނުމެއް ނެތްކަމެއްކަމަށް ދެކެގެން ނުވާނެއެވެ. މާނަ ނުކިޔައި ކިޔެވިނަމަވެސް އޭނާއަށް ޤުރްއާންކިޔެވުމުގެ ޘަވާބު ދެއްވަވާނެތީއެވެ! 

އެފަދަ ސުވާލެއް ކުއްޖަކު ކޮށްފިނަމަ ޖަވާބުގައި ބުނެދޭންވާނީ މާނަކިޔުމުން ލިބޭނެ ޘަވާބު އިތުރުވާނެކަމެވެ. އަދި ޤުރްއާނުގައި އޮތްއެއްޗެއް އެނގުމުގެ މުހިންމުކަމެވެ. ނަމަވެސް މާނަނުކިޔައި ޤުްރްއާން ކިޔެވުމަކީ އެއްވެސް ބޭނުމެއް ނެތް ކަމެއްކަން ދޭހަވާ ގޮތަކަށް ޖަވާބުދީގެން ނުވާނެއެވެ. 

މިވާހަކައިގައި އިތުރަށް ވިސްނައިލަން ޖެހޭ ކަމަކީ ޤުރްއާން ކިޔެވުމަށް ނިޞްބަތްކޮށް "އެއްޗެއް ކިޔަވަން" ކަމަށް ކުދިންނަށް ބުނަން އެޖެހުނީ ޤުރްއާނާއިމެދު އެކުދިންނަށް އެއްވެސް މިންވަރެއް އެނގިފައި ނެތުމުންކަމެވެ. ޤުރްއާންކިޔެވުމަކީ ކިހައިވަރެއްގެ މުހިންމުކަމެއްކަން ވެސް އޮޅުންފިލުވައިދީފައި ނެތުމުންކަމެވެ. 

ވީމާ މިފަދަ ކާފައިންނާއިމެދު ބުނެވެން އޮތީ އެފަދަ މީހުންނަކީ ސުވަރުގެ ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ނަރަކާއާއި ދިމާއަށްދާން މަސައްކަތްކުރެވޭ ބައެއް ކަމަށެވެ. ކާފަނަމަވެސް މާމަނަމަވެސް އަދި ބައްޕަ ނުވަތަ މަންމަ ނަމަވެސްމެއެވެ. އަދި އެމީހުންނަށް އެމަސައްކަތްކުރެވެނީ ދަރިންނަށް ވެސް ސުވަރުގެ ހޯދައިދިނުމުގެ ބަދަލުގައި ސުވަރުގެ ލިބުމާއި ދުރަށް ކަމަށެވެ. ކުރުގޮތަކަށްބުނާނަމަ ދަރިންވެސް ގޮވައިގެން ނަރަކައަށް ވަންނަން ކަމަށެއވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދަރިންނާއިމެދު ސަމާލުވާށެވެ! މިބުނެވުނު ކުދިންނަށް އެޙާލު ޖެހިފައި އެތިބީ އެކުދިންގެ މައިންބަފައިންވެސް ހަމައެހައި ޖާހިލުވުމުންނެވެ. ދަރިންނަށް ކީރިތި ޤުރްއާނާއިމެދު އެއްވެސް މިނަވަރަކަށް އޮޅުންފިލުވައި ދެވިފައި ނެތުމުންނެވެ! މިކަންކަމަކީ ޤިޔާމަތްދުވަހު ޖަވާބުދާރީ ނުވެ ސަލާާމަތްވެވޭނެ ކަންކަމެއް ނޫނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް