އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު
ހެޔޮ ޢަމަލެއް ކޮށްފިނަމަ ﷲ ތައާލާގެ ދީލަތިވަންތަކަމުން 10 އަކުން ފެށިގެން 700 ގުނައަށް ޘަވާބު އިތުރުކުރައްވަވައި ދެއްވަވަތެވެ. ފާފައެއް ކުރެވިއްޖެނަމަ އެކަމަކަށް ދެއްވަވަނީ 1 ޢަޛާބެވެ. އެހެންކަމާއިއެކުވެސް އެތައް މިލިއަން ޢަޛާބްތައް ލިބޭގޮތަށް ފާފަކުރެވުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. އަދި އެކަމަށް ބިރުވެތިވެވޭ މިންވަރުވެސް މިދަނީ ކުޑަވަމުންނެވެ.
ތިބާ ފަތުރާ އިސްލާމް ދިނާއި ޚިލާފް ވާހަކަތަކާއި ފާހިޝްއަމަލުތަކުގެ ވާހަކަތަކާއި ފޮޓޯތަކާއި ވީޑިއޯތަކަކީ އެކަމުގެ ސަބަބުން އެތައް މިލިއަން ޢަޛާބެއް ލިބުން ކައިރި ކަންކަމެވެ. އެފަދަ ކަމެއް ފެތުރުމުން އެތައް މިލިއަން ބައަކު އެ އެއްޗެއް އެބަ ކިޔައެވެ. ބަލައެވެ. އަދި ފަތުރަންވެސް ފަތުރައެވެ.
މިގޮތަށް ނިކަން ހިސާބު ހަދައިބަލާށެވެ! ތިބާ ފެތުރި އެފަދަ ކަންތައް 1 މިލިއަނަ ބެލުމުން އެލިބުނީ 1 މިލިއަން ފާފައެވެ. އެއިގެ ތެރެއިން ބައަކު އެކަމެއް ޝެއަރކޮށް ފެތރުމުން އިތުރު އެތައް މިލިއަންބައަކަށް އެބަފޯރައެވެ. އެ އެތައް މިލިއަން ބެލުމުންވެސް ކިޔުމުންވެސް ތިބާއަށް (އެކަން ފެތުރި މީހާއަށް) ދާނީ ފާފަ އިތުރުވަމުންނެވެ. އެކަން ދައުރުވަމުންދާހައި ދުވަހަކު ތިބާއަށް ދާނީ ފާފައިތުރުވަމުންނެވެ. ފެތުރި މީހާ ކައްވަޅުގައި އޮތްނަމަވެސްމެއެވެ.
މިކަމުގެ ވާހަކަ ވަރަށް ގިނައިން އެބަ ދައްކަމެވެ. އެއީ އެކްމުގެ ސަބަބުން ފާފަވެރިވާ މީހުން ގިނަކަމުންނެވެ. ކޮންމެ ދުވަހަކު މިބާވަތުގެކަންކަން ކުރެވޭތަން ފެންނަމުންދާތީ ކަންބޮޑުވާވަރުންނެވެ.
މީސްތަކުންނޭވެ! މިބާވަތުގެ ޢަމަލުތައްކުރުން ހުއްޓައިލާށެވެ! ހެޔޮ އަމަލުތައް ފަތުރާށެވެ! ހެޔޮބަސްތައް ފަތުރާށެވެ! ހެޔޮ ނަޞޭޙަތްތައް ފަތުރާށެވެ! އެއިރުން ދާނީ ތިބާ ދުނިޔޭގައި ހުންނައިއރުވެސް މަރުވެ ކައްވަޅުގައި އޮންނައިރުވެސް ޘަވާބުއިތުރުވަމުންނެވެ. ފާފަ ގިނަވެ ނަރަކައަށް ވަންނަން ޖެހުމުން ސަލާމަތްވެވި ޘަވާބުގިނަވެ ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ހިމެނޭނީ އެއިރުންނެވެ. އިން ޝާ ﷲ
މިއަަހރުގެ ރަމަޟާންމަސްވެސް ކައިރިވަމުން އަންނަނީއެވެ. ފާފަތައް ކުރުން ހުއްޓާލައި ތައުބާވުމަށް އަވަސްވެގަންނާށެވެ. މިބުނި ޒާތުން ތިބާއަށް ކުރެވިފައިވާ ކަންކަން އަވަހަށް ޑިލީޓްކޮށްލާށެވެ! އަދި ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ! ގިނަގިނައިން ތައުބާވާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
7 ފެބްރުއަރީ 2021