އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 56 ސިކުންތު
ބަވަނަވަމުންދާ ދުނިޔޭގެ ހާލަތަށް ބަލާއިރު މުޖުތަމައުގައި މިއަދު ކުށްކުރުން އިތުރުވާ އެއް ވަސީލަތަކީ އިންޓަނެޓެވެ. އިންޓަނެޓުން ފައިދާތަކެއް ވީނަމަވެސް، ކުޑަކުދިން ހިމާޔަތްކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ގިރާކުރަން ޖެހިފައެވެ. މިގޮތުން އިންޓަނެޓުގެ ޒަރީއާއިން ކުޑަކުދިން ގުރޫމް ކުރާ މައްސަލަތަކަކީ މި ދިވެހި މުޖުތަމައުގައިވެސް ފެންމަތިވަމުން އަންނަ މައްސަލަތަކެކެވެ.
ގްރޫމިންގއަކީ ކުއްޖާއަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމުގެ ގޮތުން ކުއްޖާ ހައްލާލައިގެން އިތުބާރު ބޮޑު ސިއްރު ގުޅުމެއް ދެމެހެއްޓުމުވެ. މި ގުޅުމަކީ ކުއްޖާއަށް ވަރަށް މުހިއްމު ”އިމޯޝަނަލް” ގުޅުމަކަށްވެއެވެ. މިގޮތަށް ކުދިން ގްރޫމް ކުރާ މީހުންނަށް ކިޔަނީ ގްރޫމަރއެވެ. ކޮންމެ އުމުރެއްގެ ނުވަތަ ކޮންމެ ނަސްލެއްގެ ކޮންމެ ސިފައެއްގައި ހުރި މީހަކުވެސް ގްރޫމަރ އަކަށް ވެދާނެއެވެ. ގްރޫމިންގެެ މަރުހަލާ މަދު ހަފްތާތަކަކުން އެތައް އަހަރުތަކަކަށްވެސް ދިގު ދެމިގެންދެއެވެ.
ކޮންމެއަކަސް، މިޒަމާނުގައި މީސްމީޑިއާ އަކީ ކުށްކުރުމަށް އެންމެ ބޮޑަށް މަގުފަހިވާ އެއް ވިއުގައެވެ. ކުށްކުރުމަށް މަގުފަހި ކުރުވާ މީހުން އެމީހުންގެ ޖަރީމާތައް މީސްމީޑިއާ މެދުވެރިކޮށްގެން ފުޅާކުރަމުންދެއެވެ.
ކުޑަކުދިން ރޭޕްކުރުމާއި ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި މިހެން ގޮސް ތަފާތު ކުށްތައް ކުރާ ވާހަކަ އަކީ މިއަދު އަޅުގަނޑުމެންގެ ކަންފަތް ތަކަށް ކެނޑި ނޭޅި އިވެމުންދާ އަޑުތަކެވެ. އެހެންނަމަވެސް މިކަންކަން މެދުވެރިވާން ދިމާވާ ސަބަބު ތަކާމެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން މަދު ބައެކެވެ.
މީސްމީޑިއާގެ ވާހަކަ ދައްކާއިރު، ހާއްސަކޮށް ފޭސްބުކާއި މެސެންޖަރ އަދި ސްނެޕް ފަދަ ވިއުގަ ތަކުގައި ވާހަކަ ދައްކާ ބައެއް މީހުން އެ މީހުންގެ ނަސްލު އޮޅުވާލައިގެން އަނެކާ ހައްލާލަން މަސައްކަތްކުރެއެވެ. މިގޮތުން މީސްމީޑިއާގެ މިފަދަ ވިއުގަ ތަކުގައި ހަރަކާތްތެރިވާ ބައެއް މީހުންނަކީ އެމީހުން ކުރާ ކުށްތަކަށް ޝިކާރަ ކުރާނެ މީހުން ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ބައެކެވެ. ދުނިޔޭގެ އެކިހިސާބުތަކުގައެވެ. މިފަދަ މުޖުރިމުންގެ ޝިކާރައަށް އަޅުގަނޑުމެންގެ ޅަ ދަރިންވެސް ވެއެވެ.
މިހާރަށް ބަލާއިރު އަޅުގަނޑުމެން ދަރިންދެކެވާ ލޯބިން އެދަރިންނަށް ހޯދައި ނުދޭ އެއްޗެއްނެތެވެ. މޯބައިލް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ހޯދައިދީ އެކުދިންނަށް މީސްމީޑިއާގެ ވަސީލަތްތައްވެސް ބޭނުން ކުރެވޭގޮތް ހަދައިދެއެވެ. ނަމަވެސް އެކުދިން އެތަކެތި ބޭނުންކުރަނީ ކިހިނެތްތޯ އަދި އެކުދިން ކުރަނީ ކީއްތޯވެސް ގިނަ ފަހަރަށް އެ ކުދިންގެ ބެލެނިވެރިންނަށް ބަލައެއް ނުލެވެއެވެ.
މިއީވެސް މިފަދަ ހާދިސާއެކެވެ. އުމުރުން އެންމެ 12 އަހަރުގެ އާޝިޔާ (އަސްލުނަމެއް ނޫން) އަކީ ވަރަށް ފޯނާ ދޯޅު ކުއްޖެކެވެ. އެހެންކަމުން އާޝިޔާގެ މަންމައާއި ބައްޕަ އޭނާ ދެކެވާ ލޯބިން އޭނާއަށް ފޯނެއް ގަނެދިނެވެ. ފޯނު ގަނެދިންތާ މާގިނަ ދުވަސްތަކެއް ނުވެ އާޝިޔާ އިންޓަނެޓަށް ފަރިތަވެ، ނުދަންނަ މީހުން މީސްމީޑިއާއިން އެޑްކޮށް ރަހުމަތްތެރިވިއެވެ.
މިގޮތުން ރަހުމަތްތެރިވި މީހަކު އާޝިޔާގެ ފޮޓޯއެއް ފޮނުވައި ދިނުމަށް އެދުނެވެ. މި ގޮތަށް އެތައް ފޮޓޯއެއް ފޮނުވަމުންގޮސް އެންމެ ފަހުން އެ ރަހުމަތްތެރިޔާގެ އެދުމަށް އާޝިޔާގެ ބަރަހަނާ ފޮޓޯއެއްވެސް ފޮނުވިއެވެ. އެކަން އެ ރަހުމަތްތެރިޔާ ކުރީ ކުދިންނާ ގުޅޭ އެކި ކަހަލަ ވާހަކަ ދައްކަމުންގޮސް ވަރަށް ކެތްތެރިކަމާ އެކު މަޑުމަޑުން އާޝިޔާ ހައްލާލައިގެންނެވެ.
ފޮޓޯތައް ލިބުމުން، އެ ބޭނުންކޮށްގެން އާޝިޔާ ބްލެކްމެއިލް ކުރަންފެށިއެވެ. ކޮންމެއަކަސް މިއީ ހިތާމަހުރި ކަމެކެވެ. އާޝިޔާ ފަދައިން މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރާ ކުދިންނާ ވާހަކަ ދައްކައިގެން ކުދިންގެ އުމުރާ ނުގުޅޭ ކަންކަން އެކުދިން ލައްވާ ކުރުވަން ފަށައެވެ. އަދި އެކުދިންލައްވާ އެކުދިންގެ ލަދުވެތި ގުނަވަންތައް ހާމަކުރުވުމަށް ފަހު ބްލެކްމެއިލްކޮށް އެމީހުން ބޭނުންވާ ކަންތައްތައް ކުރުމަށް މަގު ފަހި ކުރުވައެވެ.
ކުއްޖާއަށްވެސް މި ކުރެވުނީ ކުށެއްކަން އެނގެނީ އެކަން ކުރެވޭ ފަހުންނެވެ. ދެން ކުރެވުނު ކުށުގެ ބޮޑު ކަމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ އެވާހަކަ ހިއްސާކުރުމަށް ޖެހިލުންވެ އެކަން ސިއްރު ކުރަން ފަށައެވެ. މިފަދަ ކަންކަމުގެ ޝިކާރައަށްވާ ކުދިން އެކަމާ ފިކުރު ބޮޑުވެ އެންްމެފަހުން ނަފްސާނީ ގޮތުން ބަލިކަށިވެގެން ދެއެވެ.
އާޝިޔާ ފަދައިން އިންޓަނެޓުގެ ނުބައި މަޅިތަކުގައި އަޅުގަނޑުމެންގެ ޅަ ދަރިން ބެދުމުގެ ކުރިން ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކުރަން އެބަޖެހެއެވެ. އެންމެ ފުރަަތަމަ ކަމަކަށް، އިންޓަނެޓުގެ ކޮންޓްރޯލް ބެލެނިވެރިންގެ އަތްމައްޗަށް ގެންނަން ޖެހެއެވެ. މިގޮތުން ކުދިން އިންޓަނެޓު ބޭނުން ކުރަންވީ މައިންބަފައިންނަށް އަޑު އިވޭ އަދި ފެންނަ ހިސާބުގައެވެ. އަދި އެކުދިން ކުރަނީ ކޮންކަމެއްތޯ ބެލެނިވެރިން ބަލައިލުން މުހިންމެވެ. އިންޓަނެޓަށް ފަރިތަ ނޫން ބެލެނިވެރިއެއް ނަމަ، އެކަން ދަންނަ ގޭގެ އެހެން މީހަކު ލައްވާ މޮނިޓަރކޮށް ބެލުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން ރައްކާތެރި ގޮތުގައި ކުދިން އިންޓަނެޓު ބޭނުން ކުރުމުގެ ފުރުސަތު ކުދިންނަށް ދިނުމަށް ބެލެނިވެރިން އެކަމާ ބެހޭ މައުލޫމާތު ހޯދުން ވަރަށް މުހިންމެވެ. ހާއްސަކޮށް، އިންޓަނެޓް ބޭނުން ކުރާ ވަސީލަތްތަކުގައި ހުންނަ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ “ޗައިލްޑް ސޭފްޓީ ޓޫލްސް” ބެލެނިވެރިން ދަސްކުރަން ޖެހެއެވެ. އަދި ކުދިންގެ ފަރާތުން އެ ފަދަ ނޭދެވޭ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، ދެން އަމަލު ކުރަންވީ ގޮތް ވެސް ބެލެނިވެރިންނަށް އެބައެނގެން ޖެހެއެވެ. އެހެނީ، ރައްކާތެރި ގޮތުގައި ދަރިން އިންޓަނެޓު ބޭނުން ކުރުމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ބެލެނިވެރިންގެ އަތްމަތީގައެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ޅަދަރިންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދައިދޭއިރު އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް އަޅުގަނޑުމެންނާއި އެކުދިންވެސް ހޭލުންތެރި ކުރުވަން ޖެހެއެވެ. މައިންބަފައިންނާ ކުދިންނާ ދެމެދު ގާތްގުޅުމެއް އުފައްދައި އެ ގުޅުން ހަރުދަނާކުރަން ޖެހެއެވެ. ކުދިންގެ މިޒާޖަށް ބޮޑެތި ބަދަލުތައް ގިނަފަހަރު އަންނަނީ އަޅުގަނޑުމެންނަށް ނޭނގި ދިމާވާ އެކިއެކި ހާދިސާތަކާ ގުޅިގެންނެވެ. އަޅުގަނޑުމެންގެ ދަރިން މިފަދަ ކުށްކުރާ ފަރާތްތަކުގެ ޝިކާރައަކަށް ވިޔަ ދީގެން ނުވާނެއެވެ. ވީމާ، ކުޑަކުދިން އިންޓަނެޓު ބޭނުންކުރާ ނަމަ ބެލެނިވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
Advertisement
9 ފެބްރުއަރީ 2021