އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު
މިއީ މީގެ 40، 50 އަހަރު ކުރިއެއް ނޫނެވެ. މިއީ 2021 ވަނަ އަހަރެވެ. މާލެ އަންނަން ކުޑަސިޓީ ބޭނުންވި ޒަމާންވަނީ މާޒީ އާއިއެކުވެ ގޮސްފައެވެ. އުޅަނދު ކައިރިކޮށްލުމުން ފުންމާލައިގެން ދާންވީއެވެ. ފުންމާލައިގެން މިދަނީ ރަށުގައި ހުއްޓައި ގުޅައި ވަޒީފާ ދޭނެކަމަށް ބުނި މީހާ ހޯދާށެވެ! ބައެއް ފަހަރު ބައްދަލެއް ނުވެއެވެ. ބައްދަލުވެއްޖެނަމަ ވަޒީފާއެއް ނުލިބެއެވެ. ޒުވާނާ ދާނެތަނެއް ނެތެވެ. މަގުމަތިވީއެވެ.
މިއީ އެއްކެޓަގަރީއެވެ! ސަރުކާރާއި ރަށުކައުންސިލާއި ގުޅިގެން މިފަދަ ކަންކަން ބަލައިލެވޭނެ އިންތިޒާމެއް ހަމަޖައްސައިފިނަމަ މި ކެޓަގަރީން މަގުމަތިވާ ޒުވާނުންގެ އަދަދު މަދުވާނެއެވެ.
ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ސަލާންޖަހާ މީހުން އެބައުޅެއެވެ. 10، 20 ރުފިޔާ ދޭންއެދޭ ގިނަ އަދަދެއްގެ މީހުން މަގުތަކުގައި އެބައުޅެއެވެ.
މިފަދަ އެހީއަކަށް އެދުމުން އެހީވަނީ މަދުމީހެކެވެ. އެއީ އެހީއަށް އެދޭ މީހުންގެ ތެރޭގައި ތަފާތު ކެޓަގަރީތަކުގެ މީހުން ހިމެނޭތީއެވެ. 10،20 ރުފިޔާ ހޯދަމުންގޮސް 100،200 ރުފިިޔާ ހަމަވީމާ ޕީސް ގަނެގެން ބޯމީހުންވެސް އުޅޭތީއެވެ. ޙަރާމްކަމެއް ކުރަން ފައިސާދޭން ބޭނުން ނުވާތީއެވެ!
ބައެއް މީހުން ބުނަނީ ޒުވާނުންނަށް 10، 20 ރުފިޔާ ދިނީމާ ވަޒީފާތަކަށް އިތުރުވަނީ ކުރިން ބަންގްލަދޭޝް، މިހާރު އިންޑިއާ މީހުން ކަމަށެވެ. ދިވެހި ޒުވާނުން ކުރާ މަސައްކަތަކީ ސަލާންޖެހުން ކަމަށެވެ.
އަނެއް ބައަކު ބުނަނީ ސަލާންޖަހާ މީހުންގެ ދަފްތަރެއް ކޮންމެވެސް މިނިސްޓްރީއަކުން އެކުލަވައިލަންޖެހޭ ކަމަށެވެ. އަދި ސަލާންޖަހަން ޖެހޭ ސަބަބު ބަޔާންކޮށް ކާޑެއް ދޫކުރުމުން އެމީހުންނަށް ގިނަ ބައަކު އެހީވާނެކަމަށެވެ. ޑްރަގްބޯން ސަލާންޖަހާ މީހުންނާއި ޙާލުގައި ޖެހިގެން ސަލާންޖަހާ މީޙުން ވަކިކުރަން އެނގުމުން ގިނަ ބައަކު ޞަދަޤާތް ކުރާނެ ކަމަށެވެ.
މަޖިލީހުން ކުރި ކަމަކީ ޤާނޫނެއް ފާސްކުރުމެވެ! ގަދަވެ ތިބި ބައަކު ބަލިބައެއް ކަމަށެވެ. ކޯޓުން ކުރާ ކަމަކީ ބަލިމީހުންނަށް ފަރުވާކުރަން ޙުކުމްކުރުމެވެ. އެހުކުމް ތަންފީޒުނުކުރެވި 5 އަހަރަށްވުރެ ގިނަވެފައިވާ ބަލިމީހުން މަގުމަތިވެފައި އެބަތިބިކަން އެފަދަ ބައެއް މީހުން ދޭ މައުލޫމާތުން އެނގެއެވެ.
"އަހަރެން ފަރުވާ ހޯދައިފިން. އެއީ ފަރުވާ ނުހޯދައިފިއްޔާ ޖަލަށް ގެންދާތީ. ދެން ފަރުވާ ހޯދީމާ ކުރާނީ ކީއް؟ އަހަރެމެން ބޭނުންވަނީ އެދޭ ބޭސްގުޅައެއް ނޫން. ކުރާނެ މަސައްކަތެއް. އެކަމެއް ނުވޭ. ވީމާ އޮތީ ހަމަ ވައްކަންކުރުމާ ހަށިވިއްކުމާ ސަލާންޖެހުން." ކަމަށްވެސް ބައެއް ޒުވާނުން ބުނެއެވެ.
Advertisement
11 ފެބްރުއަރީ 2021