އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ތިބި މުސްލިމުންގެ މުސްތަޤްބަލަކީ ކޮބާ؟

ރާއްޖޭގަ ތިބި މުސްލިމުންގެ މުސްތަޤްބަލަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ރާއްޖޭގަ ތިބި މުސްލިމުންގެ މުސްތަޤްބަލަކީ ކޮބާ؟ މިސުވާލު ފާހަގަކޮށްލަން ބޭނުންވީ ނޯވޭގެ ވެރިރަށް އޮސްލޯގައި ދުރުސެއް ފަށްޓަވަމުން ޝައިޚް ސިރާޖް ވައްހާޖެ ވިދާޅުވި ބަސްފުޅަކާއި ގުޅިގެންނެވެ. 

ޝައިޚް ވިދާޅުވެފައިވެއެވެ. 

"ނޯވޭގައި ތިބި މުސްލިމުންގެ މުސްތަޤްބަލަކީ ނޮބައިތޯ؟ ވަރަށް ގިނަ މީހުން އެބަ ސުވާލުކުރެއެވެ. އަހަރެންގެ ޖަވާބަކީ ބިންގާ ވަރުގަދަކުރާށެވެ! ޢިމާރާތް ނުވެއްޓިހުރުން އޮތީ ބިންގާ ވަރުގަދަކުރެވުނު ވަރެއްގެ މައްޗަށެވެ. ވީމާ ފުރަތަމަކަމަކަށް ބިންގާ ވަރުގަދަކުރާށެވެ! އެއިރުން އިމާރާތް ނުވެއްޓި ދެމިހުންނާނެއެވެ." 

މިއީ ހަމަ ރާއްޖޭގެ ޙާލަތާއި ވަރަށް ގުޅުންހުރި ބަސްކޮޅެކެވެ. ރާއްޖޭގައި ތިބި މުސްލިމުންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. 

ނޯވޭއަށް ބަލައިފިނަމަ މުސްލިމުންގެ ނިޞްބަތް ވަރަށް މަދެވެ. މިބުނަނީ އާބާދިގެ ނިޞްބަތުން މުސްލިމުންގެ ޢަދަދު މަދުވާހަކައެވެ. ރާއްޖެއަށް ބަލައިފިނަމަ މުސްލިމުންގެ އަދަދު ކިތަންމެހައިވެސް ގިނައެވެ. ނަމަވެސް ކުރިމަތިވަމުން މިދަނީ ހަމަ އެއް ޙާލަތެކެވެ. އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި ބަސްތައް ބުނެ ބޮޑެތި ކެންޕޭނުތައް ގެންދަނީ ހިންގަމުންނެވެ. 

މިހައިތަނަށް އެފަދަ ކެންޕޭނުތައް ހިންގީ ބޭރުގެ ޖަމާޢަތްތަކަށް ވިކިގެން ތިބޭ މަދަނީ ޖަމާޢަތްތައް ކިޔާ ބައެކެވެ. ނަމަވެސް މިއަދު ފައުޅުގައި އެކަންކުރާ ތަނަކަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖލިސް މިވަނީ ވެފައެވެ. އެކަމާއިމެދު ކުރާނެ ކުރެވޭނެ އެއްވެސް ކަމެއް ސަރުކާރަށް އޮތް ކަމަކަށް ނުވެއެވެ. ޤާނޫނު ހަދާ މަޖިލީހަކީ ދައުލަތުގެ އެއްބާރުކަމުގައިވާތީއެވެ. ދެކޮޅަށް ބަހެއް ބުނެފާނެކަމަށް، ފިޔަވަޅު އަޅައިފާނެކަމަށް ބަލައި އިސްލާމިކް މިނިސްޓަރު ހާޒިރުކޮށް ބިރުދައްކަމުން ވެސް ގެންދާތީއެވެ. ﷲ ތައާލާ ޙަރާމްކުރެއްވެވި، ރާއްޖޭގެ ޤާނޫނު އަސާސީގައި މަނާ ކަންކަން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތަށް ފައުޅުގައި މަޖިލީހުގެ ރިޔާސަތުން ދެކޮޅުހަދައި ބިރުދައްކަމުން ގެންދާއިރުވެސްމެއެވެ. 

މިގޮތުން މަސްތުވާތަކެތީގެ ޑީލަރަކު އަތުލައިގަތުމުންނާއި މާފުށީގައި އަުރަ ނިވާކުރަން ދެކޮޅު ހެދި އިނގިރޭސިވިލާތުގެ އަންހެނެއްގެ އައުރަ ނިވާކުރަން ފުލުހުން މަސައްކަތްކުރުމުން މަޖިލީހުގެ ރިޔާސަތުން ދެއްކި ވާހަކަތައް އެކަނިވެސް ހެއްކަކަށް ފުދިއިތުރުވެއެވެ. އެއިގެ އިތުރުން މިހާރުު މިފެންނަނީ ރިޔާސަތުން ކުރާ ކަންކަމުން ހިތްވަރު ލިބި ޙަދީޘްފުޅުތަކަށް މެންބަރުން ފައުޅުގައި އިންކާރުކޮށް އިސްލާމް ދީނުގެ ޙުކުމްތަކާއި ފައުޅުގައި ދެކޮޅުހަދަމުން ގެންދާތަނެވެ. 

ރައްޔިތުންނަށް ކުރެވޭނެ އެއްވެސްކަމެއް މިވަގުތު އޮތްކަމަކަށް ނުވެއެވެ. ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލީހުގެ އަޣްލަބިއްޔަތު މިވަނީ މަޖިލީހުގެ ރިޔާސަތަށް ވެދުމަށް އެރުވިފައެވެ.

މިޙާލަތުގައި އޮތީ ހަމަ ޝައިޚް އެވިދާޅުވާ ބަސްފުޅުގައި ހިފަހައްޓައި ސާބިތުވުމެވެ. މުސްލިމުން އެމީހުންގެ ޢަޤީދާ ވަރުގަދަކޮށް ޢަޤީދާމަތީގައި ސާބިތުވުމެވެ. އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް ހުރަސްއަޅާ މީހުންނާއި ދުރުހެލިވުމެވެ. އެމީހުންނަކީ އަހަރެމެން ސުވަރުގެ ދިއުމަށް ހުރަސްއަޅާ ބައެއްކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ޢަޤީދާއަށް ލޮޅުން އަރުވަން ކުރާ މަސައްކަތާއި ދެކޮޅަށް އެމީހަކަށް ކުރެވެން އޮތް މަސައްކަތެއް ކުރުމެވެ. 

އެކަންކަން ނުކުރެވިއްޖެނަމަ ޝައިޚް އެވިދާޅުވާފަދައިން ބިންގާ ވަރުގަދައެއް ނުކުރެވޭނެއެވެ. ދާދިއަވަހަށް ބިންގާ ނެތިގެން ހިނގައިދާނެއެވެ. ޢިމާރާތް ބޯމައްޗަށް ވެއްޓިދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް