އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
ބައެއް މީހުންނަށް ދަރަނިވެރިވުމަކީ ކަންބޮޑުވާ ކަމަކަށް ނުވިނަމަވެސް އެކަމުގައި ހުރި ނުރައްކައުތެރިކަން އެނގޭ އަދި އެކަންކަން ވިސްނޭ މީހުންނަށް އެއީ ވަރަށް ބޮޑު ކަމެކެވެ. އެމީހުން އަބަދުވެސް ތިބެނީ ދަރަނި އަދާކުރެވޭނެ ގޮތަކާއިމެދު ކަންބޮޑުވެފައެވެ.
ރަނގަޅު ނިޔަތުގައި ދަރަނިނެގި ނަމަވެސް ފަހުން ކުރިމަތިވާ ޙާލަތެއްގެ ސަބަބުން ދަރަނި ނުދެއްކި އެބަދެއެވެ. އަތްމަތިހުސްވެގެންނެވެ. ވީމާ މިބުނެދެނީ އެފަދަ ޙާލަތުގައި ކުރަން އޮތް ދުޢާއެކެވެ.
اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال
މިއީ ދަރަނިންނާ ހާސްވެކަންބޮޑުވުމުން ސަލާމަތްވާން އަހަރެން ދަންނަ ގިނަ ބައަކު ތަޖުރިބާކޮށްފައިވާ ދުޢާއެކެވެ. އެއިގެ ތެރެއިން އެކަކު ބުނެފައިވެއެވެ.
ދަރަނިއަދާކުރެވޭނެ އެއްވެސް މަގެއް ނުފެނިގެން މިދުޢާކުރަންފެށިތަނާ އޭނާ ދަރާތިބި އެއްބައަކު އޭނާއަށް މާފުކުރިއެވެ. އަނެއްބައަކު އަދަދު މަދުކޮށްދިނެވެ. އެއިގެ އިތުރުން އޭނާކުރަމުން އައި މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިދެއްވެވިއެވެ. އެކަމުގެ ސަބަބުން ލިބޭ އާމްދަނީ އިތުރުވެގެންދިއައެވެ.
އަދި މީގެ އިތުރުން ހާސްވުމާއި ކަންބޮޑުވުމުގައިވަނިކޮށް މިދުޢާކުރަންފެށުމުން އެމީހުންނަށް ހުރި ކަންބޮޑުވުންތައް ފިލައިގެން ދިއަކަމުގެ ވާހަކަ އެތައް ބައަކު ވަނީ ކިޔައިދީފައެވެ. ވީމާ މިދުޢާއަކީ އަހަރެންދަންނަ ވަރަށް ގިނަ ބައަކު ތަޖުރިބާކޮށްފައިވާ ދުޢާއެކެވެ. ތިއަބައިމީހުންވެސް ނިކަން ތަޖުރިބާކޮށްލަބަލާށެވެ.
މިދުޢާއަކީ ޞަޙީޙް ބުޚާރީގައާއި އެހެންވެސް ޙަދީޘްފޮތްތަކުގައި ބަޔާންވެގެންވާ ދުޢާއެކެވެ. ވީމާ މިއީ ސުންނަތުން ސާބިތުވާ ދުޢާއެކެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 ފެބްރުއަރީ 2021