އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު
ބައެއްފަހަރު ކުޑަކުދިން ޚާއްޞަކޮށް ތުއްތުކުދިން ހުންއައުން ގިނަވެ، ސިއްސައިގެންގޮސް އަދި ބިރުގަތުން ފަދަ ކަންކަން މެދުވެރިވުން ގިނަވެއެވެ. އަދި ކުދިން އާދައާ ޚިލާފަށް ނުކިޔަމަންތެރިވެސްވެއެވެ. މިޙާލަތުގައި ޑޮކްޓަރުންނަށް ޓެސްޓްތަކުން ބަލި ނުވަތަ ސަބަބު ދެނެގަންނަން އުނދަގޫވާގޮތްވެސް މެދުވެރިވެއެވެ.
މިފަދަ ކަންކަން ގިނައިން މެދުވެރިވާނަމަ ނުވަތަ ތަކުރާރުކޮށްމެދުވެރިވާނަމަ ޝައިޠޯނާ އާއިމެދު ވިސްނައިލަންވާނެއެވެ. ގެއަށް ޝައިޠޯނާއަށް ވަދެވެން ހުންނަ މަގުތައް ބަންދުކުރަން މަސައްކަތްކުރަންވާނެއެވެ. އިރު އޮއްސުމުގެކުރިން ގޭގެ ދޮރުތައް ބަންދުކުރުމާއި ހިއްކަންއަޅާފައި ހުންނަ ތަކެތި ނަގައި ގޭތެރެއަށް ވެއްދުންފަދަ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.
ކިތަންމެ ކުޑަ ވގުތުކޮޅަކަށް ނަމަވެސް ގެއިން ނުކުމެފައި ގެއަށް ވަންނަނަމަ އަޢޫޛް ކިޔައި ފަހަތުން ޝައިޠޯނާ ގެއަށްވަނުން ހުއްޓުވަންވާނެއެވެ. އަޢޫޛް ނުކިޔައި ގެއަށް ވަނުމަކީ ޝައިޠާނާއަށް ގެއަށް ވަންނަން ދެވޭ ދައުވަތެއްކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެއީ އަޢޫޛް ނުކިޔައި ގެއަށް ވަންނަނަމަ ފަހަތުން ގެއަށްވަނުމުގެ ފުރުޞަތު ޝައިިޠާނާ އަށްލިބޭތީއެވެ.
މިކަމަށް ސަމާލުކަން ދޭ ގޭގެއާއި ނުދޭ ގޭގޭގެއިގެ ތަފާތު ފެންނާނެވެ.
މީގެ އިތުރުން ގެއަށްވަނުމުގެ ފުރުޞަތު ޝައިޠޯނުންނަށް ދެވޭނަމަ ގޭތެރޭގައި ހަމަނުޖެހުންވެސް އިތުރުވެގެންދެއެވެ. އެއީ ޝައިޠޯނާ ފިތުނަ އުފައްދާތީއެވެ.
މިކަންކަން ބަޔާންކުރައްވައި އިމާމް މާޒިން ޢާދިލް ވިދާޅުވެފައިވާ ބަސްފުޅެއް ނަކަލުކޮށްލާނަމެވެ.
ގެއަށް ވަނުމުގެ ފުރުޞަތު ޝައިޠާނާއަށް ނުދޭ ގޭގޭގައި ޢާންމު މައްސަލަތައް މަދުވާނެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް މަދުވާނެއެވެ. ﷲ ތަޢާލާ މަތިވެރި ކުރުމުގެ ކަންކަން ކުރުން އިތުރުވާނެއެވެ. އެންމެ ކުޑަމިނުން ދަރިންގެ އަޚްލާޤުންވެސް އެތަން ފެންނާނެއެވެ. ދަރިން ކިޔެވުމަށް މަސައްކަތްކުރާ މިންވަރާއި ބަސް އަހާ މިންވަރުންވެސް ތަފާތު ފެންނާނެއެވެ. ދަރިންނަށް ފިލާވަޅު ދަސްވުން ވެސް ފަސޭހަވާނެއެވެ.
ސަބަބަކީ ފިތުނަ އުފައްދަން ޝައިޠާނާއަށް އެގެއެއްގައި ހަރަކާތްތެރި ނުވެވޭތީއެވެ. ކުދިންނަށް ވަސްވާސް ދިނުންވެސް އެހައި ފަސޭހަ ނުވާތީއެވެ. ގޭގައި ދިރޭތަކެތީގެ ތަޞްވީރުތައް ނުބަހައްޓާށެވެ. ނެރެ ބޭރަށް އުކައިލާށެވެ. އެއްވެސް ބާވަތެއްގެ ބުދުފަދަ ތަކެތި ވެސް ނުބަހައްޓާށެވެ. ނެރެ ބޭރުކޮށްލާށެވެ. ރަޙްމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައިގަންނަވާނީ އެކަންކަން ކޮށް އެގެއަކަށް މަލާއިކަތުންނަށް ވަދެވަޑައިގަތުމުގެ ޖާގަ ދިނުމުންނެވެ. ގެއިން ޖާގަ ދޭންވީ ޝައިޠާނުންނަކަށް ނޫނެވެ. މަލާއިކަތުންނަށެވެ.
ﷲ ތަޢާލާ ވަނީ ކީރިތި ޤޮރުއާނުގައި މިކަން ބަޔާން ކުރައްވަވައިފައެވެ. އީމާންކަން ކުޑަ، އީމާން ނުވާ މީހުންގެ މައްޗަށް ބާރުފޯރުވަން ޝައިޠާނާ އަބަދުވެސް މަސައްކަތްކުރާނެ ކަމެވެ. ޝައިޠާނާ މީސްތަކުން ކޮށްޕައި ﷲ ތަޢާލާގެ މަގުން ދުރުކުރާނެ ކަމެވެ. އެފަދަ މީހުންގެ ކައިރީގައި ޝައިޠާނާ ވަރަށް ބާރުގަދަވާނެ ކަމާއި ނަމަވެސް ފުރިހަމަ މުއްމިނުންގެ ކުރިމަތީގައި ޝައިޠާނާ ވަރަށް ބަލިކަށިވާނެ ކަމެވެ.
ޝައިޠާނާގެ ލަޝްކަރު އަހަރެމެންނަކަށް ނުފެނެއެވެ. ނަމަވެސް އެ ލަޝްކަރަށް އަހަރެމެން ފެނެއެވެ. އެހެންކަމުން މީސްތަކުންނަށް ހަމަލާދިނުމަކީ (ވަސްވާސްދީ ނުބައިކަންކަން ކުރުވުމަކީ) ޝައިޠާނުންނަށް ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ފުރިހަމަ ގޮތުގައި ރައްކައުތެރި ކަމުގެ ފިޔަވަޅުތައް ނުއެޅިއްޖެ ނަމަ ޝައިޠާނުންގެ ކިބައިން ރައްކައުތެރިވުމަކީ އަހަރެމެންނަށް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ.
ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަވަން ޖެހެނީ އެހެންވެގެންނެވެ. ހަމަ އެއާއިއެކު ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ ރަނގަޅު އެއްކަމަކީ އާޔަތުލްކުރުސި ކިޔެވުމެވެ. ގިނަގިނައިން އަޢޫޛް ކިޔައި ޝައިޠާނާގެ ކިބައިން ރައްކައުތެރިކަމަށް އެދުމެވެ.
ނިކަން ވިސްނައިބަލާށެވެ! ޝައިޠާނާގެ ވާހަކަ ކީރިތި ޤްރުއާނުގެ 88 ތަނެއްގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. މިހައި ގިނަ ތަންތަނުގައި ބަޔާން ކުރައްވަވާފައި އެވަނީ ޝައިޠާނާ އާއިމެދު ހޭލުންތެރިވުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ޝައިޠާނާގެ ސަބަބުން ލިބޭނެ ގެއްލުންތަކުގެ ބޮޑުކަމުންނެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލި ތިބުމުގެ ބޭނުންތެރިކަން ވެސް ބޮޑުކަމުންނެވެ.
އިމާމް މާޒިން ޢާދިލް ވިދާލުވެފައިވާ މިބަސްފުޅުތައް ނަކަލު މިކޮށްލީ މިކަމަކީ ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަން ޖެހިފައިވާ ކަމަކަށްވާތީއެވެ.
Advertisement
17 ފެބްރުއަރީ 2021