އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު
ކަމެއް ކުރިމަތިވުމުން ގޮތް ހުސްވެ މާޔޫސްވެ ހަތަރެސްފައިން ގޯސްހެދޭ ހިސާބަށް ކަންކަންދަނީ ހަމަ އެންމެ ސުވާލެއްގެ ޖަވާބު ނުލިބޭތީއެވެ. އެއީ މިކަން މިހެން ކުރިމަތިމިވީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭ ސުވާލެވެ. އެސުވާލު އުފައްދުވަނީ ޝައިޠޯނާއެވެ.
އަހަރެންގެ ސުވާލަކީ އެސުވާލުގެ ޖަވާބު ވަރަށް ސާފިުކޮށް އެނގެން އޮއްވައި އެސުވާލު އުފެއްދުމުގެ ފުރުޞަތު ޝައިޠޯނާއަށް ދެނީ ކީއްވެގެންހެއްޔެވެ؟ އެސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ދުނިޔޭގައި ހިނގާނެ ހުރިހާ ކަމެއް ﷲ ތައާލާ ވަނީ ކާއިނާތު އުފެއްދެވުމުގެ އެތައް އަހރެއް ކުރިންސުރެ ލިޔުއްވަވައިފައެވެ. އިންސާނަކަށް މެދުވެރިވާނެ ހުރިހާ ކަމެއް ވަނީ އެމީހަކު އުފަންވުމުގެ މާކުރިން ލިޔުއްވަވައިފައެވެ.
ދެން ނިކަންބުނެބަލާށެވެ! ކަމަެއް ދިމާވުމުން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ މިއޮތީ އެކަން މެދުވެރިވި ސަބަބު ވަރަށް ސާފުކޮށް އެނގެން ނޫނެހެއްޔެވެ؟
މީސްތަކުންނޭވެ! ކަންބޮޑުވާންވީ ކަމެއް ދިމާވުމުގެ ކުރިންނެވެ. ސަލާމަތްވުމަށް މަސައްކަތްކުރަންވީވެސް ކަމެއް ދިމާވުމުގެކުރިންނެވެ. ކުރަން އޮތް ހަމައެކަނި އެކަމަކީ ތަޤްވާވެރިކަން އިތުރުކޮށް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމެވެ.
ކިތަންމެ ވަރަކަށް ތަޤްވާވެރިވެގެން ހުރިނަމަވެސް ކަންކަންވެސް ދިމާވާނެއެވެ. ހިތްދަތިވާ ޙާލަތުތައްވެސް ކުރިމަތިވާނެއެވެ. ނަމަވެސް ތަފާތަކީ ފުރިހަމަގޮތުގައި ތަޤްވާވެރިވެގެން ހުންނަ މީހަކަށް މާޔޫސްވެ ގޮތް ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. ކެތްތެރިވެ ދެން ކުރިއަށްދާންވީ މަގުވެސް ވިސްނޭނެއެވެ. ތަޤްވާވެރިކަން އިތުރުކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް އަބަދުވެސް ކެނޑިނޭލި މަސައްކަތްކުރަންވީ އެސަބަބަށްޓަކައެވެ. ހިތްދަތިކަމުން ސަލާމަތްވެ އުފަލުގައި ހުރެވުން އޮތީ އެކަމުން ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
18 ފެބްރުއަރީ 2021