އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރައީސް ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރައީސް ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޑރ ޖަޔަޝަންކަރް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގެންނެވީ މިއަދު މެނދުރުކުރީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު 2021 ޖަނަވަރީ 20 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިގެންދިޔުމަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ. މީގެ އިތުރުން، ކޮވިޑް-19ގެ ހާލަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަން ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ، މި ކަންކަމަށް އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ޤާއިމުކޮށްފައިވާ "އެއަރ ބަބްލް"ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން ވެސް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ، އެ މަނިކުފާނުގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކަށް އަލިއަޅުއްވައިލައްވާފައެވެ. ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ މަނިކުފާނު ވަނީ ރާއްޖެއަށް ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ އިތުރު 100,000 ޑޯޒް ހަދިޔާކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ.

ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި، ޑޮލަރ ކްރެޑިޓް ލައިން އެއްބަސްވުން މުރާޖަޢާކުރުމާއި، ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ބިނާކުރުމާ ގުޅޭ އެއްބަސްވުމާއި، ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބްރޯކްޑްކާސްޓިންގގެ ދާއިރާ ތަރައްޤީކުރުމާއި، އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމާ ގުޅޭ އެއްބަސްވުމާއި، ދިފާޢީ ދާއިރާގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ އެ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް، ދެ ބޭފުޅުން އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު