އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދުވަހަކު އަލިފާން ޖައްސައި ފިއްސަމުން ގެންދިއައިރުވެސް ބިލާލްގެފާނުގެ ހިތްޕުޅަށް ހޫނުނުވީ ކީއްވެ؟

ކޮންމެ ދުވަހަކު އަލިފާން ޖައްސައި ފިއްސަމުން ގެންދިއައިރުވެސް ބިލާލްގެފާނުގެ ހިތްޕުޅަށް ހޫނުނުވީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

އަޅުންގެގޮތުގައި ތިބެ އިސްލާމްވުމުން އަނިޔާލިބުނު ޞަޙާބީން ވަރަށް ގިނައެވެ. ނަމަވެސް ބިލާލްގެފާނަށް ލިބިވަޑައިގެންނެވިވަރުގެ ބޮޑެތި އަނިޔާތަށް ލިބިވަޑައިގެންނެވި ބޭކަލަކު ހުންނެވިކަން އެނގެން ނެތްކަމަށް ޢިލްމްވެރިން ބަޔާންކުރައްވަވައެވެ. 

ހަށިކޮޅަށް ނުކުރާ އަނިޔާއެއް ނެތްއިރު ހަށިކޮޅުގައި ހޭފުޅުނެތެންދެން އަލިފާން ޖެއްސިއެވެ. ފޮންބޮވައި ބަނޑުހައިފުޅުވެގެންގޮސް ދޫފުޅު ބޭޜަށް ނުކުންނަންދެން ފެންފޮދެއް، ފަރިއްކުޅުއްވާނެ އެއްޗެއް ނުދީ ޗޭނުޖަހާފައި ބޭއްވިއެވެ. 

ރަސޫލް ﷺ ގެ އެދިވަޑައިގަތުމަށް އަބޫބަކުރުގެފާނު ބިލާލްގެފާނު ބައްލަވައިގަނެ މިނިވްނަކުރައްވަވަންދެން އުޅުއްވަވަވަން ޖެހިވަޑައިގަތީ އެޙާލުކޮޅުގައެވެ. ހަމައެކަނި އެންމެ ސަބަބަކަށްޓަކައެވެ. ޝިރުކުގެ މަގު ދޫކުރައްވަވައި ﷲ ތަޢާލާއަށް އީމާންވެވަޑައިގަތުމެވެ.

ކޮންމެ ދުވަހަކު އެހާލުކޮޅުގައި އުޅުއްވަވަން ޖެހިވަޑައިގެންނެވިއިރުވެސް، އެހާލުކޮޅުން ސަލާމަތްވެވަޑައިގެންފާނެކަމުގެ އެއްވެސް އުންމީދެއް ނެތްއިރުވެސް، އަނިޔާތަކުގެ ސަބަބުން ކޮންމެ ވަގުތަކުވެސް އަވަހާރަވެވަޑައިގެންފާނެކަމުގެ ބިރުފުޅު އޮތްއިރުވެސް ބިލާލްގެފާނު ތަކުރާރުކުރައްވައި ވިދާޅުވަމުން ގެންދެވީ ﷲ ތަޢާލާ ނޫން ކަލަކު ނުވާ ކަމަށެވެ. 

މިވާހަކަތައް އަހަރެމެން ކުޑައިރުންސުރެ ސިޔަރަތުން އަޑުއަހަމުއެވެ. ސުވާލަކީ އެއްވެސް ޢިބްރަތެއް ޙާޞިލުކުރެވުނު ހެއްޔެވެ؟ އަހަރެމެންނަށް އީމާންކަމުގައި ސާބިތުވުމަށް އެއްވެސް ހުރަހެއް، ބިރެއް ނެތްއިރުވެސް އެބަ ސާބިތުވެވޭ ހެއްޔެވެ؟ 

އިމާންކަން ހަރުލަނީ ހިތުގައެވެ. ހިތުގައި އީމާންކަން ހަރުލާނީ ހިތް ޠޯހިރުވެގެންނެވެ. ހިތް ޠޯހިރުކުރެވޭނީ ފާފަކުރުމާއި ދުރުހެލިވެވިގެންނެވެ. ތަޤްވާވެރިކަން އިތުރުކުރިވަރަކުންނެވެ. ވީމާ ހިތުގައި ފުރިހަމައަށް އީމާންކަން ހަރުލާނީ އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ. 

ފާފަކުރުމުން ހިތަށް ޝައިޠޯނާ ވެރިވެގަނެއެވެ. ހެޔޮ ޢަމަލުކުރުމުން ހިތުން ޝައިޠޯނާ ފިލައިގެންދެއެވެ. އީމާންކަމުން ހިތްފުރި އީމާންކަމުގެ އަލިގަދަ ނޫރުން ހިތް އުޖާލާވެގެންދެއެވެ. އެއިރުން އެހިތަކާއި ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ 

ބިލާލްގެފާނުގެ ހަށިކޮޅުގައި ކޮންމެ ދުވަހަކު އަލިފާން ޖައްސަމުން ގެންދިއައިރުވެސް ހޫނުވެ ފިހެމުން ދިއައީ ހަށިކޮޅުގެ ބޭރުފުށެވެ. ހިތްޕުޅަށް އެކަމުން އެއްވެސް އަސަރެއް ނުކުރިއެވެ. އެއީ މިބުނި ފަދައިން ހިތްޕުޅު އީމާންކަމުގެ ނޫރުން އުޖާލާވެފައިވާތީއެވެ! ވީމާ ބިލާލްގެފާނަށް ދެއްވެވި ސާބިތުކަން ދެއްވެވުން އެދި ދުޢާކުރަން އެބަޖެހެއެވެ.

މީސްތަކުންނޭވެ. އަހުރެން މިހުރީ ﷲ ތަޢާލާއަށް އީމާންވެގެންކަމަށް ދުލުން ބުނެލުމަކުން އަދި ނުފުދެއެވެ. އެކަން ޢަމަލުން ދައްކަންވެސް ޖެހެއެވެ. ފާފަކުރުމުން ދުރުހެލިވާންޖެހެއެވެ. އަޅުކަންކުރަން ޖެހެއެވެ. ވީހައި ގިނައިންނެވެ. ﷲ ތަޢާލާ ބާވައިލެއްވެވި އެންމެހައި ޙުކުމްފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލަނބަން އެބަޖެހެއެވެ.

ހަމައެއާއިއެކު ބިލާލްގެފާނު ވެވަޑައިގަތީ މުސްލިމުންގެ 3 ޙަރަމްފުޅުގައި ބަންގި ގޮވުމުގެ ޝަރަފް ލިބިވަޑައިގެންނެވި ޞަޙާބީއަށެވެ. ދަރަޖައަށެވެ. ރަސޫލް ﷺ ގެ މުދިމަށެވެ. އިންސާނަކަށް ލިބޭނެ މިއަށްވުރެ މަތިވެރި ޝަރަފަކީ ކޮބައިހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ބިލާލްގެފާނަކީވެސް ސުވަރުގެ ލިބިވަޑައިގަންނާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި އެއް ޞަޙާބީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


28%
ވ.ރަނގަޅު
0%
ރަނގަޅު
57%
އޯކޭ
14%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް