އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާއަށް ބޭވަފާތެރިވެ ޚިޔާނާތްތެރިވާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ!: މުފްތީ މެންކް

ބައިވެރިޔާއަށް ބޭވަފާތެރިވެ ޚިޔާނާތްތެރިވާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

މިއަދުގެ ހާލަތަށް ބަލައިފިނަމަ ކޮންމެ މީހަކުން އުޅޭތަން ފެންނަނީ ކޮންމެވެސް ކަމަކަށް ބިރުންނެވެ. ތަނަވަސްކަން ގެއްލިދާނެތީއެވެ. މަޤާމް ގެއްލިދާނެތީއެވެ. ކޮންމެވެސް ބައްޔެއް ޖެހިދާނެތީއެވެ. ކައިވެނި ރޫޅިދާނެތީއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ކޮންމެވެސް ކަމަކާއިހުރެ ބިރުން ނުއުޅޭ މީހަކު ވަރަށް މަދެވެ. 

މިހައި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައި މިވަނީ އެންމެ ސަބަބަކާއިހުރެއެވެ. އެއީ ﷲ ތަޢާލާ އަށް ބިރުވެތި ނުވެވުމެވެ. ﷲ ތަޢާލާ ދެކެ ބިރުނުގަންނަ މީހާ އެންމެން ދެކެ ބިރުގަންނާނެ އެވެ. އެމީހާ އަބަދުވެސް ހުންނާނީ އެހެން މީހަކު އެމީހާއަށް ކަމެއްކޮށް ގެއްލުންދިފާނެ ކަމުގެ ބިރުގައެވެ. ގިނަ ފަހަރަށް ހުންނާނީ އެމީހަކަށް ގެއްލުމެއް ދީފާނެ ކަމަށް ފެންނަ މީހުންގެ އަޅަކަށްވެސް ވެގެންނެވެ. ސަލާމަތުން ހުރުމަށްޓަކައި ޖިޒީވެސް ދައްކާނެއެވެ. 

ނަމަވެސް ﷲ ތަޢާލާ ދެކެ ބިރުގަންނަ މީހާ އެއްވެސް މީހަކު ދެކެ ބިރެއްނުގަންނާނެ އެވެ. އޭނާ ހުންނާނީ ﷲ ތަޢާލާއަށް ވަކީލުކޮށްގެންނެވެ.  އޭނާއަށް ﷲ ތަޢާލާ އިން ފުދި އިތުރުވާނެއެވެ. އެހެން އެއްވެސް ފަރާތަކަށް ބިރުވެތިވެ ކަން ބޮޑުވެގެންނެއް ނުއުޅޭނެއެވެ. އަބަދުވެސް ބިރުން ހުންނާނީ ﷲ ތަޢާލާގެ ޙަޟަރަތުން އަތުވެދާނެ ކަމަކަށެވެ. މަރުވުމުން ދެން ވާނެ ގޮތަކަށެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވާ މީހާ ބިރުގަންނާނީ ނަމާދެއް ނުކުރެވިދާނެކަމަށެވެ. އަދާކުރަންޖެހޭ ފަރުޟެއް އަދާނުކުރެވިދާނެ ކަމަށެވެ. ﷲ ތަޢާލާ ނަހީ ކުރެއްވްވި ކަމެއް ކުރެވިދާނެ ކަމާއިމެދުގައެވެ. މިފަދައިން ހުންނަ މީހާ ބިރުގަންނަން ޖެހޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެފަދަ މީހާ އަކީ ދުނިޔޭގައި ދިމާވެދާނެ އެއްވެސް ކަމަކަށް ބިރުގަންނާނެ މީހެއް ނޫނެވެ. އެފަދަ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަ ޖެހިގެންނެވެ. އެމީހުން ތިބީ ހައްޤު ގޮތުގައި ކަމުގެ ޔަޤީންކަން އެމީހުންނަށް އޮންނާނެއެވެ. އަދި އެއްވެސް މީހަކަށް އެމީހާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމުގެ ޔަޤީންކަންވެސް އޮންނާނެއެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ވައްކަން ކުރާ މީހާ އަބަދުވެސް ހުންނާނީ އެކަން އެހެން މީހަކަށް އެނގިދާނެ ކަމުގެ ބިރުގައެވެ. އެކަން އެނގިދާނެ ކަމަށް ޝައްކުކުރެވޭ މީހުންނަށް ރިޝްވަތު ދިނުމުގައެވެ. ހިލޭ އަންހެނުން ނުވަތަ ފިރިހެނުން ގެންގުޅޭ މީހާ އަބަދުވެސް ހުންނާނީ އޭނާކުރާ އެފަދަ ޢަމަލެއް މީހަކަށް ފެނި، އެނގިދާނެކަމަށް ބިރުންނެވެ. ފިރިމީހާއަށް ނުވަތަ  އަނބިމީހާއަށް އަނގައިދާނެ ކަމުގެ ބިރުވެރިކަމުގައެވެ. މިފަދަ އެއްވެސް ކަމެއް ނުކުރާމީހާ އެއްވެސް މީހަކު ދެކެ ބިރެއް ނުގަންނާނެއެވެ! ބިރުގަންނާކަށް ނުވެސް ޖެހޭނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބިރުވެރިކަމުން ސަލާމަތްވެހުރެވޭނީ ތެދުވެރިވެވިގެންނެވެ! ތެދުވެރިވާންވީ ﷲ ތަޢާލާއަށެވެ! އެއިރުން ހުރިހާ ކަމެއްގައިވެސް ތެދުވެރިވެވޭނެއެވެ. ވީމާ އަވަހަށް ތައުބާވާށެވެ! ހުރިހާ ކަމެއް އެއިރުން ޙައްލުވީއެވެ. ﷲ ތަޢާލާގެ މަގަށް އަވަހަށް ރުޖޫޢަވާށެވެ! އެއިރުން އެއްވެސް މީހަކު ދެކެ ބިރުގަންނާކަށް ނުޖެހޭނެއެވެ. ދުނިޔެއާއި ޢާޚިރަތް ކާމިޔާބުވާން އޮތީ ﷲ ތަޢާލާއަށް ތެދުވެރިވެވިގެންނެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް