އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައިގެ ފުރިހަމަ ޘަވާބު ނުލިބޭ އެންމެ ޢާންމު ސަބަބަކީ ލޮލުންކުރާ ފާފަތަކެވެ! މިހާރުންފެށިގެން ލޮލުން ފާފަކުރުން ހުއްޓައިލާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ރޯދައިގެ ފުރިހަމަ ޘަވާބު ނުލިބޭ އެންމެ ޢާންމު ސަބަބަކީ ލޮލުންކުރާ ފާފަތަކެވެ! މިހާރުންފެށިގެން ލޮލުން ފާފަކުރުން ހުއްޓައިލާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ރަމަޟާން މަސް ގާތަވަމުން އަންނައިރު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ޙަރާމް ކަންކަމާއި ދުރުހެލިވުމެވެ. ޙަޤީޤަތުގައި ހިފާ ރޯދަ ރޯދައަކަށްވެގެންދާނީ އަޅުކަންކުރުން އިތުރުކުރުމުގެ އިތުރުން ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެހުރުމުންނެވެ. 

ޙަޤީޤަތުގައި ރޯދަ ރޯދައަކަށްވެގެންދަނީވެސް ޙަރާމް ކަންކަމާއި ދުރުހެލިވެހުރުމުންނެވެ. ރޯދައަކީ ޙަރާމްކަންކަމާއި މީހާ ދުރުހެލިކޮށްދޭ އައްޑަނައެއްކަމަށް ވެގެންދަނީ އެކަމަށް ޢަމަލުކުރުމުންނެވެ. އެހެންކަމުން މިރޭ މިފާހަގަކޮށްލަނީ ރޯދައަށް ހުރެ މީސްތަކުންނަށް އެންމެ ގިނައިން ކުރެވޭ އެއް ފާފައަށެވެ. އެއީ ބެލުންތައް ތިރިނުކުރެވުމެވެ. 

ރޯދައަށް ތިބެ ގިނަ ބައަކު ހަވީރު ޕާކްތަކަސްދެއެވެ. ދުއްވައިލަންވެސްދެއެވެ. މިގޮތަށް ބޭރަށް ނުކުމެ އުޅުމުގައި ބެލުންތައް ތިރިނުކުރާނަމަ އެދަނީ ބޮޑު ފާފައެއް ކުރެވެމުންނެވެ. އެކަމުގެ ސަބަބުން ހިފާ ރޯދައަށް އުނިކަން ލިބޭނެ ފާފައެއް ކުރެވެމުންނެވެ. 

ހަމަ އެއާއިއެކު ވަޒީފާއަސް ނުކުމެ އުޅޭ ވަގުތުގައިވެސް ބެލުންތައް ތިރިކުރާށެވެ! ފާފައަކަސްވެދާނެ އެއްވެސް ތަނަކަށް ނުބަލާށެވެ! 

މީސްތަކުންނޭވެ! މިއަދު ބަރަހަނާ މަންޒަރުތައް ބަލަން ކޮންމެހެން ޓީވީއެއް ކޮންޕިޔުޓަރެއް ބޭނުމެއް ނުވެއެވެ. އަތުގައި އޮންނަ ފޯނުން ނުބެލޭ މަންޒަރެއް ނެތެވެ. ރޯދައަށް ހުރެ ކުރެވޭ މިފަދަ ކޮންމެ ކަމަކުން އެދަނީ ހިފާ ރޯދައަށް ގެއްލުން ލިބެމުންނެވެ. އުނިކަން ލިބެމުންނެވެ. 

އެއީ ފާފައެއް ކަމަށް ނުބެލި ނަމަވެސް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ މިންވަރަށް ނިވާނުވެ ހުރި އަންހެނަކަށްވެސް ފިރިހެނަކަށްވެސް ބެލުމަކީ ހަމަ ފާފަވެރިވާނެ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންޑޭންޖެހޭނެ ކަމެކެވެ. 

ރަމަޟާން މަސް ކައިރިވެގެން އަންނައިރު މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! މިހާރުންސުރެ މަސައްކަތްކުރަންވީ ތިމާގެ ކިބައިގައި ހުރިނަމަ ހުރި މިބާވަތުގެ ހުރިހާ ކަންކަން އިޞްލާޙްކުރުމަށެވެ. ފުރިހަމަ ގޮތުގައި ރޯދަ ހިފި ރަމަޟާންމަހުގެ ފައިދާ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭނީ އެއިރުންނެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް