އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރި މެޗު ތައިލެންޑުން ކާމިޔާބުކޮށްފިއެވެ.
ތައިލެންޑުން މި މެޗު ކާމިޔާބުކޮށްފައިވަނީ 60 ޕޮއިންޓު 28 ޕޮއިންޓުންނެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމުން މި މެޗުގައި ތައުލެންޑާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާއި ވާދަކޮށް 49 ޕޮއިންޓު 7 ޕޮއިންޓުގެ ތަފާތުބޮޑު ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފައެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ހިމެނެނީ ސްރީލަންކާ، ހޮންގކޮންގ، ތައިލެންޑް، ދިވެހިރާއްޖެ އަދި ޕާކިސްތާނެވެ. ގްރޫޕް ބީގައި ހިމެނެނީ މެލޭޝިއާ، ސިންގަޕޯރ، ޗައިނީސް ޓައިޕޭ، އިންޑިއާ އަދި ކޮރެއާ އެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާލާއިރު، ކޮރެއާ އާއި ޗައިނީސް ޓައިޕޭ ބައްދަލުކުރި މެޗު 64-22 ޕޮއިންޓުން ކާމިޔާބުކުރީ ޗައިނީސް ޓައިޕޭ އެވެ. ރާއްޖެ އާއި ޕާކިސްތާނު މެޗު 49-7 ޕޮއިންޓުން ރާއްޖެ ކާމިޔާބުކުރި އިރު، ސްރީލަންކާ އާއި ތައިލެންޑް މެޗު ތައިލެންޑުން ކާމިޔާބުކުރީ 53-48 ޕޮއިންޓުންނެވެ.
އިންޑިއާ އާއި ސިންގަޕޯރ ބައްދަލުކުރަން އޮތް މެޗަށް ސިންގަޕޯރ ޓީމު ޙާޟީރު ނުވާތީ، އެމެޗު އިންޑިއާއަށް ލިބިފައިވާ އިރު، ހޮންގކޮންގ އާއި ޕާކިސްތާނު ބައްދަލުކުރި މެޗުންވެސް ޕާކިސްތާނު ވަނީ 75-2 ޕޮއިންޓުން ބަލިވެފައެވެ.
މެލޭޝިއާ އާއި އިންޑިއާގެ މެޗު މެލޭޝިއާއިން ކާމިޔާބުކުރީ 20-91 ޕޮއިންޓުންނެވެ. އަދި ސިންގަޕޯރ އާއި ކޮރެއާ ބައްދަލުކުރި މެޗު ސިންގަޕޯރއިން ކާމިޔާބު ކޮށްފައިވަނީ 108-6 ޕޮއިންޓުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކޮރެއާގެ ޖިއޮންޖޫގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ސްކޮޑުގައި 12 ކުޅުންތެރިން ވަނީ ހިމަނާފައިވާ އިރު، ރާއްޖެ ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވަނީ އައިމިނަތު ހަލީމެވެ. އަދި އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އައިޝަތު ލޫނާ މޫސާއެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ދެ އަމްޕަޔަރުން ކަމަށްވާ ރިޟުވާން އާދަމާއި ނަބީލް އިބްރާހިމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރެއިން ރިޟުވާނަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި އަމްޕަޔަރެކެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުން: އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބްކޮށްފި