ޤާނޫނުތަކުން މިއަދު ރެކެވިދާނެ- ޤިޔާމަތް ދުވަހު ދެއްކޭނެ ބަހަނާއެއް ނުއޮންނާނެ: ޑރ. ޢަބްދުލްމަޖީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޤާނޫނުތަކުން މިއަދު ރެކެވިދާނެ- ޤިޔާމަތް ދުވަހު ދެއްކޭނެ ބަހަނާއެއް ނުއޮންނާނެ: ޑރ. ޢަބްދުލްމަޖީދު
ކޮންމެ މީހަކަށްވެސް ޤާނޫނުތަކުން މިއަދު ރެކެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ރެކޭ މީހުންނަށް ޤިޔާމަތް ދުވަހުން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ މިހާރަކަށް އައިސް ފެންނަމުން ދަނީ ނުޙައްޤުން ގިނަ ބައަކަށް އަނިޔާ ލިބެމުންދާތަން ކަމަށާއި އެއްވެސް މީހަކަށް ޙައްޤު ނޫން ގޮތުގައި އެއްވެސް އަދަބެއް ނުވަތަ އަނިޔާއެއް ދިނުމަކީ މާތްﷲ ނަހީ ކުރައްވަވާފައިވާ ކަމެއް ކަމަށެވެ.

"މަރުގެ އަދަބު ދޭންޖެހިގެން މީހަކު މެރިނަމަވެސް އެމީހަކަށް ވެސް އަނިޔާވެރިވުމެއް ނެތް. މަރަން ޖެހޭނީ އެންމެ އަނިޔާކުޑަވާނެ ގޮތަކަށް. ޤިޔާމަތް ދުވަހަކީ ދޫނި ފަދަ ތަކެއްޗަށް ކުރާ އަނިޔާއަށް ވެސް ބަދަލު ހޯދަން އެސޮރުމުން އެދޭނެ ދުވަސް. ކެއުމަށް ޖަނަވާރެއް ކަތިލި ނަމަވެސް ކަތިލަން ޖެހޭނީ ވަޅި ތޫނުކޮށް ވީހައިވެސް އަނިޔާއަކަށް ނުވާނެ ގޮތަކަށް. ތަދު ކުޑަވާނެ ގޮތަކަށް. އެހެން ޖަނަވާރުތަކަށް ނުދައްކައި."

ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ މިދުނިޔޭގައި ކިތަންމެ ގަދަފަ ބާރުތަކެއް ލިބިފައިވީނަމަވެސް ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކަށް އެއްވެސް ބާރެއް ލިބިގެންވާނެ ދުވަހެއް ނޫން ކަމާއި އެދުވަހު އެންމެންނަށްވެސް އުޅެންޖެހޭނީ އެމީހެއްގެ ނަފުސު ސަލާމަތް ނުކުރެވިގެން ކަމަށެވެ. އެދުވަހަކީ އެންމެންވެސް "ނަފްސީ ނަފްސީ" ގޮވާނެ ދުވަސްކަން ހަނދާންކުރަންޖެހޭނެ ކަމަށެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޢާއިޝަތު ޢާޒިމާ ޝުކޫރު ހަމަޖައްސަން އުޅޭކަމަށް ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ އެއީ އިސްލާމް ދީނުގެ ތެރެއިން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. ހަނަފީ މަޒުހަބުގައި ޢާއިލީ ކަންތައްތައް ފަދަ ކަންކަމުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރަން ހުއްދަ ނަމަވެސް ޖިނާޢީ މައްސަލަތަކުގައި ފަނޑިޔާރުކަން އެއްވެސް އަންހެނަކަށް ނުކުރެވޭނެ ކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ ނިންމެވުންތަކުގައި ވެސް ވަނީ ޖިނާޢީ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ކަމަށެވެ.

ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ ސްޕްރީމް ކޯޓަކީ ޖިނާޢީ މައްސަލަތައްވެސް ހުށަހެޅޭ ކޯޓަކަށްވުމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސް ނުކުރެވޭނެ ކަމަށެވެ.
މިއަދު އޮންލައިން