އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދުވަހަކު ހެނދުނާ ހަވީރު ކިޔަވަން ސުންނަތުން ސާބިތުވާ ސޫރަތްތައް-

ކޮންމެ ދުވަހަކު ހެނދުނާ ހަވީރު ކިޔަވަން ސުންނަތުން ސާބިތުވާ ސޫރަތްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 25 މިނެޓް, 42 ސިކުންތު

1- ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އާޔަތުލް ކުރުސީ ކިޔެވުން

ދަލީލު: حديث أبي هريرة، وفيه قول الشيطان له: “إِذَا أَوَيْتَ إِلَى فِرَاشِكَ، فَاقْرَأْ آيَةَ الكُرْسِيِّ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ ، وَلَا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِح”. فقال النبي صلى الله عليه وسلم : ((أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ)). [رواه البخاري تعليقا (2311)] 

އަބޫ ހުރައިރާގެ މި ޙަދީޘް. ޝައިޠާނާ އަބޫހުރައިރާއަށް ބުނި ބަސްތައް "ތިބާ ނިދަން އޮށޯވެއްޖެނަމަ، އާޔަތުލް ކުރުސީ ކިޔާށެވެ. ފަހެ ހަމަކަށަވަރުން އޭރުން، ތިބާ ރައްކާތެރިކުރައްވާ މަލާއިކަތެއް ފަތިސްވަންދެން ހުންނާނެއެވެ. އަދި ތިބާއާ ޝައިޠާނާ ހަމަކަށަވަރުން ކައިރިވެސް ނުވާނެއެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައިޠާނާ ބުނި މި ބަސްތަކާ ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. “އޭނާއަކީ ބޮޑުވެގެންވާ ދޮގުވެރިޔަކަށް ވީކަމުގައިވިޔަސް މިފަހަރު އޭނާ ތިބާގާތުގައި އެބުނީ ތެދެކެވެ." 

ފައިދާ: ޝައިޠާނާގެ ކިބައިން ރައްކާތެރިވުން. 

2- ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން

ދަލީލު: عَنْ أَبِي مَسْعُودٍ البَدْرِيِّ رَضِيَ لله عَنْهُ، قَالَ: قَالَ رَسُولُ للهِ صَلَّى للهُ عَلَيْهِ وَسَلَّمَ: ((الآيَتَانِ مِنْ آخِرِ سُورَةِ الْبَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ)) [روى البخاري (4008) ، ومسلم ((807)]

އަބޫ މަސްޢޫދުލް ބަދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި އެ ދެ އާޔަތް ކިޔަވައިފިމީހާއަށް، އެކަން ފުދިގެން ވެއެވެ."

ބައެއް ޢިލްމުވެރިން މީގެ މާނާގައި ވިދާޅުވަނީ ރައްކާތެރިކަމަކަށް ފުދިގެންވާ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ރޭއަޅުކަމަށް ފުދިގެންވާ ކަމުގައެވެ. މި ދެބަސްފުޅުވެސް ޞައްޙައެވެ.

ފައިދާ: ރައްކާތެރިކަން ލިބުން

3- އިޚްލާޞް ފަލަޤު އަދި ނާސް މި ތިން ސޫރަތް ނިދުމުގެ ކުރިން ކިޔެވުން.

ދަލީލު: عَنْ عَائِشَةَ: “أَنَّ النَّبِيَّ صَلَّى للهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ، ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ ، يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ”. [رواه البخاري (5017)]

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގެން ކޮންމެރެއަކު އެކަލޭގެފާނުގެ ދެއަތްތިލަ ކައިރިކުރައްވައި އެދެއަތްތިލައަށް ފުމެލައްވައި އެދެއަތްތިލައަށް قُلْ هُوَ اللَّهُ أَحَدٌ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ الْفَلَقِ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ النَّاسِ ސޫރަތް ކިޔަވާ ވިދާޅުވެއެވެ. އަދި އޭގެ ފަހުގައި އެދެއަތްތިލަ އެކަލޭގެފާނުގެ ހަށިކޮޅުގައި އެ ދެއަތްތިލައިން އަތްކޭއްތޭ ހިސާބަކަށް ކާއްތާލައްވައެވެ. ފައްޓަވަނީ އެކަލޭގެފާނުގެ ބޮލާއި މޫނުން އަދި ހަށިގަނޑުގެ ކުރިމަތިންނެވެ. އެފަދައިން ތިންފަހަރު އެކަލޭގެފާނު ކަންތައްކުރައްވައެވެ."

ހެނދުނާއި ހަވީރު މި ސޫރަތްތައް ކިޔެވުމަށްވެސް އައިސްފައިވެއެވެ.

عن عَبْدِ اللَّهِ بْنِ خُبَيْبٍ، أَنَّهُ قَالَ: “خَرَجْنَا فِي لَيْلَةِ مَطَرٍ، وَظُلْمَةٍ شَدِيدَةٍ، نَطْلُبُ رَسُولَ اللَّهِ صَلَّى للهُ عَلَيْهِ وَسَلَّمَ لِيُصَلِّيَ لَنَا، فَأَدْرَكْنَاهُ، فَقَالَ: ((أَصَلَّيْتُمْ ؟)) فَلَمْ أَقُلْ شَيْئًا، فَقَالَ: ((قُلْ))، فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: ((قُلْ))، فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: ((قُلْ))، فَقُلْتُ: يَا رَسُولَ اللَّهِ مَا أَقُولُ؟ قَالَ: ((قُلْ قُلْ هُوَ اللَّهُ أَحَدٌ وَالْمُعَوِّذَتَيْنِ حِينَ تُمْسِي، وَحِينَ تُصْبِحُ، ثَلَاثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ)) [رواه أبو داود (5082) وحسنه الألباني فيصحيح أبي داود”]

ޢަބްދުﷲ ބިން ޚުބައިބުގެ ކިބައިން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވިއެވެ. “ވިއްސާރަ ރެއެއްގައި ގަދަ އަނދިރީގައި އަހަރެމެންނައިގެން އިމާމުވެ ނަމާދުކުރެއްވުމަށްޓަކައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޯދުމަށް އަހަރެމެން ނުކުތީމެވެ. އަހަރެމެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަހޯދީމެވެ. އަދި އަހަރެމެންނަށް ޙަދީޘްކުރެއްވިއެވެ.  

"ތިޔަބައިމީހުން ނަމާދުކޮށްފިން ހެއްޔެވެ؟" އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ. "ކިޔާ ށެވެ!" އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ. "ކިޔާށެވެ!" އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އޭގެ ފަހުގައި ޙަދީޘްކުރެއްވިއެވެ. "ކިޔާށެވެ”!" އަހަރެން ބުނީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އަހަރެން ކިޔަންވީ ކޮންއެއްޗެއް ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ. “قُلْ هُوَ اللَّهُ أَحَدٌ އާއި ފަލަޤި ނާސް މި ދެ ސޫރަތް ހަވީރުވާއިރު އަދި ހެނދުނުވާއިރު، ތިންފަހަރު ކިޔާށެވެ. އޭރުން ހުރިހާ ކަމަކުން ފުދިގެންވާނެއެވެ."

ފައިދާ : ރައްކާތެރިކަން ލިބުން، ޚާއްޞަކޮށް ސިޙްރު، ހަސަދަ، އެސްފީނާ، ޝައިޠާނާ، ހުރިހާ ނުބައިތަކެތި، ހުރިހާ ނުބައިކަންތަކުން ރައްކާތެރިވުން.

4- ނިދުމުގެ ކުރިން ކާފިރޫން ސޫރަތް ކިޔެވުން

ދަލީލު: عَنْ فَرْوَةَ بْنِ نَوْفَلٍ، عَنْ أَبِيهِ، أَنَّ النَّبِيَّ صَلَّى للهُ عَلَيْهِ وَسَلَّمَ، قَالَ لِنَوْفَلٍ: ((اقْرَأْ قُلْ يَا أَيُّهَا الْكَافِرُونَ ثُمَّ نَمْ، عَلَى خَاتِمَتِهَا، فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ)) [رواه أبو داود (5055) وصححه الألباني فيصحيح أبي داود”]

ފަރުވާ ބިން ނައުފަލު އޭނާގެ ބައްޕާގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނައުފަލަށް ޙަދީޘްކުރެއްވިއެވެ. "قُلْ يَا أَيُّهَا الْكَافِرُونَ ކިޔަވާށެވެ. އޭގެފަހުގައި އެސޫރަތް ކިޔަވާ ނިމުމުން ނިދާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަޅާ ޝިރުކުން ބަރީއަކުރުވާ ސޫރަތެކެވެ."

ފައިދާ: ޝިރުކުން ސަލާމަތް ވުން

5- ކޮންމެ ރެއަކު އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔެވުން ދަލީލު:

عن عَائِشَة قالت: “كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ بَنِي إِسْرَائِيلَ وَالزُّمَرَ” [رواه الترمذي (2920) وصححه الألباني فيصحيح الجامع” (4874)].

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ބަނީ އިސްރާއީލު ސޫރަތާއި ޒުމަރު ސޫރަތް ކިޔަވާވިދާޅުނުވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅުލައްޕަވާ ކަމުގައި ނުވެއެވެ."

ފައިދާ: ވާރިދުވެފައިނުވޭ

6- ކޮންމެ ރެއަކު މުލްކު ސޫރަތް ކިޔެވުން

ދަލީލު: عَنْ جَابِرٍ، قَالَ: “كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ بِتَنْزِيلُ السَّجْدَةِ، وَبِتَبَارَكَ” [رواه الترمذي (3404) وصححه الألباني فيصحيح الترمذي”]

ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ސަޖިދަ ސޫރަތާއި މުލްކު ސޫރަތް ކިޔަވާވިދާޅު ނުވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅުލައްޕަވާ ކަމުގައި ނުވެއެވެ.

عن أبي هريرة رضي لله عنه عن النبي صلى لله عليه وسلم قال: ((إِنَّ سُورَةً مِنْ الْقُرْآنِ ثَلَاثُونَ آيَةً ، شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ ، وَهِيَ سُورَةُ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ)) [رواه الترمذي (2891) وأحمد في مسنده (7915) وحسنه الشيخ الألباني رحمه الله فيصحيح سنن الترمذي”]

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ހަމަކަށަވަރުން ކީރިތި ޤުރުއާނުގައި 30 އާޔަތް ވާ ސޫރަތެއް ވެއެވެ. އެ ސޫރަތް ކިޔަވާ މީހާއަށް އެމީހާގެ ފާފަތައް ފުހެވިއްޖައުމަށް ދަންދެން ޝަފާޢަތްތެރިވާނެއެވެ. އެ ސޫރަތަކީ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ އެވެ.”

ފައިދާ: ޝަފާޢަތްތެރިވުން

ބައެއް ރިވާޔަތްތަކުގައި ކަށްވަޅުގެ ޢަޛާބުން ދިންނަވާނޭކަމަށް އައިސްފައިވެއެވެ. އަދި އޭގެ ބައެއް ރިވާޔަތްތަކަކީ މަވްޤޫފް ރިވާޔަތްތަކެވެ. ޣައިބުގެ ޚަބަރަކަށްވާތީ މަރްފޫޢު ދަރަޖައަށް ފޯރާފައިވެއެވެ. އެހެންކަމުން މި މަޤްޞަދުވެސް ޙާޞިލްވާނޭ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

މުހިއްމު ނުކުތާތަކެއް:

1- ނިދާގަޑިއަށް ޚާއްޞަކޮށް ކިޔުމަށް ވާރިދުވެފައިމިވަނީ އާޔަތުލް ކުރުސީ، އިޚްލާޞް ފަލަޤި ނާސް މި ތިން ސޫރަތާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތެވެ. ދެން ހުރި ސޫރަތްތަކަކީ ރޭގަނޑު ކިޔެވުމަށް ހުރި ސޫރަތްތަކަށްވާތީ، ނިދާގަޑީގެ ކުރީންވެސް އިރު އޮއްސުމާއެކުވެސް ކިޔެވިދާނެއެވެ.

2- ކޮންމެ ހުކުރު ދުވަހެއްގައި ކަހްފު ސޫރަތް ކިޔެވުމާ ބެހޭގޮތުންވެސް ޙަދީޘްގައި ވެއެވެ. އަދި ބަޤަރާ ސޫރަތް އެ ގެއެއްގައި ކިޔެވޭ ގެޔަކާ ޝައިޠާނާ ކައިރި ނުވާނޭ ކަމަށްވެސް އައިސްފައިވެއެވެ. އެހެންވީމާ ބަޤަރާ ސޫރަތް ގެއެއްގައި ގިނައިން ކިޔެވުމަކީވެސް އެދެވިގެންވާކަމެކެވެ.

3- ވަރަށް ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް، ޔާސީން ސޫރަތަކީ އެ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އެއްވެސް ޞައްޙަ ޙަދީޘެއް ވާރިދުވެފައިވާ ސޫރަތެއް ނޫނެވެ.

4- ކީރިތި ޤުރުއާނުން އެމީހަކު ބޭނުން އާޔަތެއް ބޭނުން ސޫރަތެއް ބޭނުން ޢަދަދަކަށް ބޭނުން ވަޤުތަކު ކިޔެވިދާނެއެވެ. އެކަމަކު ވަކި ސޫރަތެއް ވަކި ޢަދަދަކަށް ވަކި ވަޤުތެއްގައި ވަކި ކަމެއް ޙާޞިލްވާނޭކަމަށް އިޢުތިޤާދުކޮށްގެން ކިޔަވާނަމަ އެކަމަށް ޞައްޙަ ދަލީލެއް ބޭނުންވާނެއެވެ. އެހެންނޫނީ އެކަން ވާނީ ބިދުޢަކަށެވެ.

- ޝައިޚް މުޙައްމަދު ޝާފިޢު

މަރްޖިޢު

islamqa.info/ar/answers/240793

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް