ތިބާގެ ބައިވެރިޔާ ތިބާއަށް ލޯބިނުދޭތީ އަމިއްލައަށް ނަރަކައަށް ވަނުމަކީ ލިބިގަނެވޭ އެންމެ ބޮޑު އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ތިބާގެ ބައިވެރިޔާ ތިބާއަށް ލޯބިނުދޭތީ އަމިއްލައަށް ނަރަކައަށް ވަނުމަކީ ލިބިގަނެވޭ އެންމެ ބޮޑު އަނިޔާ!

ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކޮށްފައި އެހެން މީހަކު ކުށްވެރިކޮށްގެން ސަލާމަތެއް ނެތެވެ. ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށްވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ފާތައްކޮށްފައި އެކަންކަން ކުރީ ބައިވެރިޔާ މިވެނި ކަމެއް ކުރުމުން ކަމަށްބުނުމަކީ ޢަޛާބުން ރެކެވެން އޮތް މަގެއް ނޫނެވެ. 

އިންޞާފުގެ ވާހަކަ ދެކެވޭ ކޮންމެ ހިނދެއްގައި މީސްތަކުންގެ ވިސްނުމަށް ގިނަ ފަހަރު އަންނާނީ ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކެވެ. ޙުކުމް ކުރަން ތިބޭ ފަނޑިޔާރުން ފަދައިން އެމީހާއަކީ ނުވަތަ ކޮންމެ މީހަކީ ވެސް އަދުލުވެރިވާން ޖެހޭ މީހެއްކަން ހަނދާން ކުރަނީ މަދު މީހެކެވެ. އެހެންކަމުން މުޖުތަމައުތަކުން މިދަނީ ދުވަހެއް ދުވަހަކަށް އިންޞާފު ގެއްލެމުންނެވެ. އަދުލުވެރިކަން ނެތެމުންނެވެ. 

އިންޞާފާއި އަދުލުވެރިކަމުގެ ވާހަކަ ދައްކާނަމަ ފުރަތަމަވެސް ވިސްނަންވީ ތިމާގެ އަމުލުނަފްސާއިމެދުގައެވެ. ތިމާއަށް އަދުލުވެރި ވެވޭ މިންވަރާއިމެދުގައެވެ. ތިމާގެ ފިރިމީހާއަށް، އަނބިމީހާއަށް، ދަރިންނަށް، މައިން ބަފައިންނަށް އިންޞާފުވެރިވެވޭ މިންވަރަށެވެ. 

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އަނބިން ފިރިންނަށް، ފިރިން އަނބިންނަށް އަދުލުވެރި ނުވުމުގައި މިހާރު މިވަނީ ހައްދުން ނައްޓާލައިފައެވެ. ލޮލަށް ފެންނަން ނެތްނަމަ ބޭވަފާތެރިވާންވީއެވެ. އެންމެ ފަހަރަކުވެސް ހިތަށް ނާރާ ކަމެއްވެއެވެ. އެއީ ތިމާ މިކުރާ ކަންކަން އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ސިއްރުން ކުރެވުނު ނަމަވެސް ﷲ ތަޢާލާ ހަމަ ވަގުތުން އެކަން ބައްލަވައިވޮޑިގެންވާ ކަމެވެ. މިދުނިޔޭގައި ކޯފާއެއް ނުލެއްވެވި ނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތް ނުވެވޭނެ ކަމެވެ. މީޒާނުގައި ހިސާބު ބެލެވޭހިނދު ތިމާގެ ހެޔޮ އަމަލުތަކުން އުނިކުރެވިގެންދާނެ ކަމެވެ. 

އަހަރެމެން އިންޞާފުވެރިވެ އަދުލުވެރިވާންވީ މީހަކަށްޓަކައެއް ނޫނެވެ. ތިމާގެ އަމިއްލަ ނަފްސަށްޓަކައެވެ. އާޚިރަތް ދުވަހަށްޓަކައެވެ. ވަރަށް ފަހުން އަހަރެންގެ ރައްޓެއްސަކު ބުނީ އޭނާގެ އަނބިމީހާގެ ކިބައިން ބަދު އަޚްލާޤީ ޢަމަލުކުރުމުގެ ގިނަ މައްސަލަތަކެއް ފަޅައި އެރުމުން ސަބަބަކަށް ދެއްކީ ފިރިމީހާ ލޯބި ނުދިނުން ކަމަށެވެ. އެހެން މީހަކާއިއެކު ގުޅުން ހިންގަން ޖެހުނީ އެސަބަބަށްޓަކައި ކަމަށެވެ. 

މިއީ އަނބިމީހާއެވެ. ފިރިންގެ ކިބައިންވެސް ހަމަ މިފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. ކޮންމެ މީހަކުވެސް ވިސްނަންވީ މިއަދު ދުނިޔޭގައި މިދައްކާ އުޒުރުތައް ނުދެއްކޭނެ ދުވަސް ކުރިމަތީގައި އެބައޮތްކަމެވެ. މާދުރު ކީއްކުރަންހެއްޔެވެ؟ ދާދި ގާތުގައެވެ. މިއަދު ވެސް މަރުވެއްޖެ ނަމަ އެމީހަކަށް އެއޮތީ އެދުވަސް އައިސް ޖެހިފައެވެ. 

ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އިންޞާފުންނެވެ. އަދުލުވެރިކަމާއިއެކުގައެވެ. ދެމަފިރިއަކަށް އެކުގައި އުޅެވެން ނެތްނަމަ އިސްލާމް ދީނުގައި އޮތް ފަދައިން ދުރުވާށެވެ. ކައިވެނިމަތީގައި ތިބެ މަކަރުވެރި ގޮތުގައި ފާފަތައް ނުކުރާށެވެ. ޚިޔާނާތްތެރި އެއްވެސް އަމަލެއް ނުހިންގާށެވެ. އެފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އެއީ ތިމާ އަމިއްލައަށް ހޯދައިގަންނަ ޢަޛާބަކަށް ނޫނީ ނުވާނެއެވެ. 

ބަލަން ޖެހޭނީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ. ބިރުގަންނަންވީ ޒަރެއްގެ މިންވަރުވިޔަސް ހެޔޮކަމެއް ކޮށްފި މީހާވެސް އަދި ޒަރެއްގެ މިންވަރު ނަމަވެސް ނުބައި ކަމެއް ކޮށްފި މީހާވެސް އެކަމުގެ ރަހަ ދެކޭނެ ކަމަށް ބަޔާންކުރައްވަވާފައިވާ އާޔަތަށެވެ. މިހާ ސާފުކޮށް އެނނެގެން އޮތަ ކަމެއްގައި މަގުގެއްލިގެން ދާބައަކު ކަމުގައި ނުވާށެވެ! މިއަދު މިކަންކަމަށް ފަރުވާތެރި ނުވެއްޖެ ނަމަ ފަހަކުން ނުވެވޭނެއެވެ. ވީމާ މިހިނދުން ފެށިގެން ކޮންމެ މީހަކުވެސް އެމީހާއަކީ އިންޞާފުވެރިއެއްކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުޜާށެވެ. ތިމާގެ އަމިއްލަ ނަފްސް ސަލާމަތް ކުރެވޭނީ އެއިރުންނެވެ. 

ބައިވެރިޔާ ލޯބި ނުދިންކަމަށްބުނެ ފާފަތައް ކުރުމަކީ އަމިއްލައަށް ނަރަކައަށް ވަނުމެވެ. ހުރިހާ ގެއްލުމެއް ލިބޭނީ ފާފަކުރި މީހަކަށެވެ! ލޯބި ނުލިބޭނަމަ އަވަހަށް އެކަން ޙައްލުކުރާށެވެ! ކައިވެނި ރޫޅައިލުން ނޫން ގޮތެއް ނެތިއްޖެނަމަ އެކަންވެސްކުރާށެވެ! އެއީ ތިމާ ނަރަކައަށް ވަންނަ ސަބަބުކަމަށް ހަދައިފިނަމަ ހުރިހާ ދެރައެއް އެލިބެނީ އެމީހަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން.

 

މިއަދު އޮންލައިން