އުފާވެރިކަމާއި ހިތްދަތިވުން އެއީ ކޮންމެ މީހަކަށްވެސް ދުނިޔޭގައި ކުރިމަތިލާންޖެހޭނެ 2 ކަންތަކެވެ. އުފާވެރިކަމެއް ލިބުމުން އެކަމާއިމެދު އުފާކުރަން އެއްވެސް މީހަކު ދެކޮޅެއް ނުހަދާނެއެވެ. ތިމާއަށް މިފަދަ އުފާވެރިކަމެއް މިލިބުނީ ކީއްވެގެންތޯ ސުވާލެއްވެސް ނުކުރާނެއެވެ.
ނަމަވެސް ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ބަލައިގަންނަން ފަސްނުޖެހޭނީ ވަރަށް މަދުމީހެކެވެ. އަދި މިފަދަ ކަމެއް ކުރިމަތިމިވީ ކީއްވެގެންތޯ؟ ސުވާލުކޮށް ޝަކުވާ ނުކުރާނީވެސް ވަރަށް މަދު މީހެކެވެ. ވީމާ މުޞީބާތް މެދުވެރިވަނީ ކޮން ގޮތަކުންކަމާއި ޙައލަކީ ކޮބައިކަމާއިމެދު ވިސްނާލަން އެބަޖެހެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ.
"ﷲ ގެ އިޛްނަފުޅަށް މެނުވީ އެއްވެސް މުޞީބާތެއް ނުޖެހެއެވެ. އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. ﷲ އީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (64:11)
މިއާޔަތުން އެނގިގެން މިދަނީ ކޮންމެ ހިތްދަތިކަމެއް މެދުވެރިނަމަވެސް އެކަން މެދުވެރިވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމެވެ. އަދި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހާއަށް ތެދުމަގު ދައްކަވާނެކަމެވެ. ސާބިތުގެ ހުރުމުގެ ކުޅަދާނަކަން ދެއްވަވާނެކަމެވެ. އަދި އެކަން މިންވަރުކުރެއްވެވި ސަބަބުވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ.
ވީމާ ތިމާ ކިތަންމެ ލޯބިވާ މީހަކު މަރުވި ނަމަވެސް، ތިމާ ދޫކޮށްލާފައި ވަކިވެގެންދިއަ ނަމަވެސް ވަޒީފާ ގެއްލުން، ވިޔަފާރި ބަނގުރޫޓުވުން ފަދަ ކަމެއް މެދުވެރިވިނަމަވެސް ފުރަތަމަކަމަކަށް އޮތީ އެކަން މެދުވެރިވީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރުމެވެ. އަދި ޔަޤީންކުރަންވީ އެމީހަކަށް ﷲ ތަޢާލާ ސާބިތުކަން ދެއްވަވާނެކަމާއި އެއަށްވުރެ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވައި ދެއްވަވާނެ ކަމެވެ. އަދި އަހަރެމެންނަށް ނުއެނގުނު ނަމަވެސް އެކަމުގައި އަހަރެމެންނަށްޓަކައި ފައިދާއެއް ފޮރުވިފައިވާނެކަމެވެ.
މިހިރީ ކަންކަމަށް ކީރިތި ޤުރްޢާނުގައި ހުރި ޝިފާއެވެ. މިފަދަ އާޔަތްތަކުން ހިތްވަރުލިބިގަންނަ މީހާ އެލިބިގަންނަނީ އެންމެ މަތިވެރި ޝިފާއެވެ. ކެތްތެރި ނުވެވި އަތުްނފައިން ގޯސްހެދޭ ހިސާބަށް، ނުވަތަ މާޔޫސްބަލީގައި ތާށިވަނީ މިފަދަ އާޔަތްތަކަސް ވިސްނައި ފިކުރުނުކުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން