މައިމީހާގެ ފުރަތަމަ ކަންބޮޑުވުމަކީ ދަރިފުޅު "ޖިހާދަށް" ފުރައިގެން ދިއުމުން އުފެދުނު ކަންބޮޑުވުމެވެ. ޚާއްޞަކޮށް ބުނެވެސް ނުލައި ފުރައިގެން ދިއުމުން އުފެދުނު ކަންބޮޑުވުމެވެ.
އެއަށްފަހު އުފެދުނު ކަންބޮޑުވުން އަދި މާބޮޑެވެ. ސީރިޔާއަށް ދިއުމުން ޓްރޭއިނިންގއަށް ފޮނުވައިލީ އިރާޤަށެވެ. ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ޙޯދުމަށެވެ. މަންމައަށް ޖެހުނީ ނޭވާ ހިފަހައްޓައިލައިގެން ދުޢާކުރުންމަތީގައި ދެމިހުންނާށެވެ.
ކުޑަ ދުވަސްކޮޅެއްފަހެވެ. ކުއްލިއަކަށް ހަތުރު އުދަރެސް ފެނުޖެހުނީއެވެ. ދަރިފުޅު މަރުވީއެވެ. ދާއިމަށް މިދުނިޔެދޫކޮށް ދިއައީއެވެ.
މައިމީހާގެ ލޮލުން ކަރުނައެއް ނުހިކެވެ. ދިރިއުޅުމުގެ ހިތްވަރު ގެއްލުނީއެވެ. އެކަނިމާއެކަނި މީހުންނަށް ގުލާމުކޮށްދީގެން ލިބުނު އެއްޗަކުން ބަލައި ބޮޑުކުރި ދަރިފުޅު އެފަދަ ގޮތަކަށް ގެއްލިގެން ދިއުމުން ލިބުނު ވޭންދެނިވި ހީތަމައިގައި މަންމަ މިއަދު ވަނީ "މޮޔަ"ވެފައެވެ. ނަފްސާނީ ބަލިތަކަށް ދޭ ބޭސް ބޭނުން ކުރި ނަމަވެސް ލޮލު ފިޔައެއް ނުޖެހެއެވެ. ކައި ބޮއި ހެދުން ވޭނަކަށްވާތީ ދުވަހެއް ދުވަހަކަށް އަންނަނީ ހިކި އަނަރޫފަ ވަމުންނެވެ.
މިއީ ހަޤީޤީ ހާދިސާއެކެވެ. ދިވެހި މައަކަށް ކުރިމަތިވެފައިވާ ނިކަމެތި ހާލެވެ. މިފަދަ ކިތައް މައިން މިއަދު ރާއްޖޭގައި އެބަތިބިބާވައެވެ!
ހަމައެކަނި އެންމެ ސުވާލެކެވެ. އޭނާގެ ދަރިފުޅު އެކުރި "ޖިހާދަށް" ވާނީ ކިހިނެއްހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދީނީ އިލްމުވެރިންގެ ކިބައިން އެބަ ބޭނުންވެއެވެ. ރައްޔިތުންނަށް އެކަންކަން އޮޅުންފިލުވައިދޭން އެބަޖެހެއެވެ. މިފަދަ ސުވާލުތަކުގެ ޖަވާބު ދެއްވެން ތިއްބެވި ހަމައެކަނި ބައަކީ ދީނީ އިލްމުވެރިން ކަމަށްވާތީއެވެ.