ފުލުހުންގެ އިލްމާއި ހުނަރު ކުރިއެރުވުމަށް ނިލަންދޫގައި ޕްރޮގްރާމެއް ހިންގަައިފި
ޤާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތަކާއި ވާޖިބުތައް އަދާކޮށް ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދީ ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ފުލުހުންގެ ކިބައިގައި ހުންނަންޖެހޭ އިލްމާއި ހުނަރު ކުރިއެރުވުމަށް، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގައި "ޓްރޭނިންގ ޑޭ" ގެ ނަމުގައި، ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރުމާއި ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މަހަކު އެއްފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ފުލުހުންނަށް ކޮންމެހެން އެނގެންޖެހޭ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުމަށް ތިއަރީ ކްލާސްތަކާއި، ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ބޭނުންކުރުމުގައި އެންމެ ކުޑަ މިންވަރު ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުމުގެ އުކުޅުތަކަށް އަހުލުވެރިކުރުމަށް އަމަލީ ކްލާސްތަކެއް ކުރިއަށް ގެންގޮސްފަެިވާކަމަށެވެ.
މި ޕްރޮގްރާމަކީ ފ. އަތޮޅު ކޮމާންޑަރުގެ ބެއްލެވުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ނިލަންދޫގައި މަސައްކަތް ކުރާ ހުރިހާ ފުލުހުންނާއި ފ. މަގޫދޫގައި މަސައްކަތްކުރާ ބައެއް ފުލުހުން ބައިވެރިވިއެވެ.