ލޯކަލް މާރުކޭޓް- ބަންގާޅު މާރުކޭޓަކަށް ބަދަލުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ލޯކަލް މާރުކޭޓް- ބަންގާޅު މާރުކޭޓަކަށް ބަދަލުވެއްޖެ
ލޯކަލް މާރކެޓް ކިޔަނީ އެޤައުމެއްގައި އުފައްދާ ތަކެތި ވިއްކުމަށް ޚާއްޞަ މާރުކޭޓަކަށްވުމުންނެވެ، އަދި ލޯކަލް މާރކެޓުގައި ޢާންމުކޮށް ވިޔަފާރިކުރަން ތިބެނީ އެ ޤައުމެއްގެ މީހުންނެވެ.

ނަމަވެސް މާލޭގައި ހުރި އެންމެ ބޮޑު ލޯކަލް މާރުކޭޓުގެ ނަމަކަށް ލޯކަލް މާރުކޭޓު ކިޔާ ގޮތަކާއިމެދު މިހާރު ވަނީ ސުވާލުތައް އުފެދިފައެވެ. އެންމެ ބޮޑު ސަބަބަކީ އެތަނުގައި ވިޔަފާރިކުރުމަށާއި މަސައްކަތްކުރުމަށް ތިބެނީ ދިވެހިންކަމަށް ނުވާތީއެވެ.

މިރޭ 8:30 ހައިއިރު ލޯކަލް މާރުކޭޓަށް ޒިޔާރަތްކޮށް ބޮޑުތަކުރުފާނު މަގާއި އެންމެ ކައިރިއަށް ހުރި ދެބަރި ބަލައިލިއިރު ހުރިހައި ގޮޅިތަކެއްގައިވެސް ވިޔަފާރިކުރެއެވެ. ނަމަވެސް ދިވެހި ސޭޓުން ތިބީ އެންމެ 7 ގޮޅީގައެވެ. ދެންހުރި ހުރިހައި ގޮޅިތަކުގައި ސޭޓުންނަށް ތިބީ ބަންގްލަދޭޝް މީހުންނެވެ.

އެހެންކަމުން މިހާރު އެއީ ލޯކަލްމާރުކެޓަކަށްވާ ގޮތަކާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ވިދާޅުވަމުން ގެންދަވަނީ މިކަންކަން ބަލަހައްޓަވާ ކަމަށެވެ. އަދި މިމައްސަލަތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. ގިނަބައަކު ދަނީ މިކަންކަން ބައްލަވާ އުޞޫލަކާއިމެދު ސުވާލު އުފައްދަމުންނެވެ.

ލޯކަލް މާރުކޭޓަށް ރާއްޖެތެރެއިން ގެންނަ ބާވަތްތަކުގެ ވިޔަފާރި ކޮންޓްރޯލުކުރަނީ ބަންގާޅު މީހުން ކަމަށް ގޮޅިތަކުގައި ވިޔަފާރިކުރާ ދިވެހިން ބުނާއިރު ގޮޅިތަކުގެ ކޮންޓްރޯލް މިހާރު ދިވެހިންގެ އަތުގައި އޮތް މިންވަރަކާއިމެދުވެސް މިވަނީ ސުވާލު އުފެދިފައިކަން ފާހަގަކުރެވެއެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށް އިމިގްރޭޝަނުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމުގެ ރަނގަޅު ނަތީޖާތައްވެސް އަންނަނީ ފެންނަމުންނެވެ. އެހެންކަމާއިއެކުވެސް އިމިގްރޭޝަނުން ކުރާ މިފަދަ މަސައްކަތްތަކުގެ ނަތީޖާ ފެންނާނީ ގުޅުންހުރި އިދާރާތަކުންވެސް އެއްބާރުލުން ދީގެން ކަމަށް ބެލެވެއެވެ.

ދާދިފަހުން އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ލޯކަލް މާރުކޭޓުގެ މައްސަލަތައް ޙައްލުކުރުމަށް އެ މިނިސްޓްރީ އާއި ހައުސިންގ މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
މިއަދު އޮންލައިން